'ޖެނަރޭޝަނަލް ބޭން'ގެ ދަށުން 2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރަން ކެބިނެޓުން ނިންމި ނިންމުން ފާސްކުރުމަށް އެކަމަށްޓަކައި އެކުލަވައިލި ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
އެ ކޮމިޓީގައި ހިމަނޭ މެންބަރުންނަކީ:
- މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް
- ކާށިދޫ ދާއިރާގެ މެންބަރު މުހައްމަދު މުންތަޒިމް
- ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން
- ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު
- ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދު
- ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް
- ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)
ގާނޫނުގައި ހިމަނަން ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ ޖަނަވަރީ އެކެއް، 2007 އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލުކޮށްގެން ނުވާނެ ކަމަށާއި އެއިން މީހަކަށް އެއްވެސް މީހަކު ދުންފަތުގެ ބާވަތެއް ވިއްކައިގެން ވެސް ނުވާނެ ކަމަށެވެ.
އެ އިސްލާހުގައި ބުނެފައިވަނީ، ދުންފަތުގެ ބާވަތެއް ގަންނަނީ ކާކުކަން ނޭނގޭ ފަދަ ގޮތަކަށް ވެންޑިން މެޝިނަކުން ނުވަތަ އޮންލައިންކޮށްނާއި ޕޯސްޓް މެދުވެރިކޮށް ވެސް ވިއްކައިގެން ނުވާނެ ކަމަށެވެ.
އެހެންވެ، އިސްލާހުގައި ވާގޮތުން ދުންފަތުގެ ބާވަތެއް ގަންނަ މީހަކީ އުމުރުން 21 އަހަރުވެފައިވާ އަދި ޖަނަވަރީ 1، 2007ގެ ކުރިން އުފަންވެފައިވާ މީހެއްކަން ކަށަވަރުކުރުމަކީ ވިއްކާ ފަރާތުގެ ޒިންމާއެއް ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.
އަދި، ދުންފަތުގެ ބާވަތެއް ގަންނަ މީހެއްގެ އުމުރު ޔަގީންނުވާނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އެ ނޫން ވެސް އުމުރު އަންގައިދޭ ރަސްމީ ލިޔެކިޔުމަކުން އުމުރު ޔަގީންކުރަން ވެސް ގާނޫނުން ވަނީ މަޖުބޫރުކޮށްފައެވެ. ޖެނަރޭޝަނަލް ބޭންގެ ވާހަކަ އެންމެ ފުރަތަމަ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑުގައި މާރިޗު 27، 2025ގައެވެ.