ސިޔާސީ މުވައްޒަފުންނާއި ވަކިކުރި ކަމަށް އިއުލާނުކުރި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ސިއްރުކަން އެނގިވަޑައިނުގަންނަވާ ކަމަށާއި އެ މައުލޫމާތު ހާމަކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިތާ މިއަދަށް ހަފުތާއެއްވީއިރު ވެސް އެ މައުލޫމާތު ހާމަކުރަން ދެކޮޅު ހަދައިފިއެވެ.
ސިޔާސީ މުވައްޒަފުންނާއި ވަކިކުރި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަކުރަން ވެސް ސަރުކާރުން ވަނީ ދެކޮޅު ހަދައިފައެވެ.
ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަކުރަން ނިންމައި، އެ މައުލޫމާތު ހާމަނުކުރަން ރައީސް އޮފީހުން ހައިކޯޓަށް ވެއްދި މައްސަލައެއް މީގެ ކުރިން އަނބުރާ ގެންގޮސްފައި ވެސް ވެއެވެ. އެކަމަކު، އޭގެ ފަހުން ވަކިކުރި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ވެސް ހާމަނުކުރަން ހައިކޯޓަށް ހުށަހަޅާފައި އޮތް މައްސަލައެއް އެ ކޯޓުގައި އެބައޮތެވެ.
މި މަހުގެ ތިންވަނަ ދުވަހު ރައީސް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކަމާ ގުޅިގެން ސުވާލުކުރުމުން އެ މަނިކުފާނު ވިދާޅުވީ، އެ މައުލޫމާތުތައް ސިއްރުކޮށްފައި އޮތްކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. ވަކިކުރި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަނުކުރަން ހައިކޯޓުގައި މައްސަލަ އޮތްކަން ވެސް އެ މަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށާއި އެ މައުލޫމާތު ހާމަނުކޮށް އޮވެގެން ނުވާނެ ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވިއެވެ.
"އާދެ، ހަމަ އަޅުގަނޑަށް މި ތަނުން އެނގުނީ،" އެ މައުލޫމާތު ހާމަނުކުރާކަން ކުރިން އެނގިވަޑައިނުގަންނަވާކަން ރައީސް އެ ދުވަހު ހާމަކުރެއްވިއެވެ.
"މި ތަނުން، މި އޮފީހުން ތި ބޭފުޅުންނަށް ލިޔުމުން އެ މައުލޫމާތު ދޭނަން،"
އެ މައުލޫމާތަކީ އެ މަނިކުފާނުގެ އަތްޕުޅުގައި ހުންނެވި މައުލޫމާތެއް ކަމަށް އެ މަނިކުފާނު އެ ދުވަހު އެއްބަސްވެލެއްވިއެވެ. ވަގުތުން އެ މައުލޫމާތު ހާމަނުކުރެއްވުނު ނަމަވެސް މާ ލަސްނުކޮށް ހާމަކުރައްވާނެ ކަމަށް އެ ދުވަހު ވިދާޅުވިއެވެ.
ސަރުކާރުގައި އެކި ފެންވަރުގައި އައްޔަންކޮށްފައި ތިއްބެވި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ވެސް ލިޔުމުން ހާމަކުރައްވާނެ ކަމަށް އެ މަނިކުފާނު އެ ދުވަހު އިއުލާނުކުރެއްވިއެވެ.
އެކަމަކު، އެ ނޫސްވެރިންގެ ބައްދަލުވުމަށް ފަހު މިއަދަށް ހަފުތާއެއްވީއިރު މިހާތަނަށް ރައީސް އޮފީހުން އެ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މީގެ އެތައް މަހެއް ކުރިން ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ވެސް މިހާތަނަށް ރައީސް އޮފީހުން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ. ވަކިކުރި މުވައްޒަފުންގެ މައުލޫމާތު ސިއްރުކުރަން ހައިކޯޓަށް ރައީސް އޮފީހުން ހުށަހެޅި މައްސަލަ ވެސް އަދިވެސް އަނބުރާ ގެންގޮސްފައެއް ނުވެއެވެ.
މައުލޫމާތު ހާމަކުރާނެ ދުވަހަކާ ގުޅޭ ގޮތުން ރައީސް އޮފީހުގައި ސުވާލުކުރުމުން ވެސް މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.
މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެކަމަކު، އެކި މަސްދަރުތަކުން 'ސަން'އަށް އެނގިފައިވާ ގޮތުގައި ސިޔާސީ މުވައްޒަފުންގެ އަދަދު މިހާރު އުޅެނީ 2،000 އާއި 3،000 އާ ދެމެދުގައެވެ.
ސިޔާސީ މުވައްޒަފުން ގިނަކަމުގެ ކަންބޮޑުވުން އިދިކޮޅު ފަރާތްތަކުން ފާޅުކުރަމުން އަންނަނިކޮށް އޮކްޓޫބަރު 15، 2024 ގައި ރައީސް މުއިއްޒު ވަނީ ޚަރަދު ކުޑަކުރުމުގެ ގޮތުން 228 ސިޔާސީ މުވައްޒަފުން ވަކިކުރަން ނިންމަވައި، އެކަން އިއުލާނުކުރައްވައިފައެވެ. އޭގެ ފަހުން ނޮވެންބަރު އެކެއް، 2024 ގައި ރައީސް އޮފީހުން ވަނީ 248 ސިޔާސީ މުވައްޒަފުން ވަކިކުރިކަން ހާމަކޮށްފައެވެ.
އެ މީހުންގެ ތަފުސީލުތައް ހޯދަން އެދުމުން ރައީސް އޮފީހުން ވަނީ އެ ކަމަށް ދެކޮޅު ހަދައިފައެވެ. އެ މައްސަލަ އިސްތިއުނާފުކުރުމުން، އެ މަައުލޫމާތު ހާމަކުރަން ޖަނަވަރީ 23 ވަނަ ދުވަހު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވެސް ވަނީ ނިންމައިފައެވެ. އެކަމަކު، ރައީސް އޮފީހުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.