އިންޑިއާއިން ޕާކިސްތާނާ ދެކޮޅަށް ފެށި ހާއްސަ މިލިޓަރީ ހަރަކާތް "އޮޕަރޭޝަން ސިންދޫރު"ގެ ނަމުގައި ފިލްމެއް އިއުލާނުކުރި ޚަބަރު ޕޫޖާ ފިލްމްސްއިން ދޮގުކޮށްފިއެވެ.
ޕޫޖާ ފިލްމްސްއިން މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ޕްރޮޑަކްޝަން ކުންފުނީގެ ވަޝޫ ބަގްނާނީ އާއި ޖެކީ ބަގްނާނީ "އޮޕަރޭޝަން ސިންދޫރު"ގެ ނަމުގައި އުފައްދާ ފިލްމެއްގެ މަސައްކަތުގައި ޝާމިލުނުވާ ކަމަށެވެ.
މިއީ އިންޑިއާއަށާއި އެ ޤައުމުގެ އަސްކަރީ ފޯސްތަކަށް ވަރަށް ނާޒުކު ދަނޑިވަޅެއް ކަމަށާއި ޕުޖާ ފިލްމްސްގެ ދުއާ އަކީ އިންޑިއާއަށް އަމާންކަން ލިބި ޤައުމުގެ އަސްކަރީ އޮފިސަރުން ސަލާމަތުން އެނބުރި ޤައުމަށް އައުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އިންޑިއާގެ ޚަބަރުތައް ގެނެސްދޭ އެންޑީޓީވީގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން މި ފިލްމަކީ ނިކީ ވިކީ ބަގްނާނީ އާއި ކޮންޓެންޓް އިންޖިނިއާ ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

ޕޫޖާ ފިލްމްސްއިން ނެރެފައިވާ ސޯޝަލް މީޑިއާ ސްޓޭޓްމަންޓް--ފޮޓޯ/ޒީނިއުސް
ފިލްމުގެ ޕޯސްޓަރާ އެކު މި ފިލްމުގެ ޚަބަރުތައް މީޑިއާތަކުން ރިޕޯޓު ކުރަން ފެށުމާ އެކު މި ދެ ކުންފުންޏަށް ވެސް އާއްމުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
އިންޑިއާ އާއި ޕާކިސްތާނުގެ މަސްލަހަތު ވަރަށް ބޮޑަށް ގޯސްވެ ބޮޑު ހަނގުރާމައަކަށް ދިއުމަށް ދެ ޤައުމުން ތައްޔާރުވަމުން އައި މި ދަނޑިވަޅުގެ ބޭނުންހިފާ ފިލްމެއް އިއުލާނުކުރުމަކީ ލަނދުވެތި އަމަލެއް ކަމަށް ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.
މި ފިލްމުގެ ޑައިރެކްޓަރުން ކަމަށް ރިޕޯޓުތަކުން ބުނެފައިވާ އުއްތަމް-ނިތިންއަށް ވެސް ގިނަ ބަޔަކު ފާޑުކިޔާފައި ވާއިރު ދެ މީހުން ވެސް ވަނީ އާއްމުންގެ ފަރާތުން މައާފަށް އެދިފައެވެ.
އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ޑައިރެކްޓަރު އުއްތަމް މަހޭޝްވަރީ ބުނެފައި ވަނީ، މި ފިލްމު އެ މީހުން އިއުލާނުކުރީ ވަރަށް ނާޒުކު ދަނޑިވަޅެއްގައި ކަމަށް ގަބޫލުކުރާ ކަމަށާއި ނަމަވެސް އިންޑިއާގެ އަސްކަރީ އޮފިސަރުން މި އޮޕަރޭޝަންގައި ދެއްކި ހިތްވަރާއި ޤުރުބާނީ ފެނި ބެލުންތެރިންނަށް އެ ވާހަކަތައް ގެނެސްދިނުމަކީ އޭނާ ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމަށެވެ.
'އޮޕަރޭޝަން ސިންދޫރު'އަކީ މިދިޔަ މަހުގެ 22 ވަނަ ދުވަހުން ކަޝްމީރުގެ ޕަހަލްގަމްއަށް ހަތިޔާރު އެޅި ޖަމާއަތަކުން ދިން ޓެރަރިސްޓު ހަމަލާގައި އިންޑިއާގެ 25 މީހަކު މަރާލުމާ ގުޅިގެން އޭގެ ޒިންމާ ޕާކިސްތާނުގެ ބޮލުގައި އަޅުވައި، އެ ޤައުމާ ދެކޮޅަށް އިންޑިއާއިން ފެށި މިލިޓަރީ އޮޕަރޭޝަނެކެވެ.
މި ހަމަލާތަކާ އެކު ދެ ޤައުމުގެ މަސްރަހު ވަރަށް ބޮޑަށް ގޯސްވެ ގިނަ ބަޔަކު އެކަމާ ކަންބޮޑުވުން ފާޅުކުރަމުން އަންނަނިކޮށް އިއްޔެގެ ވަގުތެއްގައި ހަމަލާތައް ހުއްޓާލުމަށް ނިންމައި އެކަމާ ގުޅޭ އެއްބަސްވުން އިންޑިއާ އާއި ޕާކިސްތާނުން ވަނީ ތަންފީޒުކުރަން ފަށާފައެވެ.