އަޒްމިރަލްދާގެ ދިފާއުގައި ދިޔާނާ: ތުހުމަތަށް ޖަވާބުދާރީ ނުވެވޭނަމަ، އަމަލު ކުރެވޭ ގާނޫނު އަސާސީއެއް ނެތް

ކުރީގެ ބަންޑާރަނައިބު، ދިޔާނާ ސައީދު: ތުހުމަތަށް ޖަވާބުދާރީ ނުވެވޭނަމަ، އަމަލު ކުރެވޭ ގާނޫނު އަސާސީއެއް ނެތް ކަމަށް ވިދާޅުވި -- ފޮޓޯ/ ދިޔާނާ ސައީދު، ފޭސްބުކް

މީހަކާމެދު ތުހުމަތެއް އުފުލޭއިރު، އަދި އެ ކަމުގައި ފިޔަވަޅެއް އަޅާއިރު ވެސް ތުހުމަތުވާ މީހާއަށް އޭނާގެ ބަސް އިއްވުމުގެ ފުރުސަތު ނުދޭނަމަ، އެއީ ގާނޫނުއަސާސީ ނެތުމުގެ ގޮތުގައި ކުރީގެ ބަންޑާރަނައިބު، ދިޔާނާ ސައީދު ސިފަކުރައްވައިފިއެވެ.

ކްރިމިނަލް ކޯޓުގެ ޣާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ ނިންމައިފައެވެ. އެ ކޯޓުގެ ފަނޑިޔާރުން ވަކިކުރެވެނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން ކަމަށްވުމުން، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިހާރު ދަނީ އެ މައްސަލަ ދިރާސާކުރަމުންނެވެ.

އެ މައްސަލަ ޖޭއެސްސީން ތަހުގީގު ކުރި ގޮތާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވާފައިވާ އަޒްމިރަލްދާގެ އިތުރުން މަހާޒް ވަނީ، ދެ ބޭފުޅުންގެ ފަރާތުން ހުރި ޝަކުވާތަކާއި ކަންބޮޑުވުންތައް ހިއްސާކުރުމަށް ވަކީލާއެކު ކޮމިޓީއަށް ހާޒިރުވުމުގެ ފުރުސަތަކަށް އެދިވަޑައިގެންފައެވެ. އެހެންނަމަވެސް އިއްޔެ ކޮމިޓީން ނިންމީ އެ ފުރުސަތު އަޒްމިރަލްދާއަށް ނުދިނުމަށެވެ.

https://sun.mv/205828

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފިޔަވަޅު އަޅައި ވަކިކުރަން އުޅޭ މައްސަލައިގައި މީގެ ކުރިން ވެސް ދިޔާނާ ވަނީ ނުރުހުން ފާޅުކުރައްވައިފައެވެ. އެ މައްސަލައިގައި ރޭ އޭނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މީހަކާމެދު ތުހުމަތު އުފުލޭ ހާލަތެއްގައި އެ މީހަކަށް ވެސް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަކީ އަދުލުވެރިކަމުގެ އެންމެ އިސް އެއް ހަމަ ކަމަށެވެ.

އަދި ގައުމުގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގައި އަމަލުކުރަންޖެހޭ ޚާއްސަ އިޖުރާއަތެއް އޮންނަކަން ވެސް ފާގަހަކުރެއްވިއެވެ. ދިޔާނާ ވިދާޅުވީ، ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަކީ އެންމެ އާދައިގެ ވިސްނުމުން ބަލާއިރު ވެސް ތަބާވާން ޖެހޭ ހަމައެއް ކަމަށެވެ.

"މިތާކު މިހާރު އަމަލުކުރާ ގާނޫނު އަސާސީއެއް އޮތް ކަމަށް ބެލެވެން ނެތް،" ދިޔާނާ ވިދާޅުވެފައިވެއެވެ.

އަޒްމިރަލްދާއާއި މަހާޒް ވަކިކުރަން ޖޭއެސްސީން ނިންމުމުގެ ކުރިން އެ ދެ ބޭފުޅުން ތިއްބެވީ ސަސްޕެންޝަނުގައެވެ. މިދިޔަ ފެބްރުވަރީ މަހުގެ 26ގައި އެ ދެ ބޭފުޅުންނާއެކު ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ސަސްޕެންޑުކުރިއިރު އޭނާ ވަނީ ފަހުން މަގާމުން އިސްތިއުފާދެއްވައިފައެވެ.

އެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ، ސަރުކާރުގެ މަސްލަހަތު އޮތް މައްސަލައެއް އެ ކޯޓުގައި ބަލަމުން ދަނިކޮށެވެ.

ޖޭއެސްސީން އަޒްމިރަލްދާއާއި މަހާޒްގެ މައްސަލަ ނިންމައި މަޖިލީހަށް ހުށަހެޅި ސިޓީގައި ބުނެފައިވާ ގޮތުގައި މަހާޒާއި އަޒްމިރާލްދާގެ މައްޗަށް، ޑރ. އިސްމާއީލް ކޯޓުން ދޫކޮށްލުމުގައި އެ ކޯޓުގެ ޣާޒީންނަށް ނުފޫޒު ފޯރުވިކަން ސާބިތުވެއެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އެ ދެ ފަނޑިޔާރުން ވަކި ކުރަން ނިންމައިފައިވާ ކަމަށް ބުނެފައިވެއެވެ.

ސުއޫދާއި އަޒްމިރަލްދާ މީގެ ކުރިން ވަނީ، ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށް ތުހުމަތުކުރައްވައިފައެވެ. އަދި ސަރުކާރުގެ ބޭނުމަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުގެ މައްސަލަ އެ ކޯޓުން ބެލުން ހުއްޓުވުން ކަމަށް އެ ދެ ބޭފުޅުން ތުހުމަތުކުރައްވާފައިވެއެވެ.

comment ކޮމެންޓް