އައްޑޫ ފެނަކަ ބްރާންޗުން ބޮޑެތި ކޮރަޕްޝަންތަކެއް، 76 މިލިއަން ރުފިޔާ ގެއްލުނު: އޮޑިޓު

ފެނަކަ އައްޑޫގެ ސްޓޭޝަނެއް: ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ އައްޑޫ ބްރާންޗުން ބޮޑެތި ކޮރަޕްޝަންތަކެއް ހިންގާފައިވާ ކަމާއި، އެ ކަމުގެ ސަބަބުން އެ ކުންފުންޏަށް 76 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައިވާ އޮޑިޓު ރިޕޯޓުގައި ވަނީ ބުނެފައި -- ފޮޓޯ/ ފެނަކަ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ އައްޑޫ ބްރާންޗުން ބޮޑެތި ކޮރަޕްޝަންތަކެއް ހިންގާފައިވާ ކަމާއި، އެ ކަމުގެ ސަބަބުން އެ ކުންފުންޏަށް 76 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފިއެވެ.

ފެނަކައިން އައްޑޫގައި ހިންގާ ބްރާންޗުތަކާއި ޕްރޮޖެކްޓުތަކުގެ، 2021އިން 2023އަށް ޚާއްސަ އޮޑިޓު ރިޕޯޓު ވަނީ އާންމުކޮށްފައެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 2021އިން 2024ގެ ނިޔަލަށް އައްޑޫ ފެނަކަ ބްރާންޗުން ވަނީ ހަތަރު ޕްރޮޖެކްޓެއް އިންހައުސްކޮށް ކުރިޔަށް ގެންގޮސްފައެވެ. އެއީ:

  • ސެންޓްރަލް ޕަވަހައުސްގެ އައު އިމާރާތް
  • ހިތަދޫ އޮފީހުގެ އައު އިމާރާތް
  • މަރަދޫފޭދޫ އައު އިމާރާތް
  • ހުޅުމީދޫ އޮފީހުގެ އައު އިމާރާތް

މިދިޔަ އަހަރުގެ ނިޔަލަށް މި ހަތަރު ޕްރޮޖެކްޓަށް ޖުމްލަ 117،472،485 ރުފިޔާ ޚަރަދުކޮށްފައިވާއިރު، މި ޕްރޮޖެކްޓުތައް އެއްކޮށް ނިންމުމަށް ޚަރަދުވަނީ 109،063،500 ރުފިޔާ ކަމަށް އޮޑިޓު ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ. އެހެން ނަމަވެސް މި ހަތަރު މަޝްރޫއުގެ މަސައްކަތް ގޮސްފައިވާ ހިސާބުން ފެށިގެން އެއްކޮށް ފުރިހަމަކުރުމަށް އިތުރު 68،500،884 ރުފިޔާ ޚަރަދުވާނެ ކަމަށް ވަނީ އަންދާޒާ ކޮށްފައިވެއެވެ.

އެހެން ކަމުން މިއީ އެ ކުންފުންޏަށްވީ 76،910،869 ރުފިޔާގެ ބޮޑު ގެއްލުމެކެވެ.

އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ މި ޕްރޮޖެކްޓުތަކުގެ ޚަރަދުތަކާ ގުޅޭ ލިޔުންތައް އެ ކުންފުނިން ދިން ނަމަވެސް، އެއް ޕްރޮޖެކްޓުން އަނެއް ޕްރޮޖެކްޓަށް ޓްރާންސްފާކޮށްފައިވާ މެޓީރިއަލްތަކާއި މުވައްޒަފުންގެ ޚަރަދުތައް އެނގޭކަށް ނެތް ކަމަށެވެ.

މީގެ އިތުރުން ފާހަގަކޮށްފައިވާ ބައެއް މައްސަލަތައް

  • މުވައްޒަފުންގެ އަމިއްލަ ބޭންކު އެކައުންޓުތަކަށް ކުންފުނީގެ ޕެޓީކޭޝް ޖަމާކުރުން
  • އާއިލީ ގޮތުން ގުޅުންހުރި ވިޔަފާރިތަކުން ތަކެތި ގަތުން
  • ޑޮކިއުމަންޓު ފޯޖުކޮށްގެން ޕެޓީކޭޝްއިން ފައިސާ ނެގުން
  • ރަށުން ބޭރުން ގެންނަ މުވައްޒަފުންގެ ތަފުސީލު ބަލަހައްޓާފައި ނުވުން
  • ހަލާކު ވެގެންދާހާ ދުވަސް ކުރިން ތަކެތި ގަތުމަށްފަހު، ރައްކާތެރި ނޫން ތަނެއްގައި ގުދަންކުރުން
  • މުވައްޒަފުންގެ ގަވާއިދާ ޚިލާފަށް މަގާމުގެ ކުރިއެރުންދީ، ދާއިމީކޮށްފައިވުން
  • ގެއްލުންވާ ގޮތަށް ތަކެތި ކުއްޔަށް ނެގުން
  • އާމްދަނީގެ ފައިސާ ވެސް އަމިއްލަ އެކައުންޓަށް ޖަމާކުރުން (އެ މައްސަލަ ފާހަގަ ވެގެން މުވައްޒަފަށް އެންގުމުން، އަނބުރައި އެ ފައިސާ ދީފައިވޭ)
  • ޖީއެސްޓީއަށް ރެޖިސްޓްރީ ނުކުރާ ކުންފުންޏަކަށް ޖީއެސްޓީ ދެއްކުން
  • ކަރަންޓާއި ފެން ބިލުން ލިބެންވާ 77 މިލިއަން ރުފިޔާ ލިބިފައިނެތުން
  • ކޭބަލްތަކެއް ގެއްލިގެން އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާކަން އެނގެން ނެތުން
  • 9 މިލިއަން ރުފިޔާގެ ފެން ލީކުވުން
  • ފެނުގެ ރައްކާތެރިކަން ކަށަވަރު ނުކުރުން

މި މައްސަލަތަައް އިސްލާހު ކުރުމަށް އޮޑިޓު އޮފީހުން ލަފާދީފައިވަނީ، ކުންފުންޏަށް ގެއްލުންވާ ގޮތަށް އަދި ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ލިބޭގޮތަށް އަމަލުކޮށްފައިވާތީ، މުވައްޒަފުންނާ މެދު ފިޔަވަޅު އަޅައި، އެ މައްސަލަ އެންޓި ކޮރަޕްޝަމް ކޮމިޝަން (އޭސީސީ)އަށް ހުށަހެޅުމަށެވެ.

މާލެއަށް ފަހު ރާއްޖޭގެ އެންމެ ބޮޑު އާބާދީ އޮންނަ އައްޑޫ ސިޓީގައި ކަރަންޓު ކެނޑުމުގެ މައްސަލަތައް އާންމުކޮށް ދިމާވެއެވެ. ޚާއްސަކޮށް ފާއިތުވި ދޮޅު އަހަރުތެރޭގައި އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ކަރަންޓު ކެނޑޭ ކަމުގެ ޝަކުވާ ވަނީ ވަރަށް ބޮޑުވެފައެވެ.

ދައުލަތުގެ ކުންފުންޏެއް ކަމަށްވާ ފެނަކައަކީ މީގެ ކުރިން ވެސް ކޮރަޕްޝަނުގެ ގިނަ ތުހުމަތުތަކެއް އަމާޒުވެފައިވާ ކުންފުންޏެކެވެ. އެގޮތުން އޭރަކު އޮންނަ ސަރުކާރަކަށް ފައިދާވާ ގޮތަށް، ކުންފުންޏަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ވަޒީފާތައް ދިނުމާއި މަޝްރޫއުތައް ނުހައްގުން ދިނުމުގެ މައްސަލަތައް ހިމެނެއެވެ. އެފަދަ މައްސަލަތަކުގައި، ފެނަކައިގައި ކުރީގައި އިސްކޮށް ތިބި ބައެއް މީހުންނަށް ދައުވާ ވެސް ކޮށްފައިވެއެވެ.

comment ކޮމެންޓް