ވޮޝިންޓަން (10 މެއި 2025): އިންޑިއާއާއި ޕާކިސްތާނާ ދެމެދު ބަދަލުކުރަމުން ގެންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އެދެގައުމުން އެއްބަސްވެއްޖެކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރެއްވުމާއެކު ހަމަލާތައް ހުއްޓާލިކަން އެދެގައުމުންވެސް ހާމަކޮށްފިއެވެ.
އިންޑިއާއިންވަނީ އެގައުމުގެ ގަޑިން މިއަދު ހަވީރު 5:00އިން ފެށިގެން ހަމަލާތައް ހުއްޓާލާފައިވާނެކަމަށް ބުނެފައެވެ. ޕާކިސްތާނުންވެސް ވަނީ ހަމަލާތައް ހުއްޓާލިކަން އިއުލާން ކޮށްފައެވެ. ހަމަލާތައް ހުއްޓާލިކަން އިންޑިއާއާއި ޕާކިސްތާނުން އިއުލާން ކުުރުމަށްފަހު ދެގައުމުން ކުރެ އެއްގައުމުންވެސް އަނެއް ގައުމުގެ މައްޗަށް ހަމަލާއެއް ދިން ކަމުގެ ތުހުމަތު ކޮށްފައި ނުވާކަަމަށް ރިޕޯޓްތައް ބުނެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާ ހަވާލާދީ ރޮއިޓާސް ބުނިގޮތުގައި ހަމަލާ ހުއްޓާލީ އިންޑިއާއާއި ޕާކިސްތާނުގެ އިސްވެރިންނާ ގުޅައިގެން އެމެރިކާ ކުރި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ. ހަމަލާތައް ހުއްޓާލީ ޝަރުތަކާނުލައި ކަމަށާއި އެއީ އޭނާ ވަރަށް ބޮޑަށް އުފާވި ކަމެއް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޕާކިސްތާނު ގެ ސިފައިން
ރޮއިޓާސް ބުނެފައިވާ ގޮތުން ޓްރަމްޕްގެ އެދިވަޑައިގަތުމަށް އިންޑިއާ ޕާކިސްތާނުގެ ޚާރިޖީ ވަޒީރުންނާ ގުޅުއްވައިގެން ހަމަލާތައް ހުއްޓާލުމުގެ މަޝްވަރާތައް ކުރިޔަށް ގެންދެވީ އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޮބިއޯ އެވެ.
އިންޑިއާގެ މީޑިއާތައް ބުނާގޮތުން ހަމަލާތައް ފެށިފަހުން އިންޑިއާއާއި ޕާކިސްތާނުން ފުރަތަމަ ފަހަރަށް މިއަދުވަނީ ދެގައުމުގެ މަތީފެންވަރުގެ ބޭފުޅުންގެ މެދުގައި ހަމަލާތައް ހުއްޓާލުމުގެ މަޝްވަރާތަކެއް ފޯނު މެދުވެރިކޮށް ކުރިޔަށް ގޮސްފައެވެ. ޕާކިސްތާނުގެ މިޑިއާތަކުންވެސް މިކަން ކަށަވަރުކޮށްދެއެވެ.
ރިޕޯޓްތައް ބުނާގޮތުން ހަމަލާތައް ހުއްޓާލަން ދެގައުމުވެސް ބޭނުންވެއެވެ. ހަނގުރާމަ ކޮށްގެން އެއްވެސް ފައިދާއެއް ހާސިލް ކުރުމަކީ ދެގައުމުންކުރެ އެއް ގައުމަކަށްވެސް ކުރެވޭނެ ކަމެއް ނޫންކަން ދެގައުމުވެސް ގަބޫލުކުރެއެވެ. އެއީ އެއްވެސް ގައުމެއް އަސްކަރީ ގޮތުން ބަލިކޮށްލުމުގެ ގާބިލްކަން އަނެއްގައުމުގައި ނެތުމުންނެވެ.
ދެގައުމުގެ އަސްކަރީ ތިލަފަތް ދާދި އެއްވަރުވަރެއްގައި ވުމުންނެވެ. ޕާކިސްތާނާ އަޅާބަލާއިރު އިންޑިއާގައި ހަތިޔާރާއި ސިފައިންގެ އަދަދު ގިނަ ނަމަވެސް އަދި އިންޑިއާގެ އިގްތިސާދު ޕާކިސްތާނުގެ އިގްތިސާދަށް ވުރެ ވަރުގަދަ ނަމަވެސް ކޮލިޓީ މޮޅު ހަތިޔާރު ގިނަކަމަށްވަނީ ޕާކިސްތާނުގައެވެ. އަދި ސިފައިންގެ ލަޝްކަރުތައް ޕްރޮފެޝަނަލް ވެފައި ސިފައިންގެ ތަމްރީންތައްވެސް މޮޅީ ޕާކިސްތާނުގައި ކަމަށް ދެގައުމުގެ އަސްކަރީ ތިލަފަތް ދިރާސާކުރުމަށްފަހު ވޯލްޑް ފަޔާ ޕަވަރ އިން ނެރެފައިވާ ރިޕޯޓްތައް ބުނެއެވެ.

އިންޑިއާ ގެ ސިފައިން
މީގެއިތުރުން މި ދެގައުމަކީ ނިއުކްލިޔާ ހަތިޔާރުގެ ގާބިލްކަން ލިބިފައިވާ ދެގައުމު ކަމަށް ވުމީވެސް އެއްގައުމު އަނެއް ގައުމަށް އަސްކަރީ ގޮތުން ބަލި ނުކުރެވޭނެ ސަބަބެކެވެ.
ރިޕޯޓްތައް ބުނާގޮތުން ދެގައުމުގެ މަސްރަހު އިތުރަށް ފިނިކޮށް މުސްތަގްބަލްގައިވެސް ހަމަލާތައް ފެށުނަ ނުދިނުމަށްޓަކައާ އަދި ދެގައުމުގެ ދެމެދުގައި އަލުން އިތުބާރު އުފެއްދުމަށްޓަކައި އިންޑިއާއާއި ޕާކިސްތާނުގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރުންގެ ބައްދަލުވުމެއް ބޭއްވުމަށް ޕާކިސްތާނު އެދުމުން އިންޑިއާ ވަނީ އެކަމަށް އެއްބަސްވެފައެވެ.
އިންޑިއާ އެދެނީ މި ބައްދަލުވުން އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވުމަށެވެ.
ޕާކިސްތާނާއި އިންޑިއާއިން ހަމަލާތައް ބަދަލުކުރަމުން ގެންދާތާ މިހާރުވަނީ 4 ދުވަސްވެފައެވެ. ހަމަލާތައް ފެށުނީ ކަޝްމީރުގެ އިންޑިއާ ފަޅިއަށް މިދިޔަ މަހު ގޮތްނޭންގޭ ބަޔަކު ދިން ޓެރަރިސްޓް ހަމަލާއެއްގެ ފަހަތުގައި ޕާކިސްތާން އޮތްކަމުގެ ތުހުމަތު އިންޑިއާއިން ކުރުމާ ގުޅިގެންނެވެ.
ތުހުމަތު ތަކަށްފަހު އިންޑިއާއިން ޕާކިސްތާނާ ދެކޮޅަށް ޑިޕްލޮމެޓިކް ގޮތުން ފިޔަވަޅުތައްވެސް އަޅައި މަސްރަހު ހޫނުކުރުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.
ޕާކިސްތާން ބުނާގޮތުން އެ ޓެރަރިސްޓް ހަމަލާގެ ފަހަތުގައި ޕާކިސްތާން އޮތްކަމުގެ އެއްވެސް ހެއްކެތް އިންޑިއާއަށް ދެއްކިފައެއް ނުވެއެވެ. ޓެރަރިސްޓް ހަމަލާތައް ދިން މީހުން އަތުލައި ގަތުމުގައިވެސް އިންޑިއާވަނީ ފެއިލް ވެފައެވެ.
އިންޑިއާ ބުނާގޮތުން އެމީހުން ފިލައި ތިބީ ކަޝްމީރުގެ ޕާކިސްތާން ފަޅީގައެވެ. އިންޑިއާގެ ކަޝްމީރު ފަޅީގައި ތިބެގެން ޓެރަރިޒަމްގެ އަމަލުތައް ހިންގާފައި އިންޑިއާ ސިފައިންނާއި ސަރަހައްދީ ރޮނގު ބަލަހައްޓާ ގާޑުންނަށް ފިލައިގެން ޓެރަރިސްޓުން ކަޝްމީރުގެ އިންޑިއާ ފަޅިއަށް ދިޔައީ ކިހިނެތްކަން އިންޑިއާ ހާމަކޮށްފައެއް ނުވެއެވެ.
ޕާކިސްތާނާ ދެކޮޅަށް ޑިޕްލޮމެޓިކް ފިޔަވަޅުތައް ފުރަތަމަ އެޅީ އިންޑިއާއިންނެވެ. ރައްދުގައި ޕާކިސްތާނުންވެސް އިންޑިއާއާ ދެކޮޅަށް ފިޔަވަޅުއެޅިއެވެ. އަދި މީގެހަތަރު ދުވަސްކުރިން ޕާކިސްތާނަށް އިސްވެ ހަމަލާދިނީވެސް އިންޑިއާއިންނެވެ.
ނަމަވެސް އިންޑިއާ ބުނާގޮތުން ހަމަލާދިނީ ޓެރަރިސްޓް ހަމަލާދިން މީހުން ފިލައިގެން ތިބި ކަޝްމީރުގެ އިންޑިއާ ފަޅީގެ ސަރަހައްދަކަށެވެ. ޕާކިސްތާން ސިފައިންގެ އަމާޒުތަކަކަށް ނޫނެވެ. ބޭނުމަކީ ޓެރަރިސްޓުންނަށް އަދަބު ދިނުމެވެ. ޕާކިސްތާނަށް ގެއްލުން ދިނުމެއް ނޫނެވެ.
ނަމަވެސް ރައްދުގައި ޕާކިސްތާންވެސްވަނީ ވައިގެ މަގުން އިިންޑިއާއަށް ހަމަލާދީ އިންޑިއާގެ ވައިގެ ސިފައިންގެ 4 ފައިޓާޖެޓް ވައްޓާލާފައެވެ.
ރިޕޯޓްތައް ބުނާގޮތުން ޕާކިސްތާނުން މިކަން ކުރީ އިންޑިއާގެ ޖެޓްތައް ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަނުމުގެ ކުރިންނެވެ. އެ ޖެޓްތައް ކަޝްމީރުގެ އިންޑިއާ ފަޅީގައި އުދުހެމުން ދަނިކޮށް ކަޝްމީރުގެ އިންޑިއާ ފަޅީގެ ވައިގެ ސަރަހައްދަށް ހަމަލާދީގެންނެވެ. އިންޑިއާގެ ވައިގެ ސަރަހައްދުގެ ހުރުމަތް ކަނޑާލާފައެވެ.
ޕާކިސްތާނުން މިޖެޓްތައް ވައްޓާލިކަމަށް އެއްބަސްވުމަށް އިންޑިއާވަނީ އިންކާރުކޮށްފައެވެ. ނަމަވެސް ރޮއިޓާސް ނޫސް އެޖެންސީންވަނީ މި ޖެޓްތަކުގެ ވެއްޓިފައިވާ ބައިތަކުގެ ފޮޓޯތައް ހާމަކޮށްފައެވެ.
ހަމަލާތައް ހުއްޓާލަން އިންޑިއާއި ޕާކިސްތާނުން އެއްބަސްވިކަން އެމެރިކާގެ ރައީސް އިއުލާން ކުރައްވާފައި މިވަނީ "ބުންޔާނުލް މަރުސޫސް" ގެ ނަމުގައި ރޭ ފަތިހު ޕާކިސްތާނުން އިންޑިއާގެ 36 އަމާޒަކަށް ވަރުގަދަ ހަމަލާތަކެއް ދިންތާ 12 ވަރަކަށް ގަޑީއިރު ތެރޭގައެވެ.
މި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ޕާކިސްތާނާ ދެކޮޅަށް އިންޑިއާ މާބޮޑު އަސްކަރީ ހަރަކާތެއް ހިންގިކަން ހާމަވެފައެއް ނުވެއެވެ. މިއީ މަސްރަހު ހޫނު ކުރުމުގެ ބަދަލުގައި މަސްރަހު ފިނިކުރަން އިންޑިއާ ބޭނުންވާ ކަމުގެ ހެއްކެތްކަމަށް މުރާސިލުން ބުނެއެވެ.