މޯލްޑިވްސް 2.0 އަކީ އީވޯޓިން ގެނެސް އިންތިޚާބު އޮޅުވައިލުމުގެ ފެށުން: މަހުލޫފް

އަޙްމަދު މަޚްލޫފް: އޭނާ ވަނީ މޯލްޑިވްސް 2.0 އަކީ އީވޯޓިން ގެނެސް އިންތިޚާބު އޮޅުވައިލުމުގެ ފެށުން ކަމަށް ވިދާޅުވެފަ -- ފޮޓޯ/ މަޖިލީސް އިދާރާ

ދައުލަތުގެ ހުރިހާ މުއައްސަސާތައް ޑިޖިޓަލައިޒްކުރުމުގެ ނަގައި މިރޭ މޯލްޑިވްސް 2.0ގެ ނަމުގައި ރަސްމީކޮށް އިފްތިތާހުކުރެވުނީ އިލެކްޓްރޯނިކް ވޯޓިން ތައާރަފްކޮށް އިންތިހާބު އޮޅުވާލުމުގެ އުންމީދުގައި ފެށި މަސައްކަތެއް ކަމަށް ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު މިރޭ ވިދާޅުވެއްޖެއެވެ.

މިރޭ އިފްތިތާހު ކުރެވުނު މޯލްޑިވްސް 2.0 އަކީ ސަރުކާރުން ޚިދުމަތްކުރާ ގޮތާއި، އިގްތިޞާދު ކުރިއަރަމުންދާ ގޮތާއި، އާންމު ޚިދުމަތާއި، ޒަރޫރީ މައުލޫމާތު ކޮންމެ ދިވެއްސަކަށް، ކޮންމެ ރަށަކަށް ފޯރުވާގޮތް އަލުން ބައްޓަންކުރުމުގެ ތަސައްވުރެކެވެ.

އެ ތަސައްވުރާ ގުޅުވައި، މަހުލޫފު މިރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވަރަށް ސާފުކޮށް އޭނާ އެކަމާ ސީދާ ދެކޮޅު ކަމަށެވެ.

އެއީ 2028ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވަން ދުރާލާ ފެށި މަސައްކަތެއްގެ ގޮތުގައި މަހުލޫފުވަނީ ސިފަކުރައްވައިފައެވެ. އަދި މުސްތަގްބަލުގައި އީވޯޓިން ތައާރަފްކޮށް ވޯޓު އޮޅުވައިލަން ފަށާ ކަމެއްކަމަށް މަހުލޫފު ވަނީ ވިދާޅުވެފައެވެ.

އެގޮތުން އޭނާ ވަނީ މިހާރުގެ ނިޒާމުގެ ތެރެއިން، ރިޔާސީ އިންތިޚާބުގެ ނަތީޖާ ދެ ގަަޑިއިރެއް ހާއިރުން ސާފުވާ ކަމަށާއި، ޔަގީންކަމާއެކު ބޭނުން މީހަކަށް ވޯޓުދީ، ވޯޓު އޮޅުވައިނުލެވޭނެކަން ވެސް ޔަގީންކުރެވޭ ކަމަށް ވިދާޅުވެފައެވެ.

އެއާ ޚިލާފަށް އިލެކްޓްރޯނިކް ވޯޓުލާ ޤައުމުތަކުގައި ވެސް، ވޯޓު އޮޅުވައިލުމުގެ ތުހުމަތުތައް ފެންމަތިވާއިރު، ގިނަ ގައުމުތައް މިހާރު އަންނަނީ އެ ނިޒާމު ބަދަލުކުރަމުން ކަމަށް ވިދާޅުވިއެވެ.

އެއާއެކު، ސަރުކާރުގެ އާ ސިޔާސަތަކާއެކު، ވޯޓާ ކުޅެން ފުރުސަތުދީ، މިނިވަންކަމާއެކު ވޯޓުލުމުގެ ހަައްގު ނިގުޅައިގަންނަން ޖާގަދޭން ބޭނުން ނުވާކަމަށް މަހުލޫފު ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ ހުރިހާ ޒާތީ މައުލޫމާތެއް، ލޯމަރާފައި ސަރުކާރުގެ އަތްމައްޗަށް ދޫކޮށްލާވަރަށް ސަރުކާރަށް އިތުބާރު ކުރެވިދާނެތޯ އެއީ މިއަދު ކޮށްލަން ރަނގަޅު ސުވާލެކެވެ. ރައްޔިތުންގެ ޚިޔާލު އަދި ރައްޔިތުންގެ އިތުބާރު ނުހޯދާ މި މަސައްކަތް ކުރިއަށް ގެންދަންވާނެކަމަށް ނުދެކެމެވެ. ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް

މޯލްޑިވްސް 2.0އާ ގުޅޭ ސަމިޓު ފެށުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ މޯލްޑިވްސް 2.0 ގެ ޑިޖިޓަލް ބަދަލަކީ ރާއްޖެއިން ކޮރަޕްޝަން ނައްތައިލައި، ދެފުށް ފެންނަ ހާމަކަން ބޮޑު ގޮތެއްގައި ސަރުކާރު ހިންގުމަށް ކޮންމެހެން މުހިންމު ހެޔޮ ބަދަލެއް ކަމަށް ވިދާޅުވެފައެވެ.

ހޯމްލޭންޑް ސެކިއުރެޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާނު ވިދާޅުވީ މޯލްޑިވްސް 2.0 އަކީ މުޅި ދިވެހި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ހިމެނޭހެން ދައުލަތުގެ ތިން ބާރު ވެސް ފުރިހަމައަށް ބައިވެރިވާގޮތަށް ފަރުމާކޮށްފައިވާ ސިޔާސަތެއް ކަމަށެވެ.

comment ކޮމެންޓް