"ޑީ" ފާހުން 30،000 ރުފިޔާ ލިބެން އޮތް ވަޒީފާގެ އިއުލާން ބާތިލުކޮށްފި

ބައިނަލްއަގުވާމީ ދާރުލްއާސާރު ދުވަހާއި ގުޅިގެން ބޭއްވި ދަރެހުގައި ވަޒީރު ވާހަކަފުޅު ދަައްކަވަނީ -- ފޮޓޯ/ ތަރިކައާބެހޭ ވުޒާރާ

އެންމެ ދަށްވެގެން "ޑީ" ފާހެއް އޮތްނަމަ ވެސް ، 30،000 ރުފިޔާގެ މުސާރައެއް ލިބޭހެން ދިވެހި ބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން، ވިލަރެސްވެރިން ހޯދަން ކުރި އިއުލާނު މިއަދު ބާތިލުކޮށްފިއެވެ.

މިނިސްޓްރީން މި ވަޒީފާއަށް މިދިޔަ ބުދަ ދުވަހު އިއުލާނު ކުރުމުން ގިނަ ބައެއްގެ ނުރުހުމާއި، ފާޑުކިޔުން ވަނީ އެ ކަމަށް އަމާޒުވެފައެވެ.

އެއީ އެހާ ''ދަށް ފެންވަރުގެ'' ފާހަކާއެކު ވެސް، މަތީ ތައުލީމް ހާސިލްކޮށްގެން ތިބި ސިވިލް ސާވެންޓަކަށް ލިބޭ މުސާރައަށްވުރެ އެތައް ގުނައެއް ބޮޑު މުސާރައެއް ދޭގޮތަށް އޮތީމައެވެ.

އަދި ދިރާސާކުރުން ފަދަ ބޮޑެތި، ފަންނީ ކަންކަމަށް އެހާ ދަށް ފެންވަރުގެ، ކަމުގެ ގާބިލްކަން ނެތް ބަޔަކު ހޮވުމުގެ ފުރުސަތު އޮތުމުން އެ ކަމަށް ވެސް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މި ވަޒީފާއަށް މިނިސްޓްރީން ކުރި އިއުލާނުގައި ޝަރުތަކަށް އޮތީ 'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން ދެ މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމުގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔާ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމެވެ.

އަދި ދިވެހިވަންތަކަމުގެ ބަހާތައް ދިރާސާކުރުމަށް ޝައުގުވެރިމުވާއެކު މަދުވެގެން ތިން އަހަރު ދުވަހުގެ އިދާރީ މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުމެވެ.

ހަމައެއާއެކު، ދިވެހިބަހާއި އިނގިރޭސި ބަހުން ލިޔަން ކިޔަން އަދި ޕްރެޒެންޓޭޝަން ހުށަހަޅަން އެނގޭ ފަރާތެއް ކަމުގައިވުމާއި އުމުރުން 35 އަހަރުން ދަށުގެ މީހަކަށް ވުމެވެ.

އޭގެ އިތުރުން ބަލާ ކަންކަމުގެ ތެރޭގައި ހުރީ:

  • އިސްލާމް ދީނަށް ހުރުމަތްތެރިކޮށްހިތާ ޤައުމު ދެކެ ލޯބިވާ މީހަކަށްވުން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކަށްވުން.
  • ދިވެހިވަންތަކަމުގެ ބަހާތަކަށް ލޯބިކުރާ ފަރާތަކަށްވުން.
  • އުގެނުމާއި އުގަންނައި ދިނުމަށް ޝައުގުވެރިވުން.
  • ސަގާފަތާއި ފަންނު (ޕަފޯމިން އާޓްސް) ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވުމުގެ ޝައުގުވެރިކަންހުރުން.

ދިވެހިބަހުގެ މިނިސްޓްރީން ކުރަމުން އަންނަ ވަރަށް ގިނަ ކަންކަމަށް އާންމުންގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެެވެ. އެންމެ ގިނަ ބަޔަކަށް 'މަޖާ' ކަމެއްގެ ގޮތުގައި ފާހަގަވެ ފާޑުކިޔަމުން އަންނަނީ ޅެމުން ދެވޭ ފަރުވާތައް ހޯދައި، އެ ކަން ފަހިކުރުމަށް މިނިސްޓްރީން ފަށައިފައިވާ މަސައްކަތްތަކަށެވެ.

މީގެ އިތުރުން އެ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ އަދަދުތައް ގިނަވުމާއި، އެކަށީގެންވާ މުހިންމު މަސައްކަތެއް މިނިސްޓްރީން ނުކުރާކަމަށް ބުނެ ވެސް ފާޑުކިޔުން އަންނަނީ ރައްދުވަމުންނެވެ.

comment ކޮމެންޓް