އެ އަރައިގަންނަނީ ރައްޔިތުންގެ ހައްގަށް، މުޅި ގާނޫނުއަސާސީގެ ބާރު އެއްކޮށް ކެނޑޭނެ: އިބްރާ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލައިގައި މިހާރު އެ އަރައިގަންނަނީ ރައްޔިތުންގެ ހައްގަށް ކަމަށާއި އެއީ މުޅި ގާނޫނުއަސާސީގެ ބާރު އެއްކޮށް ކެނޑޭނެ ކަމެއް ކަމަށް އާ ގާނޫނުއަސާސީ ޑްރާފްޓުކުރި ކޮމިޓީގެ މުގައްރިރުކަން ކުރެއްވި އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބުރާ) ވިދާޅުވެއްޖެއެވެ.

ފެބްރުވަރީ މަހުގެ 26ގައި ޖޭއެސްސީން ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ސަސްޕެންޑުކުރީ، މިދިޔަ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހު ލަތީފު ސްޕާއަކުން ހައްޔަރުކޮށްގެން ކްރިމިނަލް ކޯޓަށް ގެންދިޔުމުން، އޭނާ މިނިވަންކުރުމަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށެވެ. ފަނޑިޔާރު މަހާޒް އަލީ ޒާހިރު، ކްރިމިނަލް ކޯޓުގެ ގާޒީންނަށް ގުޅުއްވައި މައްސަލައަށް ނުފޫޒު ފޯރުވަން މަސައްކަތްކުރި ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް ބަލަމުން އަންނައިރު، ޖޭއެސްސީން މި މައްސަލަ ތަހުގީގުކޮށް، އަޒްމިރަލްދާއާއި މަހާޒު މަގާމުން ވަކިކުރަން ނިންމައި އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފައެވެ. މިހާރު އެ މައްސަލަ އޮތީ މަޖިލީހުގެ ޖުޑިޝިއަރީ ކޮމިޓީގައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފިރިކަލުން ޑރ. އިސްމާއީލް ލަތީފު --

'ސަން'ގެ 'އެޑިޓަރުގެ ސުވާލު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިބްރާ ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގައި މިހާރު ހިނގަމުންދާ ކަންތައްތަކަކީ ހުރިހާ ރައްޔިތުން ވެސް ވަރަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. ސަބަބަކީ އެއީ ރާއްޖޭގެ އަދުލު އިންސާފާއި މުޅި ގާނޫނުއަސާސީ ހިފެހެއްޓުމުގެ އިތުރުން ރައްޔިތުންގެ ބާރު އެއްކޮށް ކެނޑޭނެ ކަމަކަށް ވާތީ ކަމަށް އިބްރާ ވިދާޅުވިއެވެ.

ސުޕްރީމް ކޯޓު ބޭނުންހާ ގޮތަކަށް ބަދަލުކޮށް، އެތަނުގައި ތިއްބަވާ ފަނޑިޔާރުންނަކީ ވަކި ބަޔަކު އެންގުމުން ވަކި ގޮތަކަށް ހުކުމްކުރާ ބަޔަކަށްވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތަށް ބަޔަކު ފަނޑިޔާރުންގެ ބެންޗަށް ލައިގެން އުޅޭ ކަމަށްވާނަމަ މުޅި ގާނޫނުއަސާސީގެ ބާރު އެއްކޮށް ކެނޑޭނެ ކަމަށް އިބްރާ ވިދާޅުވިއެވެ.

އިބްރާ ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ވަކިކުރާނަމަ ވަކިކުރަން ޖެހޭނީ ވަރަށް ހާމަކަން ބޮޑުކޮށް، އެ ފަނޑިޔާރެއްގެ މައްސަލަތަކެއް ފާހަގަވެގެން ކަމަށެވެ.

"ދެން ކޮންމެ މީހަކީ ވެސް އިންސާނެއް ވީމާ ހުންނާނެ ބައެއްކަހަލަ ކަންތައްތައް ކުރެވޭ. އަދި ފަނޑިޔާރެއް ވިޔަސް އެއީކީ މަލާއިކަތެއް ނޫން. އެހެންވީމާ އަޅުގަނޑުމެން ބަލައިލަންޖެހޭނީ ކަމެއް ކުރެވިފައި އޮތްކަމުގައިވީ ނަމަވެސް އެކަމަކާ ފަނޑިޔާރުކަމާ ހުރީ ކިހާވަރެއްގެ ގުޅުމެއްތޯ. ކިހާ ބޮޑުކަމެއްތޯ ކުޑަކަމެއްތޯ،" އިބްރާ ވިދާޅުވިއެވެ.

ފެބްރުއަރީ 18، 2020: ޝަރުއީ ދާއިރާގެ ގަޟާއީ އާ އަހަރު ފެށުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ފަނޑިޔާރު އަޒްމިރަލްދާ އަދި މަހާޒު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން. ފަނޑިޔާރެއް ވެސް ނޫން. ޑޮކްޓަރެއް ކަންނެ އެ ބޭފުޅާއަކީ. އެބޭފުޅާ ކޮންމެ ވެސް ތަނަކުން އެ ބޭފުޅާގެ ހަށިކޮޅުގައި ކޮންމެ ވެސް ވޭނެއް އަޅާތީ މަސާޖު ތެރަޕީއެއް ހޯއްދަވަންވެގެން، ސަރުކާރުގެ ހުއްދަ ލިބިގެން ހިންގާ ލައިސެންސްޑް މަސާޖް ސެންޓަރެއްގައި އޮންނެވި އޮންނެވުމެއް މިވަނީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުއާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާ ދެ ބޭފުޅުން ސުޕްރީމް ކޯޓުން ވަކިކުރައްވާ ސަބަބަކަށް،" އިބްރާ ވިދާޅުވިއެވެ.

"ދެން މީގަ އޮތީ ކޮން ގުޅުމެއްތޯ؟ ގާއިމުކުރެވުނީކީ ނޫން،"

އިބްރާ ވިދާޅުވީ، އެ ހިސާބުން އެކަމުގައި މައްސަލަތަކެއް ހުރިކަން އެނގޭ ކަމަށެވެ.

ފަނޑިޔާރުން ސަސްޕެންޑު ކުރުމާ ގުޅިގެން އެންމެ ފުރަތަމަ ވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށާއި ޖޭއެސްސީއަށް ގުޅައި ވެގެން އުޅެނީ ކޮންކަމެއްތޯ ސާފުކުރަން މަސައްކަތްކުރި ކަމަށް އިބްރާ ވިދާޅުވިއެވެ. އޭސީސީއާއި ޖޭއެސްސީން ވެސް ވެގެން އުޅެނީ ކޮންކަމެއްކަމާއި މައްސަލައަކީ ކޮބައިކަން ރައްޔިތުންނަށް ވަރަށް ރަނގަޅަށް ސާފުކޮށްދެވެންޖެހޭ ކަމަށް އިބްރާ ވިދާޅުވިއެވެ.

"މިއަދާ ހަމައަށް ވެސް ހާމައެއް ނުކުރޭ. އެހެންވީމާ އޭގައި އެބަ ގޯހެއްވެއެއްނޫންތޯ؟ މި ހިސާބުން އެއީ ފަނޑިޔާރުންގެ ހައްގެއް ނޫނޭ. މިހާރު އެ އަރައިގަންނަނީ ރައްޔިތުންގެ ހައްގަށް. ރައްޔިތުންނަށް ރައްކާތެރިކަން ދޭން އޮތް ސުޕްރީމް ކޯޓު، ވާވެފައި މިހާރު ވެސް ހުއްޓިފައި،" އިބްރާ ވިދާޅުވިއެވެ.

ސަސްޕެންޑުކުރި ތިން ފަނޑިޔާރުން: އޭގެ ތެރެއިން ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފައި -- ފޮޓޯ/ ރައީސް އޮފީސް

ކޯޓުގެ ބައެއް ޝަރީއަތްތައް ހިނގިޔަސް، ސުޕްރީމް ކޯޓުގެ މައިގަނޑު މަސައްކަތްތައް ނުހިނގާކަން ފާހަގަކުރައްވައި އިބްރާ ވިދާޅުވީ، އެ ވަރަށް އެތަން ހުއްޓުވާފައި މިހާރު ދެ މަހަށް ވުރެ ގިނަ ދުވަސްވެއްޖެ ކަމަށެވެ.

ދެ ފަނޑިޔާރުންނަށް އެ ތުހުމަތު ކުރި ނަމަވެސް، ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް ޒިހުނީ ޖޭއެސްސީއަށް ދެއްވި ބަޔާނުން އެނގޭ ގޮތުގައި މަހާޒް އައްސަވައިގެން ކްރިމިނަލް ކޯޓުގެ ގާޒީ ސަފްވަތު ހަބީބު، ޒިހުނީއަށް ގުޅުއްވީ އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލި ފަހުންނެވެ. އަދި ސަފްވަތު އެއްސެވީ ލަތީފް ބަންދުގެ މުއްދަތު ޖަހަން ހާޒިރުކުރިތޯ އެކަނިކަން ވެސް އެނގެއެވެ. އެހެންވެ، މަހާޒާއި އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައަށް އެ ދެ ބޭފުޅުންނަށް ނުފޫޒު ފޯރުވޭނެ ގޮތެއް ނެތްކަން ހާމަވެއެވެ.

ޖޭއެސްސީގައި އަޒްމިރަލްދާގެ ތަހުގީގު ކުރިއަށް ދިޔައިރު އޭނާ ވަނީ އޭނާގެ މައްސަލަ ބަލާ ކޮމިޓީގެ ބައްދަލުވުންތައް އާންމުކޮށް ހުޅުވައިލަން ވެސް އެދިވަޑައިގެންފައެވެ. އަދި ޖޭއެސްސީން ގޮތެއް ނިންމުމުގެ ކުރިން ވެސް އޭނާގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ފުރުސަަތަކަށް އެދިވަޑައިގަތެވެ. ނަމަވެސް އެ ކަންކަމަށް ޖޭއެސްސީން ފުރުސަތު ދީފައެއް ނުވެއެވެ.

އަޒްމިރަލްދާއާއި މަހާޒްގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދު ވެސް އެންމެ ފުރަތަމަ ސަސްޕެންޑުކުރިއެވެ. ނަމަވެސް، އޭނާ ވަނީ މީގެ ކުރިން މަގާމުން އިސްތިއުފާ ދެއްވައިފައެވެ. ތިން ފަނޑިޔާރުން ވެސް އޭރު ސަސްޕެންޑުކުރީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީން ވަކިކުރުމުންނާއި، ޕާޓީން ވަކިވެއްޖެނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ބަލަމުންދަނިކޮށެވެ.

comment ކޮމެންޓް