ޔުމްނުއާ ހަވާލާދީ އާއިލާ: ވެއްޓުނީއެއް ނޫން، މަރުވަން ދޫކޮށްލީ، ރައުދާއެކު ހަތަރު މީހުން އުޅުނު

ރައުދުއާއި، ޔުމްނު ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާގައި އުޅެނިކޮށް ފެންނަ ފުޓޭޖެއް ---

ބުރުޒުމަގުގައި ހުންނަ ހ. ފެންޓޯނިއޯ ގެއިން އަމިއްލައަށް ފުންމާލީ ނޫން ކަމަށާއި، އޭނާ ބަޔަކު ވައްޓައީލީ ކަމަށް އާއިލާ ގާތު، އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ބުނެފައިވާކަމަށް އާއިލާއިން މިރޭ ބުނެފިއެވެ.

މިދިޔަ މަހުގެ 18ވަނަ ދުވަހު ހިނގި މި ހާދިސާއަށް މިހާރު މަސް ދުވަހެއް ވާން މި ވަނީ ގާތްވެފައެވެ.

ޔުމްނު ވެއްޓުނު ހާދިސާގައި، މުޅި ރާއްޖެއަށް ފެންނާނެހެން އޭނާގެ އާއިލާގެ ފަރާތުން މީޑިއާތަކާ ފުރަތަމަ ފަހަރަށް ދިން އިންޓަވިއުގައި ޔުމްނުގެ ދައްތަ ބުނީ މި ހާދިސާއާ ގުޅޭ މުހިންމު ބައެއް ވާހަކަތައް ޔުމްނު ހިއްސާކޮށްފައިވާ ކަމަށެވެ.

ޔުމްނުގެ ދައްތަ ---

ޔުމްނު ބުނީ އަމިއްލައަކަށް ފުންމާލީ ނޫންކަމަށް

އެގޮތުން އެންމެ މުހިންމު ކަމަކަށް ޔުމްނުގެ ދައްތަ ހާމަކުރީ، ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާގެ ފެންލައިޓުން އަމިއްލައަށް ފުންމާލީ ނޫންކަމަށް ޔުމްނު ބުނެފައިވާ ކަމަށެވެ.

"..ޔުމްނުގެ އަނގައިން ބުނެފައިވަނީ އެ ފަދަ ކަމެއް އަމިއްލައަކަށް ނުކުރަމޭ. އަޅުގަނޑު އަމިއްލައަކަށް ނުވެއްޓެން އެތަނަކުންނެއް،" ޔުމްނުގެ ދައްތަ ބުންޏެވެ.

މީގެ އިތުރުން އެ ތަނުގައި ރައުދުގެ އިތުރުން ހަތަރު މީހަކު އެ ވަގުތު ތިބި ކަމަށް ޔުމްނު ބުނިކަމަށް އޭނާގެ ދައްތަ ކިޔައިދިނެވެ. ނަމަވެސް އެ ހަތަރު މީހުންނަކީ ކޮބައިކަން ހާމައެއް ނުކުރެއެެވެ.

ކުރިން ވެސް ޔުމްނު ފެންޓެނޯއީއަށް ގޮސް އުޅުނު

ފެންޓެނޯއީ ގޭގެ ހަތްވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގެ ދޮރުގައި ޔުމްނުއާއެކު އުޅުނު ރައުދު، ޓަކިޖަހައި، ދޮރު ހުޅުވާތޯ އިންތިޒާރަށް ހުންނަތަން ސީސީޓީވީ ފުޓޭޖުން ފެނިފައިވެއެވެ.

އެހެން ނަމަވެސް ފުލުހުން އެންމެ ފުރަތަމަ މައުލޫމާތު ދިން ގޮތުގައި އެ ގެއަކީ، ރައުދުއާއި، ޔުމްނުއާ ވެސް އެއްވެސް ގުޅުމެއް ނެތް ގެއެކެވެ. މީގެ ކުރިން "ސަން"އާ ވާހަކަދެއްކި އެ ގޭގެ ވެރިން ވެސް ބުނީ އެ މީހުންނާއި، އެ ދެ ޒުވާނުންނާ ގުޅުމެއް ނެތް ކަމަށެވެ.

ނަމަވެސް މިރޭ ޔުމްނުގެ ދައްތަ ބުނީ، އެ ގެއަކީ ޔުމްނު ކުރިން ވެސް ގޮސް އުޅުނު ގެއެއް ކަމަށް ޔުމްނު ބުނި ކަމަށެވެ. އަދި ވެއްޓުނު ރޭ، ޔުމްނު އެ ގެއަށް ދިއުމަށް ދައުވަތު ދިނީ މި މައްސަލައިގައި ތުހުމަތުކުރާ ނުވަ މީހުންގެ ތެރޭ ހިމެނޭ، ހ. މީނާޒް ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު ކަމަށް ޔުމްނުގެ ދައްތަ މިރޭ ބުންޏެވެ.

"ގޭގެ ލޮކޭޝަން ވެސް ފޮނުވީ ޔައްސާރު. ދެ ގެއަށް ވެސް ދިޔައީ ޔައްސާރުގެ އިންވިޓޭޝަނަކާއެކީގައި,"

ޔުމްނު ވެއްޓުނު ފުރާޅު: އެ އަންހެން ކުއްޖާ ވެއްޓުނީ އަމިއްލައަށް ކަމަށް ފުލުހުން ވަނީ ބުނެފައި. ނަމަވެސް އާއިލާއިން އެ ކަން ދޮގުކުރޭ -- ސަން ފޮޓޯ

ޔުމްނުގެ ދައްތަ ބުނި ގޮތުގައި، އޭނާ ވެއްޓުނީ އަމިއްލައަށް ނޫން ކަމަށާއި، މިއީ ބަޔަކު ކުރި ކަމެއް ކަމަށް ވަނީ ބުނެފައެވެ. އަދި އިންސާފު ލިބިދާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށް ވެސް ޔުމްނު ބުނެފައިވާ ކަމަށް ދައްތަ ބުންޏެވެ.

މީގެ އިތުރުން މި މައްސަލަ ތަހުގީގުކުރަން ހެދި ރިޔާސީ ކޮމިޝަނުން މިހާތަނަށް ވެސް އާއިލާއާ އެއްވެސް މިންވަރަކަށް ވާހަކަދައްކައި، ކަމެއް އޮޅުން ފިލުވަން މަސައްކަތް ކޮށްފައިނުވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

"އެހެންވެގެން ކޮމިޝަނުން މިއަދު އަޅުގަނޑަށް ފެނުނު އެއްޗަކީ ޕޯޓަލްއެއް ތައްޔާރުކޮށްފައި އިންކަން. އެއީތޯ މައްސަލަ ބަލާ ގޮތް ކޮމިޝަނަކުން. ޕޯޓަލަކުން ރޭންޑަމް މީހުން މި ފޮނުވަންޖެހެނީ އިންފޮމޭޝަން. ފުލުހުން ކީއްވެގެންތޯ ޔުމްނުގެ ސްޓޭޓްމަންޓް ނުނަގައި ހުރިހާ އެއްޗެއް ޕަބްލިކް ކުރަން ޖެހުނީ،" ފުލުހުން، މުޅި ރާއްޖޭގެ ކުރިމަތީ ޔުމްނުގެ އަގުވައްޓައިލީކަމަށް ބުނެ އޭނާގެ ދައްތަ ސުވާލު އުފެއްދިއެވެ.

ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ކުރިއަށްގެންދާ މުޒާހަރާތަކުގެ ތެރެއިން: -- ސަން ފޮޓޯ

ޔުމްނުގެ އާއިލާއިން ތުހުމަތުކުރާ ގޮތުގައި ފުލުހުން ހަދަނީ ދޮގެވެ. އަދި މި ހާދިސާގައި އެންމެ ބޮޑު މައްސަލައަކީ ބަޔަކު މި ކަން ކުރުމަށްފަހު ޔުމްނު މަރުވާން، ފުރާޅު މައްޗަށް ދޫކޮށްލުމެވެ.

"މަރަށް ދޫކޮށްލައިފައި އެ ފުރާޅުގަނޑު މަތީ އެ ކުއްޖާ އޮތީ ކިހާ އިރަކުކަމެއް އެނގޭނީ ހަމަ އެ މީހުންނަށް. މަރަށް ދޫކޮށްލައިފައި ވެސް ދިޔައީ އެ މީހުން،" ޔުމްނުގެ ދައްތަ ބުންޏެވެ

އެ ކަން ކުރި ބަޔަކު ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނަން ބޭނުންވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

މި މައްސަލައިގައި އިންސާފަށް ގޮވައިލައި ޒުވާނުން ވަނީ ސިލްސިލާ އިހުތިޖާޖުތަކެއް ވެސް ކޮށްފައެވެ. އަދި ސަރުކާރުން ވަނީ އެ އިހުތިޖާޖުތަކާ ގުޅިގެން މި ހާދިސާ ތަހުގީގުކުރަން ޚާއްސަ ރިޔާސީ ކޮމިޝަނެއް އުފައްދައިފައެެވެ.

މި ހާދިސާގެ ތެރެއިން ކުރިމަތިވި ޕްރެޝަރާއެކު އޭރު ހުންނެވި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އިސްތިއުފާ ވެސް ވަނީ ދެއްވައިފައެވެ.

އަދި ޝައްކުކުރެވޭ މަރުތައް ތަހުގީގު ކުރާ، ފުލުހުންގެ ޑެތު އެންޑް ހޯމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގައި އިސްކޮށް ހުންނަވާ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް ވެސް ވަނީ އެ މަގާމުން ވަކިކޮށްފައެވެ.

comment ކޮމެންޓް