މިދިޔަ ޑިސެންބަރުގެ ނިޔަލަށް ނުދެއްކިހުރި ފެންބިލުތަކަށް ފައިސާ ދެއްކުމުން ޖޫރިމަނާ މައާފުކޮށްދެނީ

މީހަކު ބިލެއް ދައްކަނީ: މިދިޔަ ޑިސެންބަރުގެ ނިޔަލަށް ފެން ބިލު ނުދައްކައިގެން އެރި ޖޫރިމަނާ މައާފުކޮށްދޭ ޕްރޮގްރާމެއް ފަށަން އެމްޑަބްލިއުއެސްސީން ވަނީ ނިންމާފައި ---- ފޮޓޯ/ އެމްޑަބްލިއުއެސްސީ

ފެން ބިލު ނުދެއްކި ގިނަ ދުވަސްވެގެން މިދިޔަ ޑިސެންބަރުގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މައާފުކޮށްދޭ ޕްރޮގްރާމެއް ފެށުމަށް ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ނިންމައިފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، މިއީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ފެން ބިލު ދެއްކުމުގައި ލުއި މަގެއް ފަހިކޮށްދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން ކަމެއް ކަމަށެވެ.

މި ޕްރޮގްރާމުގެ ތެރެއިން މައާފުކޮށްދިނުމަށް ނިންމާފައި ވަނީ މިދިޔަ ޑިސެންބަރު 31ގެ ނިޔަލަށް އާރާފައިވާ ޖޫރިމަނާ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

އެގޮތުން، ޖޫރިމަނާ މަޢާފްކޮށްދޭނީ ޖޫރިމަނާ ނިސްބަތްވާ ބިލްތަކަށް ދައްކަން ޖެހޭ ޖުމްލަ ފައިސާ މި މަހު އެކަކުން ފެށިގެން މި އަަހަރުގެ ޑިސެންބަރު 31 އާ ދެމެދު ދެމެދު ދައްކައި، ޚަލާސްކުރާ ކަސްޓަމަރުންނަށް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މީގެއިތުރުން، އެއްބަސްވުމެއްގެ ދަށުން އެ ބިލްތަކަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކައި ނިންމަން ބޭނުންވާ ކަސްޓަމަރުންނަށް، އެ އިންތިޒާމް އެމްޑަބްލިއުއެސްސީން ހަމަޖައްސައިދޭނެއެވެ.

އެ ކަސްޓަމަރުންގެ ޖޫރިމަނާ މަޢާފުކޮށްދެެވޭނީ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަވާ ޚަލާސްކުރުމުން ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު 105 ގުޅައިގެން ނުވަތަ 1050 އަށް އެސްއެމްއެސްއެއް ފޮނުއްވައިގެން ނުވަތަ މެއިލް ކޮށްގެން ވެސް ލިބޭނެއެވެ.

އެހެންވެ، ނުދެއްކި ގިނަދުވަސް ވެގެން ޖޫރިމަނާ އަރާފައިވާ ބިލްތަކަށް ފައިސާ ދައްކައި، ޚަލާސް ކުރުމަށް އެކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.

މި ސަރުކާރުން ވަނީ މިދިޔަ ރޯދަ މަހު ކަރަންޓާއި ފެން ބިލު ވެސް 10 ޕަސެންޓުގެ ޑިސްކައުންޓު ދީފައެވެ.

comment ކޮމެންޓް