އިންޑިއާ އާއި ޕާކިސްތާނާ ދެމެދުގެ އޮތް ގުޅުން ގޯސްވެ މިދިޔަ އަންގާރަ ދުވަހު އިންޑިއާއިން ޕާކިސްތާނަށް ދިން މިސައިލު ހަމަލާތައް ކުށްވެރިކޮށް ޕާކިސްތާނުގެ ދިފާޢުގައި އެ ޤައުމުގެ ފިލްމީ ތަރިން ސޯޝަލް މީޑިއާގައި އަޑު އުފުލައިފިއެވެ.
ސޯޝަލް މީޑިއާގައި އަމިއްލަ ޤައުމުގެ ދިފާޢުގައި ނުކުތް ފިލްމީ ތަރިންގެ ތެރޭ މާހިރާ ޚާން، ހާނިއާ އާމިރު، މާވްރާ ހޮސެއިން، އަމީރު ގިލާނީ، ފަވާދު ޚާން، އަޔޭޒާ ޚާން، ކުބްރާ ޚާން އަދި ފަހަދު މުސްތަފާ ހިމެނެއެވެ.
ޖުމްލަ ގޮތެއްގައި ޕާކިސްތާނުގެ ހުރިހާ ފިލްމީ ތަރިން ވެސް އިންޑިއާއިން ޕާކިސްތާނަށް ދިން މިސައިލު ހަމަލާތައް ސިފަކޮށްފައި ވަނީ ވަރަށް ފިނޑި އަމަލެއްގެ ގޮތުގައެވެ.
ޕާކިސްތާނުގެ ސިޓީތަކުގައި ދިރިއުޅޭ މީހުން ގަދަ ނިދީގައި ތިއްބާ ރޭގަނޑުގެ ދަންވަރުގެ ވަގުތު ދިން ހަމަލާއަކީ ލިބުނު މޮޅެއް ކަމަށް ދެކި އެކަމާ އުފާފާޅު ކުރުމަކީ އިންޑިއާގެ މީހުންގެ ކިބައިގައި އިންސާނިއްޔަތުކަމެއް ނެތްކަން ދައްކުވައިދިން އަމަލެއް ކަމަށް ބޮލީވުޑްގެ ފިލްމެއް ވެސް ކުޅެފައިވާ ޕާކިސްތާނު ބަތަލާ މާހިރާ ޚާން ވަނީ ބުނެފައެވެ. އަދި މިއީ އިންޑިއާއިން އެކަމާ ލަދުވެތިވާންޖެހޭނެ ކަމެއް ކަމަށް މާހިރާ ވަނީ ބުނެފައެވެ.

ޕާކިސްތާނު ބަތަލާ މާވްރާ ހުސެއިން--ފޮޓޯ/ބިހައިންޑްޓޯކީސް
ބޮލީވުޑް ފިލްމު "ސަނަމް ތޭރީ ކަސަމް"ގެ ބަތަލާ މާވްރާ ހޮސެއިން ސޯޝަލް މީޑިއާގައި ބުނެފައި ވަނީ، އެތަކެއް މައުސޫމު ބަޔަކު މަރުވި މި ހަމަލާ ކުށްވެރިކުރާ ކަމަށް ބުނެފައިވާއިރު ބަތަލާ ހާނިއާ އާމިރު ބުނީ އޭނާގެ ހިތުގައި މިވަގުތު ރުޅިވެރިކަމާއި ވޭން ނޫން އެހެން ޝުއޫރެއް ނުހިނގައެވެ.
މި ހަމަލާގައި މައުސޫމު ކުޑަ ކުއްޖަކު މަރުވެފައިވާއިރު އިންޑިއާގެ ރައްޔިތުންނަށް ހިމާޔަތް ހޯދައިދެނީ ކުށެއް ނެތް މީހުންގެ ފުރާނަ ދުއްވާލުމަށްފަހުތޯ ހާނިއާ ވަނީ ސުވާލު އުފައްދާފައެވެ.
ޕާކިސްތާނުގެ ފިލްމީ ތަރިންގެ ގިނަ ބަޔަކު ވަނީ އެ މީހުން ތިބީ ޕާކިސްތާނުގެ އަސްކަރިއްޔާއާ އެކު ކަމަށާއި މި ހަމަލާތަކަށް އަވަހަށް ނިމުމެއް އަންނާނެ ކަމަށް އުއްމީދުކުރާ ކަމަށާއި އިންޑިއާއިން ކިތަންމެ ވަރުގަދަ ހަމަލާތަކެއް ދިނަސް ނަޞްރު ލިބޭނީ ޕާކިސްތާނަށް ކަމަށް ބުނެފައެވެ.
އިންޑިއާއިން ޕާކިސްތާނަށް ދިން ހަމަލާއަށް ތަރުހީބު ދިނުމުގެ ގޮތުން ބޮލީވުޑްގެ ވަރަށް ގިނަ ފިލްމީ ތަރިން ވަނީ ސޯޝަލް މީޑިއާގައި ކެމްޕޭނެއް ފަށާފައެވެ.
މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރާ މީހުންނަކީ އެއްވެސް ކަހަލަ އިންސާނިއްޔަތު ކަމެއް ނެތް ބައެއްގެ ގޮތުގައި ސިފަކޮށްފައެވެ.