އޭއައި ބޭނުންކުރަން އިންކާރުކުރާ މީހުން އިތުރުވަނީ

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރަން އިންކާރުކުރާ މީހުންގެ އަދަދު އިތުރުވާކަން ފާހަގަކުރެވިއްޖެއެވެ.

އިނގިރޭސިވިލާތުގެ ލަންޑަނުގައި ހިންގާ މުވާސަލާތީ އޭޖެންސީއެއްގެ ވެރިޔާ "ސަބީން ޒެޓެލާ" ވިދާޅުވެފައިވަނީ އޭއައި ބޭނުންކުރުމުގެ މުހިންމުކަން އޭނާއަށް ޤަބޫލުނުކުރެވޭ ކަމަށެވެ.

"މީހަކަށް ލިޔަން ނުކެރުނު އެއްޗެއް ކިޔަން އަހަރެން ބޭނުންވާނީ ކީއްވެގެންތޯ؟ އޭއައިއިން އުފައްދާ ނޫހެއް ކިޔުމުގެ ބޭނުމަކީ ކޮބައިތޯ؟ ނުވަތަ އޭއައިއިން އުފައްދާ ލަވައެއް އަޑުއެހުމުގެ ބޭނުމަކީ ކޮބައިތޯ؟" މިހެން ބުނެ ޒެޓެލާ ސުވާލު އުފެއްދެވިއެވެ.

ކުރިން 2022 ވަނަ އަހަރުގެ ފަހުކޮޅު ޗެޓްޖީޕީޓީ ތަޢާރަފުވުމާ އެކު، އޭއައި ޓެކްނޮލޮޖީ ބޭނުންކުރުން އިންތިހާއަށް އިތުރުވެފައިވެއެވެ. މަހަކު ފަސް ބިލިއަނަށްވުރެ ގިނަ ފަހަރު ޗެޓްޖީޕީޓީ ބޭނުންކުރެވޭ ކަމަށް ސެމްރަޝް ކުންފުނިން ހާމަކޮށްފައިވެއެވެ.

ނަމަވެސް، އޭއައި ސިސްޓަމްތައް ތަމުރީނުކުރުމަށާއި ހިންގުމަށް ގިނަ އަދަދެއްގެ ހަކަތަ ބޭނުންވާކަން ފާހަގަކުރެވެއެވެ. ގޯލްޑްމަން ސެކްސްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ޗެޓްޖީޕީޓީގެ އެއް ސުވާލަކަށް ޖަވާބު ދިނުމަށް، ގޫގުލް ސާޗް އިންޖިންގެ އެއް ސުވާލަކަށް ވުރެ 10 ގުނަ ގިނަ ކަރަންޓު ބޭނުންވެއެވެ.

މި ކަންކަމާ ގުޅިގެން އޭއައި ބޭނުންކުރުމުގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރާ މެދު ކަންބޮޑުވުން ފާޅުކުރާ ފަރާތްތައް އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. އަދި، އިންސާނީ ވަޒީފާތަކަށް ކުރިމަތިވެދާނެ ނުރައްކަލާ މެދުވެސް ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދެއެވެ.

ލަންޑަނުގައި ހިންގާ "ޔޯގާ ރިޓްރީޓްސް އެންޑް މޯ" ގެ ވެރިޔާ ފްލޮރެންސް އަޗެރީ ވެސް އޭއައި ބޭނުންކުރުމަށް އިންކާރުކުރާ ފަރާތްތަކުގެ ތެރޭގައި ހިމެނެއެވެ. އޭނާ ވިދާޅުވި ގޮތުގައި އޭއައިއަކީ ރޫހެއް ނެތް އެއްޗެކެވެ. އޭނާގެ ވިޔަފާރިއަކީ އިންސާނީ ގުޅުމަށް ބަރޯސާވާ ވިޔަފާރިއަކަށް ވާތީ، އޭއައި ބޭނުންކުރުމަކީ އޭނާގެ ވިޔަފާރިއާ ފުށުއަރާ ކަމެއް ކަމަށް ދެކެއެވެ.

"އޭއައި ހިންގުމަށް ބޭނުންވާ ޑޭޓާ ސެންޓަރުތަކުން ބޭނުންކުރާ ހަކަތައިގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ވަރަށް ބޮޑު. ގިނަ މީހުންނަށް މިކަން އެނގިފައެއް ނުވޭ،" އަޗެރީ ވިދާޅުވިއެވެ.

ސަބީން ޒެޓެލަރ ވިދާޅުވި ގޮތުގައި އޭއައިއިން ކުރެވޭ އިޖުތިމާޢީ ފައިދާތަކަށް އިޙުތިރާމުކުރި ނަމަވެސް، މުޖުތަމަޢުއަށް އޭގެ ސަބަބުން ކުރާނެ ފުޅާ ދާއިރާގެ އަސަރާ މެދު އޭނާ ކަންބޮޑުވެއެވެ. ލޯފަން މީހުންނަށް ލިޔުންތައް ތަރުޖަމާކޮށްދިނުން ފަދަ ފައިދާހުރި ކަންކަމަށް އޭއައި ބޭނުންކުރުމާމެދު އުފާވާ ކަމަށް ޒެޓެލާ ވިދާޅުވިއެވެ.

ނަމަވެސް، ދުރު ރާސްތާގައި އޭއައިއިން ލިބޭނެ ފައިދާއާ މެދު އޭނާ ސުވާލު އުފައްދައެވެ.

ވާދަވެރި ކުންފުނިތަކުން އޭއައި ބޭނުންކުރުމުގެ ސަބަބުން އޭނާގެ ވިޔަފާރިއަށް ކުރާނެ އަސަރާ މެދު ކަންބޮޑުވޭތޯ ސުވާލުކުރުމުން ޒެޓެލާ ވިދާޅުވީ، ފައިދާ ބޮޑުކުރުމަށް އީޒީޖެޓް ފްލައިޓްތަކުގައި މިލާނަށް ދަތުރުކުރެވިދާނެ ކަމަށެވެ. ނަމަވެސް، ކާމިޔާބީ މިންކުރަންވާނީ މުޖުތަމަޢުއަށް ކުރެވޭ ހެޔޮ އަސަރުންނާއި ހިތްހަމަޖެހުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ދުނިޔޭގެ އެކި ދާއިރާތަކަށް ވަދެ، އޭގެ ބޭނުން ހިފަމުންދާ މިންވަރު އިތުރުވަމުން އަންނަ ދަނޑިވަޅެއްގައި މި ޓެކްނޮލޮޖީ ބޭނުންކުރުމަށް އިންކާރުކުރާ ފަރާތްތަކެއް ވެސް އުފެދެމުން އަންނަކަން ފާހަގަކުރެވެއެވެ. މި ފަރާތްތަކުން އޭއައި ބޭނުންކުރުމަށް އިންކާރުކުރާ ސަބަބުތަކުގެ ތެރޭގައި އިންސާނީ ގުޅުންތަކަށް ކުރިމަތިވެދާނެ ނުރައްކާ، ވަޒީފާތަކަށް އަންނާނެ ބަދަލު އަދި ތިމާވެއްޓަށް ކުރާނެ ނޭދެވޭ އަސަރު ހިމެނެއެވެ.

އެހެންނަމަވެސް، އޭއައިއިން ލިބޭ އިޖުތިމާޢީ ފައިދާތަކަށް އިޙުތިރާމުކުރާ ފަރާތްތައް ވެސް މަދެއް ނޫނެވެ. މި ދެބަސްވުންތަކާ އެކު، އޭއައި ބޭނުންކުރުމާ މެދު މުޖުތަމަޢުގައި ދެކޭގޮތް ތަފާތުވަމުން އަންނަކަން ފާހަގަކުރެވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު