ރާއްޖޭގެ ކޯސްޓްގާޑަށް ޖަޕާނުން 2 އުޅަނދު ހަދިޔާ ކުރަނީ

އުޅަނދު ހަދިޔާ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ފޮޓޯ/ ފޮރިން މިނިސްޓްރީ

ރާއްޖޭގެ ކޯސްޓްގާޑަށް ޖަޕާނު ސަރުކާރުން ދެ އުޅަނދު ހަދިޔާކުރުމަށް ނިންމައި، އެކަމާ ގުޅޭ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލާއި ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިސިޒް އިޝިގާމީ ރުމީކޯއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ޖަޕާން ސަރުކާރު 'އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް'ގެ ދަށުން އެމްއެންޑީއެފް ކޯސްޓްގާޑުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ހަދިޔާކުރަނީ "ހާބާ ކްރާފްޓް ޕެޓްރޯލް ވެސަލް"ގެ ދެ އުޅަނދު ކަމަށެވެ.

ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން 400 މިލިއަން ޖަޕާނީސް ޔެން (2.8 އެމެރިކާ ޑޮލަރު) ހިލޭ އެހީއަށް ދިނުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އުޅަނދު ހަދިޔާ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ފޮޓޯ/ ފޮރިން މިނިސްޓްރީ

މި ރަސްމިއްޔާތުގައި މިނިސްޓަރު ޚަލީލް ވަނީ ރާއްޖޭގެ ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ތައްޔާރީތައް ހަރުދަނާކުރުމަށް ޖަޕާން ސަރުކާރުން ވަމުންދާ ދީލަތި އެހީތެރިކަމުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ.

އެގޮތުން، މި މަޝްރޫޢުގެ ދަށުން ހަދިޔާ ކުރެވޭ އުޅަނދުތައް އިތުރުވުމާ ގުޅިގެން ކޯސްޓްގާޑުގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގައި، ކަނޑުގެ ޤާނޫނު ތަންފީޒުކުރުމުގެ އިތުރަށް މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމުގެ ޤާބިލުކަން އިތުރުވާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ޚަލީލް ވަނީ ޖަޕާނު ސަރުކާރުން ގެންގުޅޭ "ފްރީ އެންޑް އޯޕަން އިންޑޯ-ޕެސިފިކް" ސިޔާސަތުގެ ދަށުން އިންޑޯ-ޕެސިފިކް ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ޖަޕާން ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނޭކަމުގެ ޔަގީންކަން ދެއްވާފައެވެ.

މިނިސްޓަރު ޚަލީލާއި ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު އެއްބަސްވުމުގައި ސޮއިކުރަނީ --- ފޮޓޯ/ ފޮރިން މިނިސްޓްރީ

މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަޙުމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މިފަދަ މަޝްރޫޢުތަކުން ރާއްޖޭގެ ތަރައްޤީގައި ޖަޕާނުން އަދާކުރަމުންދާ މުހިންމު ދައުރު ޚަލީލް ފާހަގަކުރެއްވިއެވެ. ޖަޕާނު ސަރުކާރުން ދެއްވާ ދީލަތި އެހީތެރިކަމަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓްރީގެ އިސްވެރިންނާއި ޖަޕާނު އެމްބަސީގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

comment ކޮމެންޓް