ހުޅުމާލެއަށް 21: ހޮނިހިރު ދުވަހު ފެމިލީ ކާނިވަލެއް ބާއްވަނީ

ހުޅުމާލޭގައި މީގެ ކުރިން ބޭއްވި ކުޑަކުދިންގެ އިވެންޓެއް: ހުޅުމާލެއަށް 21 އަހަރު ފުރުން ފާހަގަކުރުމަށް ފެމިލީ ކާނިވަލެއް ބޭއްވުމަށް ވަނީ ނިންމައިފައި.-- ފޮޓޯ/ އެޗްޑީސީ

ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަބް (އެޗްޑީސީ)އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވޮލަޕްމަންޓް ގުޅިގެން އަންނަ ހޮނިހިރު ދުވަހު ފެމިލީ ކާނިވަލެއް ބާއްވަން ނިންމައިފިއެވެ.

އެޗްޑީސީން ބުނީ، މިއީ ހުޅުމާލޭގެ އަހަރީ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ އާއިލާތަކުން އެއްތަނަކަށް އެއްވެގެން މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭ ގޮތަށް ރާވާފައިވާ ހަރަކާތެއް ކަމަށެވެ.

ކާނިވަލް އޮންނާނީ ހޮނިހިރު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ހުޅުމާލޭ ހިޔާ ޕާކުގައެވެ.

މި ކާނިވަލްގައި ކުޑަކުދިންނަށް ޚާއްސަކޮށް ރޮބޯމޭންގެ ހުށަހެޅުމާއި އެކި ކަހަލަ ގޭމް ސްޓޯލްތައް ހުންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި، އާއިލާ އެންމެންނަށް އިވެންޓުގެ ތެރެއިން 360° ފޮޓޯއާއި ވީޑިއޯ ނެގޭ ގޮތަށް ބޫތު ބެހެއްޓިފައި ހުންނާނެ ކަމަށް ބުނެފައިވެއެވެ.

ހުޅުމާލޭގައި މީގެ ކުރިން ބޭއްވި ކުޑަކުދިންގެ އިވެންޓެއް: ހުޅުމާލެއަށް 21 އަހަރު ފުރުން ފާހަގަކުރުމަށް ފެމިލީ ކާނިވަލެއް ބޭއްވުމަށް ވަނީ ނިންމައިފައި.-- ފޮޓޯ/ އެޗްޑީސީ

ކާނިވަލްގައި ކުރިއަށްދާނެ ހަރަކާތްތައް:

  • ރޮބޯމޭން ޕާފޯމެންސް
  • އެކްޓިވިޓީ ސްޓޯލްތައް
  • ގޭމް ސްޓޯލްތައް
  • އިންފްލޭޓަބަލް ކާނިވާ ގޭމްސް
  • ފޮޓޯ/ވީޑިއޯ ބޫތު
  • ފޯމް ޕާޓީ
  • ފަޔާ ވެހިކަލް (ފޮޓޯ ނަގަން)
  • ޓްރެފިކް ޕާކް
  • ޑެންޓަލް ޗެކަޕް

މި ކާނިވާ ކުރިއަށްގެންދަނީ އައިލެންޑް ބެވަރޭޖެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އުރީދޫގެ ވަރަށް ބޮޑު އެހީތެރިކަމާ އެކުގައި ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ވެސް، މި ކާނިވަލް ކުރިއަށް ގެންދަނީ ގިނަ ބައެއްގެ ބައިވެރިވުމާއި އެއްބާރުލުމާ އެކުއެވެ. އޭގެ ތެރޭގައި ފުލުހުންނާއި އެމްއެންޑީއެފާއި އެޗްޕީއޭއާއި ޓްރީޓޮޕް ހޮސްޕިޓަލާއި ތެލެސީމިއާ ސޮސައިޓީއާއި މޯލްޑިވްސް އިސްލާމިކް ބޭންކާއި މަމްސް އެންޖީއޯއާއި ކިޑްސް ޒޯންއާއި ޑޫ ގުޑް އެންޖީއޯގެ އިތުރުން އެޗްއާރުސީއެމް ހިމެނެއެވެ.

މި މަހުގެ 12 ވަނަ ދުވަހު ފާހަގަކުރާ ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން ގިނަ ހަރަކާތްތަކަކާ އެކު ކުލަގަދަ ފެސްޓިވަލެއް ބޭއްވުމަށް ވެސް އެޗްޑީސީން ވަނީ ނިންމާފައެވެ. އެގޮތުން، ހޮނިހިރު ދުވަހުން ފެށިގެން ހަފުތާއަކަށް ދިގު ދެމިގެންދާ ގޮތަށް ކުރިއަށްގެންދާ މި ފެސްޓިވަލްގެ ހަރަކާތްތައް އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމާލެގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދާނެއެވެ.

comment ކޮމެންޓް