6 އަހަރު ތެރޭ ދަނޑުވެރިކަމުގެ ލޯނަށް 15.9 މިލިއަން ރުފިޔާ ދޫކޮށްފި، ގިނައީ ޒަމަނީ ދަނޑުވެރިކަމަށް

ފައިނުގައި މީހަކު ދަނޑެއްގައި މަސައްކަތް ކުރަނީ: ހަ އަހަރު ތެރޭ ދަނޑުވެރި ނަފާ ލޯނަށް 15.9 މިލިއަން ރުފިޔާ ---- ފޮޓޯ/ ފައިނު ކައުންސިލް

ހަ އަހަރު ތެރޭ ދަނޑުވެރި ނަފާ ލޯނަށް ޖުމުލަ 15.9 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާއި އެންމެ ގިނަ މީހުން ލޯނު ނެގީ ޒަމާނީ ދަނޑުވެރިކަންކުރަން ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ.

ދަނޑުވެރިނަފާ ލޯނުގައި ދެ ކެޓަގަރީއެއް ހިމަނާފައިވާއިރު، އެއީ އެއްލައްކަ ރުފިޔާއާއި ލައްކައަކުން ދެ މިލިޔަނާއި ހަމައަށް ދޫކުރާ ލޯނެވެ. މިއިން ކޮންމެ ލޯނަކަށް ވެސް އަހަރަކު ނަގާނީ ހަ އިންސައްތައިގެ އިންޓަރެސްޓެވެ.

އެހެންނަމަވެސް، އެއްލައްކަ ރުފިޔާއާއި ހަމައަށް ނެގޭ ލޯނު ދެއްކުމަށް އެންމެ ދިގު މުއްދަތަކަށް ކަނޑައަޅާފައިވަނީ ތިން އަހަރެވެ. އަދި، ދެ މިލިޔަނާއި ހަމައަށް ދޫކުރާ ލޯނު ދެއްކުމަށް ދެނީ ގިނަވެގެން ހަތް އަހަރެވެ.

އެ ވުޒާރާއިން މިއަދު ވަނީ، 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް ދަނޑުވެރި ނަފާ ލޯނު ނަގާފައިވާ އަދަދުތަކުގެ ތަފާސްހިސާބުތައް ހާމަކޮށްފައެވެ. އެގޮތުން، އެއް ލައްކަ ރުފިޔާއާ ހަމައަށް ނެގޭ ލޯނު 18 މީހަކު މިހާތަނަށް ނަގާފައިވާއިރު، އެ މީހުންނަށް ދޫކޮށްފައިވަނީ ޖުމުލަ 1.4 މިލިއަން ރުފިޔާއެވެ.

ދެ މިލިއަން ރުފިޔާއާ ހަމައަށް ނެގޭ ލޯނު 23 މީހަކު މިހާތަނަށް ނަގާފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ. އެ މީހުންނަށް ޖުމުލަ ދޫކުރީ 14.5 މިލިއަން ރުފިޔާއެވެ.

މިކަމާ ގުޅިގެން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ޕީޕީއަރު ޔުނިޓްގެ ޑެޕިއުޓީ މެނޭޖަރު އައިމިނަތު މުހާ ވަނީ މިހާތަނަށް ގިނަ މީހުން ލޯނު ނަގާފައިވަނީ ޒަމާނީ ދަނޑުވެރިކަން ކުރުމަށް ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް