މާލީ އެހީތެރިކަންދޭ 250 މިލިއަން ރުފިޔާގެ އިސްލާމިކް ސޯޝަލް ފައިނޭންސިންގެ މަޝްރޫއެއް ފަށައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭސިންގެ އިނީޝިއޭޓިވް ލޯންޗުކޮށްދެއްވަނީ. ފޮޓޯ/ރައީސް އޮފީސް

އަންހެނުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ، އިސްލާމިކް ސޯޝަލް ފައިނޭންސްސިންގެ ބޮޑު މަޝްރޫއެއް މިއަދު ފަށައިފިއެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭއިން އިސްނަގައިގެން "މޯލްޑިވްސް ސޯޝަލް އިސްލާމިކް ފައިނޭންސް އިނީޝިއޭޓިވް (މިފްސީ)"ގެ ނަމުގައި ފެށި މަޝްރޫއުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އާއި ބީއެމްއެލް އިސްލާމިކް ބައިވެރިވެއެވެ.

މި މަޝްރޫއުގެ ދަށުން ކުރިއަށް އޮތް ތިން އަހަރު ބީއެމްއިލް 200 މިލިއަން ރުފިޔާގެ މާލީ އެހީ ދޭއިރު، އެމްއައިބީން 30 މިލިއަން ރުފިޔާ އަދި އެމްއެމްއޭއިން 20 މިލިއަން ރުފިޔާގެ މާލީ އެހީ ދިނުމަށް ވަނީ ނިންމާފައެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ---- ފޮޓޯ/ ރައީސް އޮފީސް

ކުރުނބާ މޯލްޑިވްސްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވި މި މަޝްރޫއުގެ ދަށުން މާލީ އެހީ ދިނުމަށް ނިންމާފައި ވަނީ މުޖުތަމައުގައި އުޅޭ ޚާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނާއި އަންހެނުންނަށެވެ.

އެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގެ އިގުތިޞާދަށް އިންގިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، އަމާޒަކީ ރާއްޖޭގައި ކާމިޔާބު ފައިނޭންޝަލް ސެންޓަރެއް ގާއިމުކޮށް، އެ ސެންޓަރުގެ ތެރެއިން އިސްލާމިކް ފައިނޭންސް ފުޅާކުރުން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑު އެދެނީ މި އިނީޝިއޭޓިވްއަކީ ހަމައެކަނި ޕްރޮގްރާމެއްގެ ގޮތުގައި ނުދެކި، އެއްބައިވަންތަކަމާ އެކު އަމަލުކުރަން ޖެހޭ ގޮވާލުމެއްގެ ގޮތުގައި ދެކެން،" ރައީސް ވިދާޅުވި އެވެ.

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ---- ފޮޓޯ/ ރައީސް އޮފީސް

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވެސް އެ ރަސްމިއްޔާތުގައި ވަނީ ވާހަކަދައްކާވާފައެވެ. އޭނާ ވިދާޅުވީ، މިހާރަށް ވުރެ ރާއްޖޭގައި އިސްލާމިކް ފައިނޭންސް ފުޅާކުރުމަކީ 2025-2027 ވަނަ އަހަރުގެ ސްޓެރެތެޖިކް ޕްލޭންގެ ދަށުން ކުރުމަށް ނިންމާފައިވާ ކަމެއް ކަމަށެވެ.

މިއަދު ފެށި މަޝްރޫއުގެ ދަށުން އިގުތިސާދު ކުރިއެރުވުމާއި މުޖުތަމައުގެ މާލީ ހަމަހަމަކަން ގާއިމުކުރުމުގައި ހުރިހާ ފަރާތްތަކެއް ބައިވެރިވުން އިތުރުކުރެވޭނެ ކަމަށް މުނައްވަރު ވިދާޅުވިއެވެ.

އިސްލާމިކް ސޯޝަލް ފައިނޭންސިންގެ މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ފޮޓޯ/ ރައީސް އޮފީސް

މިއީ މެލޭޝިއާގެ "ސަދަގާ ހައުސް ބޭންކް އިސްލާމް" އަސްލަކަށް ބަލައިގެން ފަރުމާކޮށްފައިވާ މަޝްރޫއަކަށް ވާއިރު، އެކަން ކުރަން ފެށުމަށް މެލޭޝިއާގެ ޔުނިވަސިޓީ އިސްލާމިކް ސެލެންގޯއާ ގުޅިގެން މަރުކަޒީ ބޭންކުން ވަނީ ދިރާސާއެއް ވެސް ކޮށްފައެވެ.

މި ރަސްމިއްޔާތުގައި ކެބިނެޓުގެ ވަޒީރުންނާއި މަޝްރޫއާ ގުޅޭ އިދާރާތަކުގެ އިސްވެރިންގެ ވަނީ ބައިވެރިވަޑައިގެންފައެވެ.

comment ކޮމެންޓް