ދާދިފަހުން ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ސިޓީ ދުބާއީގައި ޑައުންސިންޑްރޮމް ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ދީ, ހުޅުވި ކެފޭއަކަށް ގިނަ ބައެއްގެ ސަމާލުކަން އަންނަނީ ލިބެމުންނެވެ.
'21 ކެފޭ'ގެ ނަމުން ހުޅުވި މި ކެފޭ އަކީ ދުބާއީގެ ދެއިރާގެ އަލް ގުރައިރު ސެންޓާގައި މިދިޔަ މަހުގެ 25ގައި ހުޅުވި ކެފޭއެކެވެ. އިންޑިއާގެ ރައްޔިތެއް ކަމަށްވާ ރަގޫ ރާމަން ދަންޑާޕާނީ ހިންގާ މި ކެފޭ އަކީ މިހާރު އުމުރުން 25 އަހަރުވެފައިވާ އޭނާގެ ފިރިހެން ދަރިފުޅުގެ ޝަރަފުގައި ހުޅުވި ކެފޭއެކެވެ. ރަގޫގެ 25 އަހަރުގެ މި ފިރިހެން ދަރިފުޅަކީ ވެސް ޑައުންސިންޑްރޮމް ހުންނަ މީހެކެވެ.
އަރަބި ޚަބަރުތައް ގެނެސްދޭ ނޫހެއް ކަމަށްވާ ގަލްފް ނިއުސްގައި ބުނެފައިވާ ގޮތުގައި '21 ކެފޭ'ގެ ނަމުން ރަގޫ ހުޅުވު މި ކެފޭއަކީ ވިޔަފާރިއަކަށްވުރެ ބޮޑަށް އޭނާގެ ހިތާ ވަރަށް ބޮޑަށް ގުޅިފައިވާ ތަނެކެވެ.

'21 ކެފޭ' ހުޅުވި ރަސްމިއްޔާތުގައި އެ ކެފޭގެ މުވައްޒަފުން ބައިވެރިވަނީ--ފޮޓޯ/ގަލްފްނިއުސް
ހަމައެއާއެކު މި ކެފޭ އަކީ ޑައުންސިންޑްރޮމް ހުންނަ މީހުން ބާރުވެރި ކުރުވައި މިނިވަންކަމާ އެކު އެ މީހުންނަށް އާއްމުންގެތެރޭގައި ދިރިއުޅުމުގެ ހައްގު އޮތްކަން އަންގައިދީ އާއްމުން އެކަމަށް ހޭލުންތެރި ކުރުވުމުގެ ގޮތުން ހުޅުވި ކެފޭއެއް ކަމަށް ބުންޏެވެ.
މި ކެފޭ ހިންގުމާ ހަވާލުވެ ހުރި އެތަނުގެ މެނޭޖަރު ޖޯން މެތިއު ޕޯލް ގަލްފް ނިއުސްއަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، މި ކެފޭގައި މަސައްކަތްކުރާ ޑައުންސިންޑްރޮމް ހުންނަ ކޮންމެ މީހަކީ ވެސް މުޖުތަމައުން އުއްމީދުކުރާ ވަރަށް ވުރެ މާބޮޑަށް އާއްމުންނަށް ޚިދުމަތް ދިނުމުގެ ގާބިލުކަން ލިބިފައިވާ މީހުން ކަމަށެވެ.

'21 ކެފޭ' ހުޅުވި ރަސްމިއްޔާތުގައި އެ ކެފޭގެ މުވައްޒަފުން--ފޮޓޯ/ގަލްފްނިއުސް
ޑައުންސިންޑްރޮމް ހުންނަ މީހުންނަކީ ކަންކަމުގައި އެ މީހުންނަށް ބޭނުންވާ އެއްބާރުލުން ރަނގަޅު ގޮތުގައި ދެވިއްޖެ ނަމަ އެ ޒިންމާތައް ފުރިހަމަކަމާ އެކު އަދާކުރާނެ ބައެއްކަން މި ކެފޭގައި މަސައްކަތްކުރާ ކޮންމެ މީހަކު ވެސް ދުނިޔެއަށް ސާބިތުކޮށްދީފި ކަމަށް ކެފޭގެ މެނޭޖަރު ޖޯން ވަނީ ބުނެފައެވެ. ހަމައެއާއެކު މި ކެފޭ މެދުވެރިކޮށް އާއްމުންނަށް ދޭން ބޭނުންވާ މެސެޖަކީ ވެސް އެއީ ކަމަށް ޖޯން ވަނީ ބުނެފައެވެ.
'21 ކެފޭގައި' މަސައްކަތްކުރާ އުމުރުން 21 އަހަރުގެ އަބްދުއްސަލާމް ދަ ނެޝަނަލްއަށް މައުލޫމާތު ދެމުން ބުނީ، އޭނާއަކީ ޑައުންސިންޑްރޮމް ހުންނަ މީހަކަށް ވިޔަސް ވަޒީފާއެއް އަދާކުރުމަކީ އޭނާ އަބަދުވެސް ބޭނުންވި ކަމެއް ކަމަށެވެ.
ކެފޭގައި އޭނާގެ ވަޒީފާގެ ޒިންމާގެތެރޭ ކަސްޓަމަރުންނަށް ކޮފީ ތައްޔާރުކުރުމަށްފަހު ކޮފީ ސާވް ކުރުން ހިމެނޭއިރު އަންނަ ކޮންމެ ކަސްޓަމަރަކު ވެސް ހިނިތުންވުމާ އެކު އެ މީހުން ދޭ ޚިދުމަތް ބަލައިގަންނާތީ ވަރަށް ބޮޑަށް އުފާވާ ކަމަށް އަބްދުއްސަލާމް ވަނީ ބުނެފައެވެ.
މި ކެފޭގެ ފައުންޑާ ރަގޫ ރާމަންގެ ވިސްނުން ހުރީ މި ވިޔަފާރި އިތުރަށް ފުޅާކޮށް ދުބާއީ ސިޓީއިން ބޭރުގައި ވެސް މި ކެފޭގެ އިތުރު އައުޓްލެޓްތައް ހިންގުމަށެވެ.