ސަރުކާރުގެ ޓެކްސީ ލައިން ފެށުމާ އެކު ޓެކްސީ ޑްރައިވަރުން ބޭނުންވާ ވަގުތުތަކުގެ ބަދަލުގައި އާންމުން އެންމެ ބޭނުންވާ ވަގުތުތަކުގައި އެ ޚިދުމަތް ލިބޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.
އާއްމު ގޮތެއްގައި ޓެކްސީގެ ޚިދުމަތް ހޯދާ ކަސްޓަމަރުންގެ ޝަކުވާއަކީ ބޭނުންވާ ވަގުތުތަކުގައި ޓެކްސީ ނުލިބުމެވެ. ޚާއްސަކޮށް މާލޭގެ އެތެރޭގެ ދަތުރުތަކަށް ޓެކްސީ ހޯދަން އުނދަގޫކަމުގެ ވާހަކައަކީ އަބަދު ވެސް ކަސްޓަމަރުންގެ ޝަކުވާއެކެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި މިނިސްޓަރު އަމީން ވިދާޅުވީ، ސަރުކާރުން ޓެކްސީ ލައިނެއް އުފައްދަން ޖެހުނު މައިގަނޑު އެއް ސަބަބަކީ އެއީ ކަމަށެވެ. މާލެ ސަރަހައްދުގައި އުޅޭ އާންމުންނަށް ބޭނުންވާ ގަޑިތަކުގައި ޚިދުމަތް ނުލިބޭކަމުގެ ޝަކުވާ މިނިސްޓްރީއަށް ވަރަށް ގިނައިން ލިބޭ ކަމަށް އަމީން ވިދާޅުވިއެވެ.
"އެއީ ޓެކްސީގެ ގަވާއިދު މިހާރު އޮންނަ ގޮތުން، އަދި އެތައް އަހަރެއްވެގެން ދިޔައިރު ވެސް ޓެކްސީ ކުރަމުން ގެންދަނީ ޓެކްސީ ކުރާ ފަރާތްތަކަށް ކޮމްފޯޓަބަލް ގަޑިއެއްގައި. އެ ބޭފުޅުން ނުކުމެ ޚިދުމަތް ދޭން ބޭނުންވާ ގަޑިއެއްގައި. ކަސްޓަމަރުން ބޭނުންވާ ގަޑިތަކަކީ މުހިންމު ގަޑިތަކެއް ނޫން،" އަމީން ވިދާޅުވިއެވެ.
"...ޓްރާންސްޕޯޓު މިނިސްޓްރީގެ ދަށުގައި މީގެ 20ކަށް އަަހަރު ކުރިން ވެސް ޓެކްސީކުރުމާ ބެހޭ ގަވާއިދެއް އޮތް ނަމަވެސް މިހާތަނަށް އެ ޚިދުމަތް ދެނީ އެ ޑިސިޕްލިންއާ އެއްގޮތަށް ނޫން،"
ނަމަވެސް، ސަރުކާރުގެ ޓެކްސީ ލައިން ފަށައި، ޚިދުމަތް ދޭއިރު އާންމުންނަށް ޓެކްސީ އެންމެ ބޮޑަށް ބޭނުންވާނެ ގަޑިތަކަށް އިސްކަން ދޭނެ ކަމަށް އަމީން ވިދާޅުވިއެވެ. ޚާއްސަކޮށް ކޮންޓްރޯލްޑް ނިޒާމެއްގެ ތެރެއިން ޓެކްސީ ލައިން ފެށުމުން އެ ކަމަށް ހައްލެއް ލިބޭނެ ކަމަށް އަމީން ވިދާޅުވިއެވެ.

ޓެކްސީތަކެއް: ސަރުކާރުން ވަނީ ޓެކްސީގެ ޚިދުމަތް ފަށަން ނިންމާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މާލޭ ސަރަހައްދުގައި ސަރުކާރުން ޓެކްސީ ޚިދުމަތް ފަށަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއި ޓްރާންސްޕޯޓު މިނިސްޓްރީއާ އެކު އެމްޔޫއޯއެއްގައި ސޮއިކުރީ ފެބްރުއަރީ 15، 2025ގައެވެ.
އުންމީދަކީ މަސައްކަތް ނިންމައި، ޖުލައި މަހުގެ ފުރަތަމަ ހަފުތާގައި އެ ޚިދުމަތް ފެށުން ކަމަށް މިނިސްޓަރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ސަރުކާރުން ޓެކްސީ ޚިދުމަތް ފަށާތީ އެ ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. އަދި، ޓެކްސީ ޑްރައިވަރުން ވަނީ މާލޭގައި އެކަމުގެ އިހުތިޖާޖުތައް ވެސް ކޮށްފައެވެ.