އެންޓި ޑިފެކްޝަން ގާނޫނު އުވާލައި، މަޖިލިސް މިނިވަންކުރަން ޔާމީން ޗެލެންޖުކުރައްވައިފި

ކުރީގެ ރައީސް ޔާމީން: އެ މަނިކުފާނު ވަނީ އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ޗެލެންޖުކުރައްވާފައި --- ފޮޓޯ/ ޗެނަލް13

ގޮނޑި ގެއްލޭ އިސްލާހުގެ ބޭނުންކުރައްވައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް ރައްޔިތުންގެ މަޖިލީސް ނުބާއްވައި އެ މެންބަރުންގެ ރައުޔަށް ދޫކޮށްލައްވަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ޗެލެންޖުކުރައްވައިފިއެވެ.

މަޖިލިސް މެންބަރުން ހޮވިވަޑައިގަތް ޕާޓީން އަމިއްލަފުޅަށް ވަކިވެވަޑައިގެންފިނަމަ، ނުވަތަ އެ ސިޔާސީ ޕާޓީއަކުން މެންބަރު ވަކިކޮށްފިނަމަ ވެސް ގޮނޑި ގެއްލޭ ގޮތަށް ޕީއެންސީގެ ސުޕަމެޖޯރިޓީން ވަނީ ގާނޫނުއަސާސީ އިސްލާހުކޮށްފައެވެ.

ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީންވަނީ އެންމެ ފުރިހަމަ މާނައިގައި މަޖިލީހުގެ ހުރިހާ ބާރުތަކެއް ލިބިގެން އެ ތަން ހިންގާނަމަ، އެންޓި ޑިފެކްޝަން ގާނޫނަށް ގެނައި އިސްލާހާ ދޭތެރޭގައި މަޖިލިސް މެންބަރުން ދެކިލައްވާ ގޮތެއް ބައްލަވަން ދޫކޮށްލަން ރައީސް މުއިއްޒަށް ޗެލެންޖު ކުރައްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އެންމެ މުހިންމު އެއް ޒިންމާއަކީ ސަރުކާރު ޖަވާބުދާރީކުރުވުންކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

"އެންމެ ފުރިހަމަ މާނައިގައި އެ ތަން ހިނގާ ކަމަށް ވަންޏާ، ރައްޔިތުންގެ މަޖިލީހުގެ އެންމެ ބޮޑު ޒިންމާއެއް ކަމަށް ގާނޫނުއަސާސީގައި ކަޅާ ހުދުން ލިޔެފައި އޮތް އެއްޗަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން. އެހެންވީމާ ދޫކޮށްލަންވީ ނޫންތޯ އެ މީހުން [ގޮނޑި ގެއްލޭގޮތަށް އޮތް މާއްދާއާ ދޭތެރޭ] ދެކޭ ގޮތް މީގަ ބަލައިލަން... ރައީސް މުއިއްޒަށް ވަފާތެރި އިޚުލާސްތެރި ނޫނީ ރައީސް މުއިއްޒުގެ ވިސްނުންހުރީ ކިތައް މެންބަރުންގެތޯ ބަލަލައިލަން ދޫކޮށްލަންވީނޫންތޯ،" ޔާމީން ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަޙީމާއި ރައީސް މުއިއްޒު: ގޮނޑިގެއްލޭ އިސްލާހަށް ޔާމީން ވަނީ ޗެލެންޖުކުރައްވާފައި -- ފޮޓޯ/ މަޖިލީސް

އެންޓި ޑިފެކްޝަން ގާނޫނު ފާސްކުރީ މިދިޔަ 19 ވަނަ މަޖިލީހުގެ ފަހުކޮޅު، 2024ވަނަ އަހަރުގެ އޭޕްރިލް އެކެއްގައެވެ. އަދި، ރައީސް ޑރ. މުޙައްމަދު މުއިއްޒު ބިލް ތަސްދީގު ކުރެއްވީ އޭޕްރިލް 16ގައެވެ.

އޭގެ ފަހުން ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް 20ވަނަ މަޖިލީހުން ވަނީ، ނޮވެންބަރު 20ގައި މެންބަރުން ޕާޓީން ވަކި ކުރުމުން ވެސް ގޮނޑި ގެއްލޭގޮތަށް ގާނޫނު ބަދަލުކުރަން ފާސްކޮށްފައެވެ. ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. ހަމަ އެ ދުވަހު ރައީސް މުއިއްޒު އެ ބިލު ތަސްދީގުކުރެއްވިއެވެ.

މި މައްސަލައިގައި އެ މާއްދާ ބާތިލުކުރަން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވަނިކޮށް، އެ ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރުގެ އިތުރުން، ހުސްނުއްސުއޫދު ސަސްޕެންޑުކުރިއެވެ. ރައީސް މުއިއްޒު ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ ސުއޫދު އިސްތިއުފާ ދެއްވިއިރު، ދެން ތިބި ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މިހާރު އޮތީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައެވެ.

comment ކޮމެންޓް