މިދިޔަ ހޮނިހިރު ދުވަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ބޭއްވެވި 14 ގަޑިއިރުގެ ތާރީޚީ ނޫސްވެރިންގެ ބައްދަލުވުމުގައި 'އޮއްޓަރެއް' ހުރި އެންމެ ވާހަކައެއް ވެސް އަޑެއް ނީވުނު ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި އެ ދުވަހު ހެނދުނު 10:04 ހާއިރު ފެށި ނޫސްވެރިންގެ ބައްދަލުވުން ރައީސް ނިންމަވައިލެއްވިއިރު 00:30 އަށް ވުރެ ވެސް ބޮޑުވެ، މުޅި ބައްދަލުވުމުގެ ވަގުތު ވަނީ 14 ގަޑިއިރަށްވުރެ ގިނައިރުވެފައެވެ. ރައީސް ބައްދަލުވުން މެދުކަނޑާލެއްވީ ނަމާދު ވަގުތުތަކަށް 20-30 މިނެޓަށެވެ.
ރައީސްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތަފުސީލު ހާމަ ކުރެއްވުމަށް ދެ ގަޑިއިރެއްހާއިރު ހޭދަ ކުރެއްވެވިއެވެ. އެއަށް ފަހު ބާކީ ވަގުތު ހޭދަކުރެއްވީ ނޫސްވެރިންގެ ސުވާލުތައް ހުސްވަންދެން ޖަވާބު ދެއްވުމަށެވެ.
އެ މަނިކުފާނުގެ ގެކޮޅު ހ. ދޫވެހީގައި މިރޭ ބޭއްވި ޕީއެންއެފް ޖަލްސާގައި ވަނީ، ރައީސް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމަށް ފާޑުވިދާޅުވެ، ވާހަކަދައްކަވާފައެވެ.
ޔާމީން ވިދާޅުވީ، ނޫސްވެރިންގެ ބައްދަލުވުމުން ފެނިގެން ދިޔައީ ބޮޑެތި ސީރިއަސް މައްސަލަތަކުގައި ހަގީގީ ސުވާލެއް އައުމުން ޒުވާބެއް ކުރައްވައި ގޮތް ހުސްވެގެން 'ތިމަންނަ ޖެހޭނީ ތިކަން ބަލައިލަންށޭ' ރައީސް މުއިއްޒު ވިދާޅުވި މަންޒަރު ކަމަށެވެ.
"ފުރަތަމައިނުން ވެސް ވިދާޅުވާން ވީނުންތޯ ރައީސުލްޖުމްހޫރިއްޔާއަކަށް ހުރިހާ ކަމެއް ނޭނގިދާނޭ. މި ޒުވާބު ދެއްވާފައި ހުރިހާ ކަމެއްވެ ނިމުނީމައި، އަނެއްކާ ހަމަ ޔޫޓާން އުނބު ޓާން ނަގަން ޖެހުނީމަ މި ހުތުރުވެގެން ދަނީ،" ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ މިފަދަ އެތައް ކަމެއް ތަކުރާރުވެ، އެ ބައްދަލުވުމުގެ ތެރެއިން ރައްޔިތުންނަށް އުނދަގޫވެފައި ހުރި ސުވާލުތަކަށް ޖަވާބު ނުލިބުނުކަމަށެވެ.
މީގެ އިތުރުން އެ މަނިކުފާނު ވިދާޅުވީ، "އެއްޗެއް ދިގުވުމަކީ މޮޅު" ކަމެއް ކަމަށެވެ. ނަމަވެސް އެ އެއްޗެއް ދިގުވާ ވަރަކަށް އޭގައި އޮއްޓަރު ހުރި މިންވަރު ދަށްވާނެ ކަމަށް ވިދާޅުވިއެވެ.
އެއާއެކު މަޖާޒީ ގޮތެއްގައި މިސާލެއް ނަންގަވަމުން ގޮތުން ޔާމީން ވިދާޅުވީ މަޒުމޫނެއް ލިޔާއިރު އެއަށް ގިނަ މާކްސް ލިބޭނީ އެ ދިގުވެގެން ނޫން ކަމަށެވެ. އޭގައި ހުރި އެއްޗެއްގައި އޮއްޓަރެއް ހުރި ނަމަ ކަމަށެވެ.
"އަޅުގަނޑުމެނަށް މި 14 ގަޑިއިރުގެ ތެރެއިން އޮއްޓަރު ހުރި ޖައުހަރީ ވާހަކަތަކެއް އަޑެއް ނީވުނޭ. އެއަށް އަޅުގަނޑުމެން އިންތިޒާރުކުރީ،" ޔާމީން ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި މައިގަނޑު ގޮތެއްގައި ޔާމީން އަލިއަޅުއްވައިލެއްވީ ރައީސް މުއިއްޒުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކަން ހިނގައިދިޔަ ގޮތަށެވެ.
ސަރުކާރާ ވާދަވެރި ސިޔާސީ ގިނަ ބަަޔަކު އަންނަނީ ރައީސްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކަން ހިނގައިދިޔަ ގޮތަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.