ގާޒީއަށް ގުޅުއްވީ އަޒްމިރަލްދާގެ ފިރިކަލުން ދޫކޮށްލި ފަހުން، އެއްސެވީ ގެނައިތޯ އެކަނި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި އަޒްމިރަލްދާ ޒާހިރު --- ފޮޓޯ/ ރައީސް އޮފީސް

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އިން ތުހުމަތު ކުރި ނަމަވެސް، އެއީ ކުރެވޭނެ ކަމެއް ނޫންކަން، ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް ޒިހުނީ ޖޭއެސްސީއަށް ދެއްވި ބަޔާނުން ހާމަވެއްޖެއެވެ.

ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި އަޒްމިރަލްދާ ޒާހިރު ވަކިކުރަން ޖޭއެސްސީން ވަނީ ނިންމައިފައެވެ.

އެ ބޭފުޅުންގެ މައްޗަށް ތުހުމަތުކުރަނީ މަސާޖު ޕާލާއެއްގެ ތެރެއިން ހައްޔަރުކޮށްގެން އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއިލް ލަތީފު ގެންދިއުމުން، އޭނާގެ ބަންދުން މިނިވަންކުރަން ދަށު ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެއެވެ. އެ ގޮތުން، ފަނޑިޔާރު މަހާޒް، ކްރިމިނަލް ކޯޓުގެ ގާޒީންނަށް ގުޅުއްވައި މައްސަލައަށް ނުފޫޒު ފޯރުވަން މަސައްކަތްކުރި ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

އެކަމަކު، އެ މައްސަލައިގައި ގާޒީ ޒިހުނީ ޖޭއެސްސީއަށް ދެއްވި ބަޔާނުން އެނގޭ ގޮތުގައި މަހާޒް އައްސަވައިގެން ކްރިމިނަލް ކޯޓުގެ ގާޒީ ސަފްވަތު ހަބީބު، ޒިހުނީއަށް ގުޅުއްވީ އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލި ފަހުންނެވެ.

https://sun.mv/205676

ޒިހުނީ ބަޔާނުން އެނގޭ ގޮތުގައި މަހާޒް އައްސަވައިގެން ސަފްވަތު އެއްސެވީ ލަތީފް ބަންދުގެ މުއްދަތު ޖަހަން ހާޒިރުކުރިތޯ އެކަންޏެވެ. އިތުރު އެއްވެސް ސުވާލެއް ކޮށްފައެއް ނުވެއެވެ. އަދި، ގާޒީ ސަފްވަތު، ޒިހުނީއަށް ގުޅުއްވިއިރު އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލައިފިކަން ބަޔާނުން އެނގެއެވެ.

އެހެންވެ، މަހާޒާއި އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައަށް ނުފޫޒު ފޯރުވޭނެ ގޮތެއް ނެތެވެ.

މަސާޖު ޕާލާއަކުން ހަތް މީހުން ހައްޔަރުކުރީ ޑިސެންބަރު 4، 2024 ގައެވެ. އެ މައްސަލައިގައި ހިމެނެނީ ތިން އަންހެނަކާއި ދެ ފިރިހެނުންނެވެ. އަޒްމިރަލްދާގެ ފިރިކަލުން ހައްޔަރުކުރީ އެ މީހުންގެ ތެރެއިންނެވެ. އެކަމަކު، ޖެހިގެން އައި ދުވަހު މުއްދަތު ޖަހަން ގެންދިއުމުން އެކަށިގެންވާ ހެކި ނެތް ކަމަށް ބުނެ އޭނާ ވަނީ ދޫކޮށްލައިފައެވެ.

ޑރ. ލަތީފް ބަންދުގެ މުއްދަތު ޖަހަން ހާޒިރުކުރިތޯ އައްސަވަން ގާޒީ ސަފްވަތު ގުޅުއްވީ އޭގެ ފަހުންނެވެ. އެއީ، އެ ދުވަހު 12 ޖަހަން އުޅެނިކޮށެވެ. އޭރު ލަތީފް މިނިވަންކޮށްފިއެވެ.

https://sun.mv/205613

ފާހަގަކޮށްލެވޭ ގޮތުގައި ގާޒީ ޒިހުނީގެ ބަޔާނުގައި އެހެން ވިދާޅުވި ނަމަވެސް ޖޭއެސްސީން ވަނީ ދެ ފަނޑިޔާރުން ވެސް ވަކިކުރަން ނިންމައިފައެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވައި، މިހާރު އޮތީ ޖުޑިޝަރީ ކޮމިޓީގައެވެ. ފަނޑިޔާރުކަމުން ދެ ބޭފުޅުން ވަކިކުރެވޭނީ ކޮމިޓީން ގޮތެއް ނިންމުމަށް ފަހު، ތަޅުމުން ވެސް ފާސްކޮށްގެންނެވެ.

މި މައްސަލައިގައި ކުރާ ތުހުމަތުތަކަށް ދެ ފަނޑިޔާރުން ވެސް އިންކާރުކުރެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި މައްސަލައިގައި ފަނޑިޔާރުން ސަސްޕެންޑުކުރީ މަޖިލީސް މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ބަލަމުންދަނިކޮށެވެ. އެ ބޭފުޅުން ސަސްޕެންޑުކުރީ އެ މައްސަލައިގައި ހިމެނޭ ވަގުތީ އަމުރުތަކާ މެދު ގޮތެއް ނިންމާ އަޑުއެހުމަށް ކުޑަ ވަގުތުކޮޅަކަށްވެފައި އޮއްވައެވެ.

މިއީ އެ މައްސަލައަށް ނުފޫޒު ފޯރުވަން ކުރި ކަމެއް ކަމަށް ތުހުމަތުކޮށް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

comment ކޮމެންޓް