އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ހަތަރު މަސް ދުވަހުގެ ބޭސްފަރުވާއަށް ފަހު ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާ އެނބުރި ގައުމަށް ވަޑައިގެންފިއެވެ.
ޚާލިދާ ބަންގްލަދޭޝައަށް ވަޑައިގަތީ އެ ގައުމުގެ އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައެޅުމަށް ބަންގްލަދޭޝްގެ ވަގުތީ ސަރުކާރަށް ޕްރެޝަރު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
ބަންގްލަދޭޝްގެ ކަމާބެހޭ ފަރާތްތަކުން ވަނީ މިއަހަރުގެ ޑިސެމްބަރު ނުވަތަ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އިންތިޚާބު ބާއްވާނެ ކަމަށް ވައުދުވެފައެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހު ކިޔަވާ ކުދިންތަނެއް އިސްވެ ކުރި ގިނަ މުޒާހަރާތަކަށްފަހު ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ވެރިކަމުން ދުރުކުރި ފަހުން އެ ގައުމުގައި ހިންގަމުން އަންނަނީ ވަގުތީ ވެރިކަމެކެވެ.
ޚާލިދާ ގައުމަށް ވަޑައިގަތުމަކީ އެކަމަނާ ނިސްބަތްވެވަޑައިގަންނަވާ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އަށް ވަރަށް މުހިންމު ކަމެއް ކަމަށްވެސް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.
ޚާލިދާއަށް މަރުހަބާ ކިޔުމަށް ބަންގްލަދޭޝްގެ މައި އެއާޕޯޓުގެ ބޭރުގައާއި ގެއަށް ވަޑައިގެންނެވި މަގުގައިވެސް އެތައް ހާސް ސަޕޯޓަރުންނެއް އެއްވެ ތިއްބެވެ.
އުމުރުފުޅުން 78 އަހަރުފުޅުގެ ޚާލިދާ ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރަކަށް ވެވަޑައިގަތީ 1991 ގައެވެ. އެކަމަނާ އެ މަގާމަށް ވަޑައިގަތީ 1977އިން 1981 އަށް ބަންގްލަދޭޝްގެ ރައީސްކަން ކުރައްވައި، 1978 ވަނަ އަހަރު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ އުފެއްދެވި ފިރިމީހާ ޒިޔާއުއް ރަހުމާން އަވަހާރަކޮށްލުމުންނެވެ. ޚާލިދާ ދެވަނަ ފަހަރަށް އެ ގައުމުގެ ބޮޑުވަޒީރުކަން ކުރެއްވީ 2001 އިން 2006 އަށެވެ.
ދެހާސް ހަ ވަނަ އަހަރު އެކަމަނާގެ ސަރުކާރުގެ ދައުރު ނިމުމުން 2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އިންތިޚާބު ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން ފަސްކުރިއެވެ. އަދި އޭގެފަހުން އެ ގައުމުގެ އަސްކަރިއްޔާއިން ވަގުތީ ގޮތުން ވެރިކަމާ ހަވާލުވިއެވެ.
އެ ދުވަސްވަރު ސަރުކާރުން ވަނީ ޚާލިދާއާއި އޭނާގެ ދެދަރިންގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލައިފައެވެ. ބަންގްލަދޭޝްއަކީ ދުނިޔޭގެ އެންމެ ކޮރަޕްޓް ގައުމު ކަމަށް ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްއިން ދައްކައިފައި ވަނީ ޚާލިދާގެ ވެރިކަމުގައެވެ.
ދެހާސް އަށާރަ ވަނަ އަހަރު އެކަމަނާ ޖަލަށްލީ ކޮރަޕްޝަންގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ. ނަމަވެސް އެއީ ސިޔާސީ މައިދާނުން އޭނާ ދުރުކުރަން ކުރި ކަމެއް ކަމަށް ޚާލިދާ ތުހުމަތު ކުރައްވައެވެ. ދެހާސް ވިހި ވަނަ އަހަރުގެ މާޗު މަހުން ފެށިގެން އޭނާ ހުންނަވަނީ ގޭބަންދުގައެވެ.
ޚާލިދާ މިނިވަން ކުރީ ހަސީނާގެ ވެރިކަން ވެއްޓުނުތާ 24 ގަޑިއިރުވެސް ނުވަނީސް ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝަހާބުއްދީންގެ އަމުރުފުޅަށެވެ.
ފަހަކަށް އައިސް ސިއްޙީ އެތައް މައްސަލަތަކަކާ ކުރިމަތިލާން ޖެހިފައިވާ ޚާލިދާ ވަނީ ބޭސްފަރުވާއަށް ބަންގްލަދޭޝް އިން ބޭރަށް ގިނަ ދަތުރުތަކެއް ކުރައްވައިފައެވެ.