މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)އިން އާޓިފިޝަލް ބީޗް ކުރިމަތީގައި ހުންނަ އިމާރާތުގައި ހިންގާ އޮފީސް, ރީޓެއިލް ކަސްޓަމަރުނަށް ޚާއްސަ ކޮށްފިއެވެ.
އެ ބޭންކުން ބުނީ މިގެނެވުނު ބަދަލާއެކު އެ ބްރާންޗު ބޭނުން ކުރާ މީހުންނަށް ފަސޭހަވާނެ ގޮތަށް ކަންކަން ތަރުތީބު ކޮށްފައި ވާކަމަށެވެ.
އެގޮތުން އޮފީސްތަކުގައި މަސައްކަތް ކުރާ ބޭފުޅުންނަށް ފަސޭހަ ވާނޭ ގޮތަށް އެ ބްރާންޗު ބަންދު ކުރާގަޑި ވެސް ލަސްކޮށްފައި ވާކަމަށް އެމްއައިބީއިން ބުނެއެވެ.
އެމްއައިބީއިން ބުނީ ރީޓެއިލް ކަސްޓަމަރުންނަށް ޚާއްސަ އެ ބްރާންޗުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:30 އިން 16:00 އަށް ކަމަށެވެ. އަދި ކާޑާއި އަނގޮއްޓީގެ އިތުރުން ޓެގު ދޫކުރުން ކުރިޔަށް ދާނީ ހެނދުނު 10:00 އިން 18:00 އަށް އެ ބްރާންޗުގެ ގްރައުންޑް ފްލޯއިން ކަމަށް އެމްއައިބީއިން މަައުލޫމާތުދެއެވެ.
އެމްއައިބީއިން ބުނެފައި ވަނީ އެ ބްރާންޗް މެދުވެރިކޮށް އަމިއްލަ ފަރުދަކަށް ބޭނުންވާނެ ހުރިހާ ބޭންކިން ހިދުމަތެއް ލިބޭނެ ކަމަށެވެ. އެކައުންޓު ހުޅުވުމާއި ފައިސާ ޖަމާކޮށް ނެގުމުގެ އިތުރުން، ޗެކު ފޮތް ނެގުމާއި ބޭންކް ސްޓޭޓްމަންޓަށް ވެސް އެދެވޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.
އެމްއައިބީއަކީ ހުރިހާ ހިދުމަތެއް ޑިޖިޓަލްކޮށް ލިބޭ ފުރަތަމަ ބޭންކު ނަމަވެސް އެ ބޭންކުން އަންނީ ބޭންކުގެ ބްރާންޗްތައް އިތުރުކޮށް ބޭންކަށް އަންނަން ބޭނުންވާ ކަސްޓަމަރުންނަށް ވެސް އެކަމަށް މަގު ފަހި ކޮށްދެމުންނެވެ.
އެ ބޭންކުގެ މީޑިޔާ މެނޭޖަރު އަހްސަން ޖަމީލް ވިދާޅުވީ އެ ބޭންކުގެ އަމާޒަކީ މުޖުތަމައުގެ އެއްވެސް ފަރުދެއް ބާކީ ނުކޮށް ހިދުމަތް ލިބޭނެ މަގު ފަހިކުރުން ކަމަށެވެ.
އެމްއައިބީއަކީ ބޭންކަށް ނުގޮސް އަމިއްލަ ފަރުދުންނަށާއި ވިޔަފާރިތަކަށް ވެސް އެކައުންޓު ހުޅުވޭ ރާއްޖޭގެ ހަމައެކަނި ބޭންކެވެ. އެ ބޭންކުން އަންނަނީ އެންމެ ޒަމާނީ ހިދުތަމްތައް ދިވެހިންނަށް ފޯރުކޮށްދެމުންނެވެ.
ފައިސާ ދެއްކޭ އަނގޮޓިއެއް ރާއްޖެއަށް އަލަށް ތައާރަފްކުރުމުގެ އިތުރުން އެ ބޭންކުން ވަނީ ފައިސާ ދެއްކޭ ޓެގެއް ވެސް ތައާރަފްކޮށްފައެވެ. އެމްއައިބީއަކީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލީފްލެޖް އިސްލާމިކް ބޭންކެވެ.