ނިމިދިޔަ 2024 ވަނަ އަހަރު ކިޔާފައިވާ ޚުތުބާތަކުގެ އިނގިރޭސި ތަރުޖަމާ އިސްލާމިކް މިނިސްޓްރީއިން މިއަދު ނެރެފިއެވެ.
އިސްލާމިކް މިނިސްޓްރީއިން ބުނީ ފޮތެއްގެ ސިފައިގައި ނެރެފައިވާ އެ ތަރުޖަމާގައި މިދިޔަ އަހަރު ކިޔާފައިވާ 35 ޚުތުބާގެ އިނގިރޭސި ތަރުޖަމާ ހިމަނާފައި ވާކަމަށެވެ.
މިނިސްޓްރީއިން ބުނީ ޚުތުބާއާ ގުޅޭ ކަންތައްތައް ހަރުދަނާ ކުރުމަށް، ކުރަމުންގެންދާ މަސައްކަތުގެ ދަށުން ހުކުރު ޚުތުބާގެ އިނގިރޭސި ތަރުޖަމާ ނެރުމާއި ޚުތުބާގެ އިނގިރޭސި ތަރުޖަމާ ފޭސްބުކްގެ އިތުރުން ޓީވީގެ ލައިވް ފީޑަށް މިހާރު އަރުވަން ފަށާފައި ވާކަމަށެވެ.
މިނިސްޓްރީއިން ވަނީ ޚުތުބާގެ އިނގިރޭސި ތަރުޖަމާ ފޮތް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ބުނެފައެވެ.
ހުކުރު ޚުތުބާގެ އިނގިރޭސި ތަރުޖަމާ ޓީވީއިން ފެންނަ ގޮތަށް މިނިސްޓްރީއިން ހަދާފައި ވަނީ ނިމިދިޔަ 2024 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެެވެ.
އިނގިރޭސިބަހުގެ އިތުރުން ބަންގާޅު ބަހުން ވެސް ޚުތުބާގެ ތަރުޖަމާ ލިބޭނެ އިންތިޒާމު މިނިސްޓްރީއިން ވަނީ ހަމަޖައްސައިފައެވެ. ނަމަވެސް ޓީވީތަކުން އަރާނީ ހަމައެކަނި އިނގިރޭސި ސަބްޓައިޓަލްއެވެ.