ދައުލަތުގެ މީޑިއާއިން ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރަނީ ކަމަށް ބުނެ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ދައުލަތުގެ ޓީވީ، ޓީވީއެމް ހިންގާ އިމާރާތް: ދައުލަތުގެ މީޑިއާއިން ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރަނީ ކަމަށް ބުނެ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ދައުލަތުގެ މީޑިއާއިން ވަކި ފަރާތެއްގެ ސިޔާސީ އަދި ޒާތީ މަސްލަހަތު ހިމާޔަތްކުރަނީ ކަމަށް ބުނެ, އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ މިއަދު ބޭރުކޮށްލައިފިއެވެ.

މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)އެވެ.

އެ މައްސަލަ ހުށަހަޅާފައިވަނީ ދައުލަތުގެ މީޑިއާއިން ތަކުރާރުކޮށް ގާނޫނާ ޚިލާފުވާކަމަށް ވިދާޅުވެ، އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި މަޖިލީހުގައި ބަހުސްކުރުމަށް ކަމަށް މެންބަރު ވަނީ މައްސަލައި ފާހަގަކުރައްވައިފައެވެ. މިއަދުގެ ޖަލްސާގައި އެ މައްސަލަ އެޖެންޑާކުރި ނަމަވެސް، ސަރުކާރުގެ ސުޕަ މެޖޯރިޓީން ވަނީ އެ މައްސަލަ ބޭރުކޮށްލައިފައެވެ.

އެގޮތުން, އެ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމުމަށް ނެގި ވޯޓުގައި އެ މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ އެމްޑީޕީގެ 12 މެންބަރުންނެވެ. ނުފެންނަ ކަމަށް 45 މެންބަރުން ވަނީ ވޯޓުދެއްވައިފައެވެ. އެއާއެކު ރިޔާސަތުން ވަނީ އެ މައްސަލަ ބޭރުކޮށްލައިފައެވެ.

20 ވަނަ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

މައްސަލައިގައި މެންބަރު ވިދާޅުވެފައިވަނީ ބަންޑާރަ މީޑިއާ ނުވަތަ ދައުލަތުގެ މީޑިއާ އުފެއްދި ގާނޫނުގައި ކަނޑައަޅާފައިވާ އާންމު އުސޫލުތަކާއި ސިޔާސަތުތަކުގެ އިމުގެ ތެރޭގައި، ނުފޫޒުން އެއްކިބާވެފައިވާ އަދި އެޑިޓޯރިއަލް މިނިވަންކަން ލިބިފައިވާ، ދިވެހިރާއްޖޭގެ އެންމެހައި ސަރަހައްދުތަކަށް ޚިދުމަތް ފޯރުކޮށްދޭ ގައުމީ މީޑިއާއެއްގެ ގޮތުގައި ދެމިއޮތުން އެއީ ދައުލަތުގެ މީޑިއާ އުފެދުމުގެ މަގުސަދެއް ކަމަށެވެ.

ހަމައެއާއެކު ދީނީ، އިގުތިސާދީ، އިޖުތިމާއީ، ސިޔާސީ އަދި މިނޫނަސް ގައުމަށް ބޭނުންތެރި ހުރިހާ ދާއިރާއެއްގައި މައުލޫމާތު މުއްސަނދި، ހޭލުންތެރި ރައްޔިތެއް ބިނާކުރުމަށް މަސައްކަތްކުރުމަކީ ދައުލަތުގެ މީޑިއާގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ. ދިވެހި ރައްޔިތުންނަށް މުހިންމުވާނެ ބައިނަލްއަގުވާމީ އެކި ކަންކަމާއި، ގައުމީ އެކި ކަންކަމުގެ ޚަބަރާއި، މައުލޫމާތާއި، ކަން ހިނގަމުންދާގޮތް ރައްޔިތުންނަށް އަންގައިދިނުމަކީ، ބަންޑާރަ މީޑިއާގެ މައްޗަށް ލާޒިމުކޮށްފައިވާ ކަންކަން ކަމަށް މައްސަލައިގައި ވިދާޅުވެފައިވެއެވެ.

ވަކިން ޚާއްސަކޮށް ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތި ދައުލަތުގެ މީޑިއާގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރުމާއި، ވަކިވަކި ފަރުދުންނަށާއި އެކި ޖަމާއަތްތަކަށް ފުރުސަތު ދިނުމުގައި ވެސް ހަމަހަމަކަން ގާއިމުކުރުމަށް މަސައްކަތްކުރުމަކީ، ދައުލަތުގެ މީޑިއާގެ ސިޔާސަތުތަކުގެ ތެރެއިން ސިޔާސަތެއް ކަމަށް މައްސަލައިގައި ވިދާޅުވެފައިވެއެވެ.

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) -- ފޮޓޯ/ މަޖިލިސް

ރާއްޖޭގައި ބާއްވާ އެކިއެކި އިންތިޚާބުތަކާއި، ރައްޔިތުންގެ އާންމު ވޯޓު ނެގުން ފަދަ ކަންކަމުގައި، އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު އިޝްތިހާރުކުރުމަށް ޖާގައާއި ވަގުތު ގަނެވޭނެ އުސޫލެއް ކަނޑައަޅަންޖެހޭކަން ވަނީ ފާހަގަކުރައްވައިފައެވެ. އަދި، ވާދަކުރާ ހުރިހާ ފަރާތްތަކަށްވެސް ހުޅުވާލުމަށްފަހު ނޫނީ އިންތިޚާބުތަކާއި އާންމު ވޯޓުތަކާ ގުޅޭ ކެމްޕޭން އިޝްތިހާރުތައް ނުފޮނުވުމާއި ޝާއިއުނުކުރުން ގާނޫނުގައި ހިމަނައިފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.

ނަމަވެސް، އެއިން އެއްވެސް ހަމައަކާ އުސޫލަކަށް ބެލުމެއް ނެތި، ގައުމީ މީޑިއާއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ބަދަލުގައި، ވަކި ބަޔަކަށް ފުރުސަތުދީ، ގާނޫނުގައި ބަޔާންކުރާ އެޑިޓޯރިއަލް މިނިވަންކަން މުޅިން ނަގައިލައި، ވަކި ފަރާތެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ޒާތީ މަސްލަހަތެއް ހިމާޔަތްކުރުމަށްޓަކައި ހަމަހަމަކަމާއި އިންސާފުން އެއްކިބާވެ، ދައުލަތުގެ މީޑިއާގެ ޗެނަލްތަކުން މަސައްކަތް ކުރަމުންދާ ކަމަށް މެންބަރު ވަނީ ވިދާޅުވެފައެވެ.

އެ ކަންކަމަކީ ވަކިވަކި ފަރުދުންނަށާއި އެކި ޖަމާއަތްތަކަށް ފުރުސަތު ދިނުމުގައި ވެސް ހަމަހަމަކަން ގާއިމުނުކޮށް، ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނާ ޚިލާފަށް އެތަނުގެ މެނޭޖްމަންޓުން ހިންގަމުންގެންދާ ކަންތައްތަކެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ދައުލަތުގެ މީޑިއާއިން، ތަކުރާރުކޮށް ގާނޫނާ ޚިލާފުވަމުންދާ މައްސަލައަކީ، ދިވެހިރާއްޖޭގައި ރަސްމީ ސިފައެއްގައި ގާނޫނުގެ ބާރު ކަނޑުވައިލައި، ގާނޫނަށް އަމަލުނުކުރުމުގެ ސަގާފަތެއް އަށަގެންނެވުމަށް ހިތްވަރު ލިބޭ ފަދަ ކަމެއް ކަމަށް މައްސަލައިގައި ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް