ނިއު ޒީލޭންޑުގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

ނިއު ޒީލޭންޑުގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުުރުން މަނާކުރަނީ. ފޮޓޯ/އޭއެފްޕީ

ނިއު ޒީލޭންޑުގައި 16 އަހަރުން ދަށުގެ ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރަން ގާނޫނު ހަދާ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

ބޮޑުވަޒީރު ކްރިސްޓޮފާ ލަކްސަން ތާއިދު ކުރެއްވި އެ ބިލުގައިވަނީ ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ، ޓެކްނޮލޮޖީގެ ބޮޑެތި ޕްލެޓްފޯމްތަކުގެ ނުރައްކާތަކުން އެ ކުދިން ރައްކާތެރި ކުރުމަށް ކަމަށެވެ.

އެ ޑްރާފްޓުގައިވާގޮތުން ސޯޝަލް މީޑިއާ ބޭނުންކުރާ ކުދިންނަކީ 16 އަހަރު ފުރިފައިވާ ކުދިންތޯ ކުންފުނިތަކުން ޔަގީންކުރަން ޖެހެއެވެ. އެގޮތަށް ޔަގީން ނުކޮށްފިނަމަ، ކުންފުނިތައް ދެ މިލިއަން ނިއުޒީލެންޑް ޑޮލަރު ނުވަތަ 1.2 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރެވޭނެއެވެ.

"މިއީ އަހަރެމެންގެ ދަރިން ހިމާޔަތް ކުރުން. މިއީ އަހަރެމެންގެ ކުދިން ހިމާޔަތްކުރުމުގައި ސޯޝަލް މީޑިއާ ކުންފުނިތަކުން އެމީހުންގެ ދައުރު އަދާކުރާކަން ޔަގީން ކުރުން." ލަކްސަން ވިދާޅުވިއެވެ.

މިފަހުން އޮސްޓްރޭލިއާއިން ވަނީ، 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މިޑިއާ ބޭނުންކުރުން މަނާކޮށްފައެވެ. އެ ގައުމުން އެ ގާނޫނު ފާސްކުރީ މިދިޔަ އަހަރު ނޮވެމްބަރު މަހުއެވެ.

އެ ފިޔަވަޅާ ގުޅިގެން ބޮޑެތި ޓެކް ކުންފުނިތަކުން ވަނީ އޮސްޓްރޭލިއާއަށް ފާޑުވެސްކިޔާފައެވެ.

comment ކޮމެންޓް