ހައްޖު ވިސާގެ ގަވާއިދާ ޚިލާފުވާ މީހުން, 26،000 ޑޮލަރު ނުވަތަ އެއް ލައްކަ ރިޔާލާ ހަމައަށް ޖޫރިމަނާ ކުރާނެ ކަމަށް ސައުދީ އަރަބިއްޔާގެ ހައްޖާއި އުމްރާއާބެހޭ ވުޒާރާއިން އިއުލާނުކޮށްފިއެވެ.
ހައްޖުވާން ބޭނުންނަމަ، ކުރިއަށް އޮތް ސީޒަނަށް ހައްޖުގެ އަޅުކަން އަދާކުރުމަށް ރަސްމީ ހުއްދައެއް ހޯދުމުގެ މުހިންމުކަން އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.
ރަސްމީ ހުއްދައެއް ނެތި ވިޒިޓް ވިސާއާ އެކު ހައްޖުގެ އަޅުކަން އަދާކުރަމުންދާ މީހަކު ފެނިއްޖެ ނަމަ 5،332 ޑޮލަރު ނުވަތަ 20،000 ރިޔާލުން ޖޫރިމަނާ ކުރާނެ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.
އަދި ހައްޖު ދުވަސްވަރު ވިޒިޓް ވިސާ ހޯލްޑަރުން ސައުދީއަށް ފޮނުވާ މީހުންވެސް ޖޫރިމަނާ ކުރާނެއެވެ.
އޭގެތެރޭގައި ހޮޓަލް، އެޕާޓްމަންޓް، އަމިއްލަ މީހުންގެ ގެދޮރު، ނުވަތަ އެނޫންވެސް ތަންތަނުގައި ހައުސިން ވިޒިޓް ވިސާ ގައިތިބޭ ފަރާތްތައް ފިލައިގެން ތިބުމަށް އެހީތެރިވާ މީހުން ވެސް ހިމެނޭނެ ކަމަށް ހައްޖު ވުޒާރާއިން ބުނެފައިވެއެވެ.
"އަދަބުތައް އިތުރުވަނީ ގަވާއިދާ ޚިލާފުވާ އަދަދަށް. ގަވާއިދާ ޚިލާފަށް ހައްޖުވާން އުޅޭ މީހުންނާއި ވިސާ ދޭ މުއްދަތަށްވުރެ އިތުރަށް ސައުދީގައި ތިބޭ މީހުން ޑީޕޯޓުކޮށް 10 އަހަރު ވަންދެން ސައުދީއަށް އެރުން މަނާކުރާނަން." ސޯޝަލް މީޑިއާގައި އާންމުކުރި އެ ވުޒާރާގެ ބަޔާނެއްގައިވެއެވެ.
މިއަހަރުގެ ހައްޖު މޫސުން ފެށޭނީ ޖޫން ހައެއް ވާ ހުކުރު ދުވަހުގެ ހަވީރު އެވެ. އަދި ނިމޭނީ ޖޫން 11 ވާ ބުދަ ދުވަހުއެވެ. އަޟްޙާ ޢީދު ދުވަހަށް ވާނީ ޖޫން އަށެއް ވާ އާދީއްތަ ދުވަހެވެ.