މިދިޔަ ސަރުކާރުން އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް މި ސަރުކާރުންވީ ވައުދާ އެއްގޮތަށް އަމަލު ނުކުރާތީ، އެ ކަމާ ގުޅިގެން ސުވާލު ކުރުމަށް މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ހާޒިރުކުރަން އެޖެންޑާކޮށްފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ވެރިކަމަށް ވަޑައިގަތީ ކުރީ ސަރުކާރުން އިންޑިއާއާއެކު ވެފައިވާ ގޮތް ނޭނގޭ އެއްބަސްވުންތައް ހާމަކުރުމުގެ ވައުދުފުޅާއެކުއެވެ. އަދި އިންޑިއާއާއެކު އެމްޑީޕީގެ ވެރިކަމުގައި ނުރައްކާތެރި އެއްބަސްވުންތަކެއް ހަދާފައިވާ ކަމަށާއި، އިންޑިއާގެ ހަތިޔާރު އެޅި ސިފައިން ރާއްޖޭގައި އެބަ ތިބި ކަމަށް ވިދާޅުވެ، ބޮޑެތި ތުހުމަތުތަކެއް ކުރެއްވިއެވެ. ނަމަވެސް، ވެރިކަމަށް ވަޑައިގެން ދޮޅު އަހަރުވީއިރު ވެސް އެއްބަސްވުންތައް ހާމަނުކުރުމާއެކު އެ މަނިކުފާނަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައެވެ.
ނޫސްވެރިންނާ ބައްދަލު ނުކުރައްވާތާ 500އަށްވުރެ ގިނަ ދުވަހަށްފަހު، މިދިޔަ ހޮނިހިރުގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، އިންޑިއާއާއެކު ހަފާދައިވާ އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ކަމެއް ނެތް ކަމަށެވެ.
މި މައްސަލައިގައި މާދަމާ ޣައްސާން މަޖިލީހަށް ހާޒިރުކުރަނީ އެމްޑީޕީގެ ފަރާތުން، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ކުރައްވާފައިވާ ދެ ސުވާލަކަށް ޖަވާބު ދެއްވުމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ އިންޑިއާއާއި ރާއްޖެއާ ދެމެދު ގާއިމްކޮށްފައިވާ އެއްބަސްވުންތައް ހާމަ ނުކުރެވިގެން އުޅެނީ ކީއްވެގެންތޯއާއި، މިހައިތަނަށް އިންޑިއާގެ ކިތައް ސިފައިން ރާއްޖެއިން ފޮނުވައިލެވިއްޖެތޯއެވެ. އަދި އިންޑިއާގެ ސިފައިން ރާއްޖޭގައި ގެންގުޅުނީ ކޮންކަހަލަ ހަތިޔާރެއްތޯ އޮޅުންފިލުއްވުމަށެވެ.
އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރާއްޖެއާ އެހެން ގައުމަތަކާމެދު ވެފައިވާ އެއްބަސްވުންތައް ހާމަކުރަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެ ކަން ނުކުރެވިގެން އުޅޭ ސަބަބެއް ކަމަށް ވިދާޅުވީ، ގައުމުތަކުން އެ ކަން ކުރުމަށް ހުއްދަ ނުދިނުމެވެ.
އެ މަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ކުރެއްވި ކަމެއް ކަމަށް ވިދާޅުވީ، ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ފޮނުވާލުމެވެ. ނަމަވެސް ފަހުން މި ސަރުކާރުން ވަނީ 'އިންޑިއާ އައުޓް' ހަރަކާތަކީ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް އިސްނަންގަވައިގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ވިދާޅުވެފައެވެ. އަދި މި ސަރުކާރުން މިހާރު ވަނީ އިންޑިއާއާއެކު އޮތް ގުޅުން ވެސް ރަނގަޅުކޮށްފައެވެ.
އެގޮތުން ރައީސް ވަނީ ވެރިކަމަށް ވަޑައިގަތުމަށް ފަހު ދެ ފަހަރަކު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވެސް ވަޑައިގެންފައެވެ. އޭގެ ތެރޭގައި ތިންވަނަ ދައުރަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ހުވާކުރެއްވި ރަސްމިއްޔާތަށް އެމަނިކުފާނު އިންޑިއާއަށް ވަޑައިގަތް ދަތުރުފުޅު ހިމެނެއެވެ. އަދި ފަހުން އެ މަނިކުފާނު ވަނީ އިންޑިއާގެ ރައީސް ދްރުޕަތީ މުރްމޫގެ ދައުވަތަކަށް އެ ގައުމަށް ފުރަމާނަ ދަތުރުފުޅެއްގައި ވެސް ވަޑައިގެންފައެވެ. އޭގެ ފަހުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ވެސް ވަނީ ރާއްޖެއަށް ވަޑައިގެންފައެވެ.