22 އަހަރުގެ ޚިދުމަތަށްފަހު، ސްކައިޕް ރަސްމީކޮށް ބަންދުކޮށްފި

އިންޓަނެޓް މެދުވެރިކޮށް ފޯނު ކޯލްތަކާއި ވީޑިއޯ ކޯލްތައް ކުރުމަށް މަޝްހޫރު ވެފައިވާ ސްކައިޕް ސާވިސް މިއަދު ރަސްމީކޮށް ބަންދުކޮށްފިއެވެ.

މައިކްރޯސޮފްޓުން މި ނިންމުން ނިންމާފައިވަނީ ކުންފުނީގެ މައިގަނޑު މުވާސަލާތީ އެޕްލިކޭޝަން ކަމަށްވާ ޓީމްސްއަށް އިސްކަން ދިނުމަށްޓަކައެވެ.

ދެހާސް އެގާރަ ވަނަ އަހަރު މައިކްރޯސޮފްޓުން ގަތް ސްކައިޕަކީ އިންޓަނެޓް މެދުވެރިކޮށް ފޯނު ކޯލްތައް ކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެންމެ ކުރީ ސަފުގައި ހިމެނޭ އެޕެކެވެ. މި ޚިދުމަތް އެހާ މަގުބޫލުވެ، ގިނަ ބަޔަކު ބޭނުންކުރަން ފެށުމާ ގުޅިގެން "ސްކައިޕް" މި ނަން ވަރަށް އާންމު ބަހަކަށްވެސް ވިއެވެ.

ސްކައިޕް ބަންދުކުރުމާ ގުޅޭގޮތުން މައިކްރޯސޮފްޓުން ފެބްރުއަރީ މަހު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ މިއަދު ސްކައިޕް ބަންދުކޮށް، އޭގެ ބައެއް ޚިދުމަތްތައް މައިކްރޯސޮފްޓް ޓީމްސްއަށް ބަދަލުކުރާނެ ކަމަށެވެ. ސްކައިޕް ބޭނުންކުރާ ފަރާތްތަކަށް މިހާރު ބޭނުންކުރަމުންދާ އެކައުންޓްތައް ބޭނުންކޮށްގެން ޓީމްސްއަށް ލޮގިންވެވޭނެއެވެ.

ދެހާސް ތިން ވަނަ އަހަރު އެސްޓޯނިއާގެ ވެރިރަށް ޓެލިންގައި އިންޖިނިއަރުންގެ ގްރޫޕަކުން އުފެއްދި ސްކައިޕް ބިނާވެފައިވަނީ އޯޑިއޯ ޑިޖިޓަލް ސިގްނަލަކަށް ބަދަލުކޮށް އިންޓަނެޓް މެދުވެރިކޮށް ފޮނުވާ ވީއޯއައިޕީ ޓެކްނޮލޮޖީގެ މައްޗަށެވެ. އޭގެ ދެ އަހަރު ފަހުން އީބޭއިން ސްކައިޕް ގަތުމަށްފަހު ވީޑިއޯ ކޯލްގެ ޚިދުމަތް ތަޢާރަފުކުރިއެވެ. އަދި 2011 ވަނަ އަހަރު މައިކްރޯސޮފްޓުން ސްކައިޕް ގަތީ 8.5 ބިލިއަން ޑޮލަރަށެވެ.

ސްކައިޕް ބަންދުކުރުމާއެކު، ގިނަ ބަޔަކު ބޭނުންކުރަމުން އައި މި ޚިދުމަތް ނިމުމަކަށް އައިސް، އާ ދައުރެއް ފެށުނީއެވެ. މައިކްރޯސޮފްޓުން ބުނާގޮތުގައި ސްކައިޕް ބޭނުންކުރާ ފަރާތްތަކަށް ޓީމްސް މެދުވެރިކޮށް ކުރިން ލިބުނު ޚިދުމަތްތައް ލިބޭނެއެވެ.

comment ކޮމެންޓް