ރާއްޖެއިން ކާނާގެ ޔަގީންކަން އިތުރުކުރުމަށާއި ކްރެޑިޓް ރޭޓިން މަތިކުރުމަށް ކުރާ މަސައްކަތުގައި އެހީވާނެ ކަމަށް ޔުނައިޓެޑް ޢަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އުމް އަލް ގުވައިންގެ ޑެޕިއުޓީ ރޫލާ ޝައިޚް ޢަބްދުﷲ ބިން ރާޝިދު އަލްމުޢައްލާ މިއަދު ވިދާޅުވެއްޖެއެވެ.
ޝައިޚް އަބްދުﷲ ރާއްޖެ ވަޑައިގަތީ، ގަތަރުގެ ޝާހީ އާއިލާއާ ގުޅުންހުރި ގްލޯބަލް އިންވެސްޓްމަންޓްސް ކުންފުންޏާއި ދިވެހި ސަރުކާރާ ގުޅިގެން މާލެ ސަރަހައްދުގައި 8.8 ބިލިއަން ޑޮލަރުގެ ފައިނޭންޝަލް ސެންޓަރެއް ހެދުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތަށެވެ. އެ ރަސްމިއްޔާތު ރޭ ވަނީ ބާއްވައިފައެވެ.
މިއަދު ޝައިޚް އަބްދުﷲ ވަނީ ރައީސް މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފައެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްވަނީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ)އާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމަށްޓަކައި ޝުކުރުވެރިވެވަޑައިގަންނަވާކަން ހާމަކުރައްވައިފައިވާ ކަމަށެވެ. އަދި ދެ ފަރާތުގެ މަސްލަޙަތު ހިމެނޭ ދާއިރާތަކުން އެކުގައި މަސައްކަތްކުރުމުގެ ޝައުގުހުރިކަން އެ މަނިކުފާނު ފާހަގަކުރެއްވި ކަމަށް އެ އޮފީހުން ބުންޏެވެ. .
ރައީސް އޮފީހުން ބުނި ގޮތުގައި އެ ބައްދަލުވުމުގައި ޝައިޚް އަބްދުﷲ ވަނީ، ކުރިއަށްއޮތް ދުވަސްތަކުގައި ވެސް، ރާއްޖޭގައި އިންވެސްޓުކުރާނެ ކަމުގެ ޔަގިންކަން ދެއްވާފައެވެ.
މީގެ އިތުރުން ރާއްޖޭގައި ފުޑް ސެކިއުރިޓީ އިތުރުކުރުމަށާއި، ފޮސިލް ފިއުލްއަށް ބަރޯސާވުން ކުޑަކުރުމަށާއި، ދަނޑުވެރިކަން ކުރިއަރުވައި، ދިގުމުއްދަތުގައި ހަމަޖެހުމާއި ތަރައްގީ ކަށަވަރުކުރުމަށް ބޭނުންވާ ބިނާރު ތަރައްގީކުރުމުގެ މަސައްކަތްތަކުގައި އެއްބާރުލުން ދޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި ކަމަށް އެ އޮފީހުން ބުންޏެވެ. އަދި ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުކުރުމަށް ކުރާ މަސައްކަތުގައި އެހީތެރިވެދެއްވުމަށް ޝައުގުވެރިކަން އެބަހުރިކަން ޝައިޚް އަބްދުﷲ ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ފަސް އަހަރުގެ މަސައްކަތުން ހަދާ އެމްއައިއެފްސީގެ ބިންގާ، ހުޅުމާލޭގެ އާބަން އައިލް ސަރަހައްދުގައި މިއަދު ވަނީ އަޅައިފައެވެ.
ރާއްޖޭގައި ބޭނުންކުރާ ކާނާގެ ގިނަ ބާވަތްތަކަކީ އިމްޕޯޓުކުރާ ތަކެތި ކަމުން، މި ގައުމުގައި އަމިއްލައަށް އުފައްދާ ތަކެތިން ކާނާގެ ޔަގީންކަން އިތުރުކުރުމަށް އިގުތިސާދީ މާހިރުން އަބަދުވެސް ލަފާދެއެވެ. ނަމަވެސް ރާއްޖޭގެ އާބާދީއަށް ބޭނުންވާ ވަރަށް މި ގައުމުގައި ކާނާ އުފެއްދުމަށް އިސްކަން ނުދޭ ކަމުގެ ކަންބޮޑުވުން އާންމުން ފާޅުކުރެއެވެ.
ރާއްޖޭގެ އިގުތިސާދީ ހާލަތަށް ބަލާއިރު، ދަރަނި ބޮޑުވުމާ ގުޅިގެން ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ ރޭޓިން އެޖެންސީން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައެވެ. އެ ގޮތުން، މޫޑީސްއިން ވަނީ ރާއްޖޭގެ ރޭޓިން 'ސީއޭއޭ2'އަށް ދަށްކޮށްފައެވެ. އޭގެ ކުރިން މިދިޔަ އޮގަސްޓު މަހުގެ 29 ގައި ފިޗުން ވެސް ވަނީ ރާއްޖޭގެ ރޭޓިން 'ސީސީ'އަށް ދަށްކޮށްފައެވެ.
އެހެންކަމުން ޚަރަދު ކުޑަކުރުން އަވަސް ކުރަންޖެހޭކަމަށް ވޯލްޑް ބޭންކުންނާއި އައިއެމްއެފުން ވަނީ މީގެ ކުރިން ވެސް ބުނެފައެވެ. އެ ލަފަޔާ އެއްގޮތަށް މި ސަރުކާރުން ޚަރަދު ކުޑަ ކުރަން އިސްލާހީ ފިޔަވަޅުތަކެއް މި އަހަރަށް އިއުލާން ކުރި ނަމަވެސް، އެ ވިސްނުމަށް ބަދަލުގެނެސްފައިވާ ކަމަށް މިދިޔަ ހޮނިހިރު ދުވަހު ރައީސް ވަނީ ވިދާޅުވެފައެވެ.
އެ ބިޔަ މަޝްރޫއުގެ ދަށުން، ފައިނޭންޝަލް ސެންޓަރުގައި އެންމެ ޒަމާނީ ކޮންފަރެންސް ސެންޓަރަކާއި، ތިން އޮފީސް ޓަވަރާއި، މަޝްހޫރު ހޮޓެލްތަކުގެ އިތުރުން، ބައިނަލްއަގުވާމީ ސްކޫލެއް ވެސް ގާއިމުކުރާނެއެވެ. އަދި، މަތީ ފެންވަރުގެ އޯޝަން ފްރޮންޓު ގެތަކާއި، ލަގްޒަރީ ފިހާރަތަކާއި ދުނިޔޭގެ ފެންވަރުގެ ކުޅިވަރު ދަނޑުތަކާއި، އޯޝަނޯގްރެފިކް މިއުޒިއަމަކާއި މިސްކިތެއް ވެސް ހެދުމަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.