ބާރަށުގައި ސިހުރު ހަދާ ކަމަށް އިންޓެލިޖެންސަށް މައުލޫމާތު ލިބި، އަށް މީހަކާ ސުވާލުކޮށްފި

ހއ. ބާރަށް: އެ ރަށުގައި ސިހުރު ހަދާ ކަމަށް ޕޮލިސް އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ރަށުގެ އަށް މީހަކު ހިފަހައްޓައި، ސުވާލުކޮށްފައިވޭ --

ހއ. ބާރަށުގައި ސިހުރު ހަދާ ކަމަށް ޕޮލިސް އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ރަށުގެ އަށް މީހަކު މިއަދު ހިފަހައްޓައި، ސުވާލުކޮށްފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އެ މުއައްސަސާއަށް ލިބުނު މައުލޫމާތާ ގުޅިގެން މިއަދު 7:00އިން ފެށިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި އެ ރަށުގެ އަށް ތަނެއް ބަލައި ފާސްކޮށް، މައްސަލައާ ގުޅުން ހުރި ކަމަށް ބެލެވޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެ މައްސަލައިގެ ތުހުމަތުގައި އަށް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ސުވާލުކުރި ކަމަށާއި އެއަށްފަހު އެ މީހުން ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ސިހުރުގެ މައްސަލައަކީ ރާއްޖޭގައި ޒަމާންވީ، ބޮޑު މައްސަލައެކެވެ. އެ ފަދަ މައްސަލަތައް ތަހުގީގު ކުރުމަށް މީގެ ކުރިން ބައެއް މީހުން ހައްޔަރުކޮށްފައި ވެސްވެއެވެ. ނަމަވެސް އެ މައްސަލަތައް ބެލުމަށް ބޭނުންވާ ގާނޫނުތަކާއި ވަސީލަތްތައް ނެތުމުގެ ދަތިކަން ތަހުގީގީ އިދާރާތަކަށް ވަނީ ފޯރައިފައެވެ.

comment ކޮމެންޓް