ފަނޑިޔާރުންގެ މައްސަލައިގައި ބާކައުންސިލްގެ ކަންބޮޑުވުންތައް ކޮމިޓީގައި ހިއްސާކުރުގެ ފުރުސަތަށް އެދިއްޖެ

ސަސްޕެންޑުކުރި ތިން ފަނޑިޔާރުން: ފަނޑިޔާރުންގެ މައްސަލައިގައި ބާކައުންސިލުން ވަނީ ކަންބޮޑުވުންތައް ކޮމިޓީގައި ހިއްސާކުރުގެ ފުރުސަތަށް އެދިފައި -- ފޮޓޯ/ ރައީސް އޮފީސް

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރުމަށް ނިންމާފައިވާ މައްސަލައިގައި ހުރި ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާ ބައްދަލުކޮށް، ހިއްސާކުރުމުގެ ފުރުސަތު ދިނުމަށް ބާކައުންސިލުން މަޖިލީހުގައި މިއަދު އެދިއްޖެއެވެ.

ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އިން ވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން ނިންމައިފައެވެ. އެއީ ސަސްޕެންޝަަންގައި ތިއްބެވި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

އެ މައްސަލައިގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، ޖޭއެސްސީގެ ނިންމި ނިންމުން ބަލައި، ދިރާސާކުރުމަށް މިއަދު ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައެެވެ.

https://sun.mv/205612

އެކަމާ ގުޅިގެން ބާކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ، އެ މައްސަލަ ބެލުމުގައި ޖޭއެސްސީން އަމަލުކުރީ އެ ކޮމިޝަންގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ އިޖުރާއަތްތަކާ އުސޫލުތަކާ އެއްގޮތަށްކަން ކަށަވަރުކޮށްދިނުމަށް މަޖިލީހުގައި އެދިފައިވާ ކަމަށެވެ.

އެގޮތުން، ދެ ފަނޑިޔާރުންގެ މައްޗަށް ޖޭއެސްސީން ހިންގި ތަހުގީގުގައި އިޖުރާއަތްތައް ފުރިހަމަކޮށްފައި ވަނީ ރަނގަޅަށް ކަން ކަށަވަރުކޮށްދިނުމަށް އެކައުންސިލުން އެދިފައިވެއެވެ.

މައްސަލައިގައި މަޖިލީހުން ކޮށްދިނުމަށް ބާކައުންސިލުން އެދިފައިވާ އިތުރު ކަންކަން:

  • ޖޭއެސްސީން ފާހަގަކޮށްފައިވާ ކަންކަމަކީ ގާނޫނުތަކާ އެއްގޮތަށް މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކަށް ލިބެން ޖެހޭ ހައްގުތައް ލިބުމަށް ހުށަހެޅުނު ހުރިހާ ހެކިތަކަށް ރިއާޔަތްކޮށް ނިންމާފައިވާ ނިންމުންތަކެއް ކަށަވަރުކޮށްދިނުމަށް
  • މައްސަލައިގެ ޑިއު ޕްރޮސެސް ފުރިހަމަކޮށްފައިވާކަން ކަށަވަރުކޮށްދިނުމަށް
  • ތަހުގީގާމެދު ފަނޑިޔާރުންގެ ވަކީލުންނާއި އާންމުންގެ ހުރި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، މަޖިލީހުން ގޮތެއް ނިންމުމުގައި އަދުލުވެރިކޮށް ނިންމުމަށް
  • މައްސަލައާ ގުޅިގެން ފަނޑިޔާރުންނާއި އެ ފަނޑިޔާރުންގެ ވަކީލުންނަށް ޖަވާބުދާރީވާން ފުރުސަތު ދިނުމަށް
  • ކޮމިޓީއަށް ހާޒިރުކޮށް، ޖަވާބުދިނުމަށް އެކަށީގެންވާ ވަގުތު ދިނުމަށް
  • ފަނޑިޔާރުން އިއުތިރާޒު ނުކުރައްވާނަމަ ހުޅުވާލައިގެން ކޮމިޓީ ބައްދަލުވުން ކުރިއަށް ގެންދިޔުމަށް

އޭގެއިތުރުން، ބާކައުންސިލުން ވަނީ މި މައްސަލައިގައި ގޮތެއް ނިންމުމުގައި އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްދިނުމަށާއި އެ ކައުންސިލްގެ ހުރި ކަންބޮޑުވުންތަކުގެ ތަފުސީލުތައް ކޮމިޓީގައި ހިއްސާކުރުމުގެ ފުރުސަތު ދިނުމަށް އެދިފައެވެ.

ޖޭއެސްސީން ފަނޑިޔާރުން މަހާޒާއި އަޒްމިރަލްދާގެ އިތުރުން، އޭރު ބެންޗުގައި ހިމެނިވަޑައިގެންނެވި ހުސްނުއްސުއޫދު ސަސްޕެންޑު ކުރީ ފެބްރުއަރީ މަހުގެ 26ވަނަ ދުވަހެވެ. އެއަށްފަހު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވީއެވެ.

އެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ، މަޖިލީހުގެ މެންބަރުންގެ ގޮނޑިގެއްލޭ މައްސަލައިގައި ވަގުތީ އަމުރަކާ މެދު ގޮތެއް ނިންމަން ޝަރީއަތް ފައްޓަން މީހުން ކޯޓުގައި ތިއްބައެވެ.

https://sun.mv/205609

އެ ފަނޑިޔާރުންގެ މައްޗަށް ޖޭއެސްސީއާއި އޭސީސީން ބަލާ މައްސަލައާ ގުޅޭ ގޮތުން އަޒްމިރަލްދާ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަދި އޭނާ ވަނީ، އޭނާގެ ފަރާތުން ހުރި ޝަކުވާތަކާއި ކަންބޮޑުވުންތައް ހިއްސާކުރުމަށް ވަކީލާއެކު ކޮމިޓީއަށް ހާޒިރުވުމުގެ ފުރުސަތަކަށް އެދިވަޑައިގެންފައެވެ.

comment ކޮމެންޓް