ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ވަނީ މި ދުވަސްވަރަކީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށޭ ދުވަސްވަރު ކަމަށް ބުނެފައެވެ.
އެހެންކަމުން ރާއްޖޭގެ ދެކުނުން އުފެދޭ ވިއްސާރަވިލާތައް ދެކުނު އަތޮޅުތަކަށް އަރަމުންދާކަން ފާހަގަކުރެވިފައި ވާކަމަށާއި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަކޮށްފައި ވާކަމަށް ވަނީ ބުނެފައެވެ.
އަދި ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވޭއިރު ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
އަދި ބައެއް ހިސާބުތަކަށް އާންމުކޮށް ވައި ގަދަވުމާއެކު ކަނޑުތައް ގަދަވުމުގެ ފުރުސަތު އޮތްކަން މެޓް އޮފީހުން ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަކުރުމަށް ސަމާލުކަން ދެއްވުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ.