ސަންއާ (5 މެއި 2025): އިސްރާއީލު ވައިގެ މަގުން ހިސާރުކޮށްފައިވާކަން ޔަމަންގެ ހޫޘީ ޖަމާއަތުން އިއުލާންކޮށްފިއެވެ.
ޙޫޘީންގެ ބަޔާނެއް ބުނާގޮތުން އިސްރާއީލުގެ މައި އެއާޕޯޓް ކަމަށްވާ ބެންގޯރިޔޮން އެއާޕޯޓާއި އެ ނޫން އެއާޕޯޓްތައް ހިމެނޭގޮތަށް މުޅި އިސްރާއީލު ވައިގެ މަގުން ހިސާރުކޮށްފައިވާކަމާއި އިސްރާއީލުގެ އެއާޕޯޓްތަކަށް އައިސް ގޮސްވާ އެއްވެސް މަތިންދާ ބޯޓަކަށް ރައްކާތެރި ކަމެއް ނޯންނެކަމުގައެވެ.
މި ހާލަތުގައި އިސްރާއީލުގެ މަތިން އުދުހޭ މަތިންދާ ބޯޓުތަކަށް ލިބިދާނެ ގެއްލުމެއްގެ ޒިންމާ ޔަމަނުން ނުއުފުލާނެ ކަމަށާއި އެ ޒިންމާ އުފުލަންޖެހޭނީ އެ ފަރާތަކުން ކަމަށް ވެސް ޙޫޘީން ނެރުނު ބަޔާން ބުނެއެވެ. ހޫޘީންގެ އަސްކަރީ ތަރުޖަމާން ކާނަލް ޔަހްޔާ ސަރީއު ވިދާޅުވި ގޮތުގައި އިސްރާއީލު ވައިގެ މަގުން ހިސާރު ކުރަން ޔަމަނުން ނިންމީ އެކަމުގެ އަސްކަރީ ގާބިލުކަން ޔަމަންގައި ހުރުމުންނެވެ.
އިސްރާއީލަށް ހިސާރުން ސަލާމަތްވެވޭނީ ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ގަތުލުއާންމުތަކާއި ނަސްލު ނައްތާލުމުގެ ޖަރީމާތައް އެއްކޮށް ހުއްޓާލުމުން ކަމަށް ވެސް ޔަހްޔާ ސަރީއު ވިދާޅުވިއެވެ. ޔަމަންގައި ވެރިކަންކުރާ ހޫޘީ ޖަމާއަތުން އިއްޔެ ފޮނުވާލި ހައިޕާ ސޮނިކް މިސައިލެއް އިސްރާއީލުގެ މައި އެއާޕޯޓްކަމަށްވާ ބެންގޫރިޔޮން އެއާޕޯޓަށް އަރައި އަށް މީހުން ޒަޚަމުވެފައިވާއިރު އެ އެއާޕޯޓަށް ވެސްވަނީ މާއްދީ ގެއްލުންތަކެއް ލިބިފައެވެ. މިއާއެކު އެ އެއާޕޯޓް ވަގުތީ ގޮތުން ބަންދު ވެސް ކުރިއެވެ. ނަމަވެސް، މިހާރުވަނީ ހުޅުވާފައެވެ.
ނަމަވެސް، ބައިނަލްއަގްވާމީ ބައެއް އެއާލައިން ތަކުންވަނީ އިސްރާއީލަށް ދަތުރުކުރުން އެއްކޮށް ހުއްޓާލިކަން ހާމަކޮށްފައެވެ. ހޫޘީންގެ ހަމަލާތައް ދިފާއުކުރުމުގައި އިސްރާއީލާއި އިސްރާއީލުގެ ޓެރަރިޒަމް ސްޕޮންސާ ކުރާ އެމެރިކާ ނާކާމިޔާބުވިކަން އިއްޔެވަނީ ހާމަވެފައެވެ. ހޫޘީންގެ ހަމަލާއާ އެކު އިސްރާއީލުގެ ބެންގޫރިޔޮން އެއާޕޯޓަކީ ރައްކާތެރި ތަނެއް ނޫންކަން ވެސް މުޅި ދުނިޔެއަށްވަނީ ހާމަވެފައެވެ. މިއީ އިސްރާއީލާ ދެކޮޅަށް ގައުމަކުން އެޅި ހިސާރުގެ ފުރަތަމަ ފިޔަޅެވެ.
ހޫޘީންގެ މި ފިޔަވަޅާ އެކު އިސްރާއީލަށްވަނީ ސިހުން ލިބިފައެވެ. އިއްޔެ ހޫޘީން އިސްރާއީލުގެ މައި އެއާޕޯޓަށް ދިން ހަމަލާއިން ވެސް ބައެއް ފަސިންޖަރު މަތިންދާ ބޯޓު ސަލާމަތްވީ ހަމަކިރިޔާއެވެ. ހޫޘީން އިސްރާއީލަށްދޭ ހަމަލާތައް ހުއްޓުވުމުގައި އެމެރިކާ ނުކުޅެދިފައިވާއިރު ހޫޘީންނާ ދެކޮޅަށް އެމެރިކާ ދޭ ހަމަލާތަކުގެ ޝިކާރައަކަށްވަނީ ޔަމަންގެ ކުށެއްނެތް އާންމުންނެވެ.
އެމެރިކާގެ ހަމަލާތަކުން ހޫޘީންގެ އަސްކަރީ ބާރަށް އަސަރުކުރާކަން ހާމަވެފައެއް ނުވެއެވެ.
ޔަހޫދީ އިސްރާއީލުން ޣައްޒާގައި ހިންގާ ގަތުލުއާންމުތަކުގެ ދިފާއުގައި އެމެރިކާ ޔަމަނަށް ދޭ ހަމަލާތަކަކީ ބައިނަލްއަގުވާމީ ޓެރަރިޒަމް ކަމަށާއި އެމެރިކާއަކީ ޔަހޫދީ ޓެރަރިޒަމް ސްޕޮންސާ ކުރާ މައިގަނޑު ގައުމުކަމަށް ޔަމަނުންވަނީ ސިފަކޮށްފައެވެ.