ދުނިޔޭގެ ސްމާޓްވޮޗް މާކެޓް ކުޑަވަމުންދާ ދަނޑިވަޅެއްގައި، ޝިއޯމީ ކުންފުނިން އަގުހެޔޮ އަދި ފެންވަރު ރަނގަޅު ސްމާޓްވޮޗެއް ތަޢާރަފުކޮށްފިއެވެ.
"ވޮޗް އެސް 4" ގެ ނަމުގައި ނެރެފައިވާ މި ގަޑިއަކީ ޒަމާނީ ޓެކްނޮލޮޖީއާއި ކްލާސިކް ޑިޒައިނެއް އެކުލެވޭ ސްމާޓްވޮޗެކެވެ.
ރަސްމީ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2023 ވަނަ އަހަރު ދުނިޔޭގެ ސްމާޓްވޮޗް ވިއްކުން ދަށްވެފައިވަނީ އެޕަލް ވޮޗަށް އޮތް ޑިމާންޑް ދަށްވުމާ ގުޅިގެންނެވެ. ނަމަވެސް، ސްމާޓްވޮޗްތަކުގެ މާކެޓް ދެމިއޮތްކަން ފާހަގަކުރެވެއެވެ. އަދި އެންމެ ފަހުގެ މޮޑެލްތަކުގައި އާ އީޖާދުތައް މަދުވިޔަސް، އިތުބާރާއި ފެންވަރު ރަނގަޅުވެފައިވާކަން ފާހަގަކުރެވެއެވެ.
"ޝިއޯމީ ވޮޗް އެސް 4" ގައި ހިމެނޭ މުހިންމު ސިފަތަކުގެ ތެރޭގައި އެލުމިނިއަމް ކޭސިން އާއި، 47 މިލިމީޓަރުގެ ބޮޑު އެމޯލެޑް ސްކްރީނެއް ހިމެނެއެވެ. މި ސްކްރީނުގެ އުޖާލާކަން 1,500 ނިޓްސްއަށް އަރައެވެ.
މީގެ އިތުރުން، އެޕަލް ވޮޗުގައި ހުންނަ ފަދަ ރޮޓޭޓިން ކްރައުންއެއް ވެސް މި ގަޑީގައި ހިމަނާފައިވެއެވެ. މި ކްރައުން މެދުވެރިކޮށް ސްކްރީނުގައި ސްކްރޯލްކޮށް، ވިޖެޓްތަކާއި ނޯޓިފިކޭޝަންތައް ބަލައި ހެދޭނެއެވެ.
"ޝިއޯމީ ވޮޗް އެސް 4" އަކީ ސެމްސަންގް އަދި އެޕަލް ވޮޗްތަކަށްވުރެ އަގުހެޔޮ އޮޕްޝަނެކެވެ. ނަމަވެސް، އާންމު މީހަކަށް ބޭނުންވާނެ ގިނަ ފީޗާތައް މި ގަޑީގައި ހިމެނިފައިވެއެވެ. ޚާއްޞަކޮށް ކުޅިވަރު ރޮނގުން މި ގަޑިން ލިބޭ ޚިދުމަތްތައް ފާހަގަކޮށްލެވެއެވެ.
"ޝިއޯމީ ވޮޗް އެސް 4" ގައި ހިމެނޭ ސިލިކޯން ސްޓްރެޕްތަކަކީ 22 މިލިމީޓަރުގެ ސްޓޭންޑަޑް ސައިޒްގެ ސްޓްރެޕްތަކެކެވެ. މި ސްޓްރެޕްތައް ފަސޭހައިން ބަދަލުކުރެވޭނެއެވެ. އަދި ސްކްރީނުގެ ވަށައިގެންވާ ބެޒަލް ވެސް ފަސޭހައިން ނައްޓައި، އެހެން ޑިޒައިންތަކުގެ ބެޒަލްތަކަށް ބަދަލުކުރެވޭނެއެވެ. މި ބެޒަލްތައް ވަކިން ގަންނަން ލިބެން ހުންނާނެއެވެ.
ނަމަވެސް، މި ގަޑީގައި ބައެއް މުހިންމު ފީޗާތައް ނެތްކަން ފާހަގަކުރެވެއެވެ. މީގެ ތެރޭގައި ސެލިއުލާ ކަނެކްޓިވިޓީ ނުހިމެނުމާއި، އީސިމް މެދުވެރިކޮށް ފޯނަކާ ނުގުޅި މުޅިން މިނިވަންކޮށް ބޭނުން ކުރަން ޖެހުން ހިމެނެއެވެ. އަދި ބްލަޑް ޕްރެޝަރު ޗެކްކުރުމާއި، އީސީޖީ އަދި ހަށިގަނޑުގެ ފިނިހޫނުމިން ބެލުން ފަދަ އެޑްވާންސްޑް ހެލްތު މޮނިޓަރިން ފީޗާތައް ވެސް މި ގަޑީގައި ނުހިމެނެއެވެ. މި ފަދަ ފީޗާތައް އެޕަލް، ސެމްސަންގް އަދި ގާމިން ވޮޗްތަކުގައި ހިމެނި، ހެލްތު އޮތޯރިޓީތަކުން ހުއްދަ ލިބިފައިވެއެވެ.
ޝިއޯމީގެ އެހެން މޮޑެލްތަކާ ޚިލާފަށް، "ވޮޗް އެސް 4" ގައި ބޭނުންކޮށްފައިވަނީ ގޫގުލްގެ ވެއާ އޯއެސް ނޫނެވެ. މީގެ ބަދަލުގައި ބޭނުންކޮށްފައިވަނީ ޝިއޯމީގެ އަމިއްލަ ހައިޕާ އޯއެސް 2.0 އެވެ. މިކަމުގެ ސަބަބުން ސްޕޮޓިފައި ފަދަ ތާޑް ޕާޓީ އެޕްތައް މި ގަޑީގައި ބޭނުން ނުކުރެވޭނެއެވެ. އަދި އެންއެފްސީ ޗިޕެއް ހިމެނިފައިވީ ނަމަވެސް، ޝިއޯމީގެ ވޮލެޓް އެޕް އަދި ޕޭމަންޓް ސާވިސް ބައެއް ގައުމުތަކުގައި މިވަގުތު ބޭނުން ނުކުރެވެއެވެ.
ގިނަ ފީޗާތަކުގައި "ވޮޗް އެސް 4 " ގެ ފެންވަރު ގެލެކްސީ ވޮޗް ހަތެއް އަދި އެޕަލް ވޮޗް 10 އާ އެއްހަމައެއްގައި ހުރިކަން ފާހަގަކުރެވެއެވެ. މީގެ ތެރޭގައި 150 އެއްހާ ކުޅިވަރު މޯޑް މޮނިޓާ ކުރެވުމާއި، ސްޓްރެސް މޮނިޓަރިން، ލޭގެ އޮކްސިޖަން މިންވަރު ބެލުމާއި، ނިދުމުގެ ދިރާސާ ހެދުން ހިމެނެއެވެ. ޓެސްޓުތަކުން ދައްކާގޮތުގައި މި ފީޗާތަކުގެ ސައްޙަކަން ވާދަވެރި ގަޑިތަކާ އެއްހަމައެއްގައި ހުރެއެވެ.
ވޮޗް އެސް 4 ގައި "ހެލްތު ޗެކް" ވިޖެޓެއް ހިމަނާފައިވެއެވެ. މި ވިޖެޓުން މޮނީޓާ ކުރެވޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ފިޓްނަސް ލެވެލްގެ އަވަސް ޚުލާޞާއެއް ދައްކައިދެއެވެ. މީގެ އިތުރުން، ރިލެކްސްވުމަށާއި ސަމާލުކަން އިތުރުކުރުމަށް އިރުޝާދާއެކު ނޭވާލުމުގެ ތަމްރީނުތައް ވެސް މި ގަޑީގައި ހިމެނެއެވެ. އަދި ހިތުގެ ވިންދު މޮނިޓާ ކުރުމުގެ ސައްޙަކަން އިތުރުކުރުމަށް ޝިއޯމީން އަމިއްލައަށް ތައްޔާރުކޮށްފައިވާ އެލްގޮރިދަމެއް ބޭނުންކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ. މިއީ އެމެޗުއާ އެތުލީޓުންނަށް ވަރަށް މުހިންމު ފީޗާއެކެވެ.
ކުޅިވަރު ކުޅޭ މީހުންނަށް ފައިދާހުރި އިތުރު ކަމެއްގެ ގޮތުގައި، ސްޓްރާވާ، ސުއުންޓޯ، ގޫގުލް ފިޓް އަދި އެޕަލް ހެލްތު ފަދަ މަޤްބޫލު ފިޓްނަސް އެޕްތަކާ މި ގަޑި ގުޅުވައިގެން ބޭނުންކުރެވޭނެއެވެ.
މި ގަޑީގައި ޑުއަލް-ޗެނަލް ޖީޕީއެސް ހިމެނިފައިވާތީ، ލޮކޭޝަން ޓްރެކިން އިތުރަށް ރަނގަޅުވެފައިވެއެވެ. އަދި 50 މީޓަރުގެ ފުންމިނަށް ފެނުގެ އަޑިއަށް ލެވޭނެއެވެ. މީގެ އިތުރުން، ނޮއިޒް ރިޑަކްޝަން ޓެކްނޮލޮޖީ ހިމެނޭ ޑުއަލް މައިކްރޯފޯނު ބޭނުންކޮށްގެން ފޯނު ކޯލްތަކާއި އަޑުގެ ޗެޓްތައް ކުރެވޭނެއެވެ.
"ވޮޗް އެސް 4" ގެ 486 މިލިއެމްޕިއަރުގެ ބެޓެރީގެ ފެންވަރު ވަރަށް ރަނގަޅެވެ. އެއް ޗާޖުގައި 15 ދުވަހު ބޭނުންކުރެވޭނެ ކަމަށް ޝިއޯމީން ބުނި ނަމަވެސް، މެދުމިނުގެ ބޭނުންކުރުމުގައި ޗާޖް ނުކޮށް ގަޑިބޭނުން ކުރެވެނީ ހަ ދުވަހުއެވެ. މިއީ އެޕަލް އަދި ސެމްސަންގް ވޮޗްތަކަށްވުރެ މާ ދިގު މުއްދަތެކެވެ. އަދި އެންމެ ފަސް މިނިޓު ޗާޖުކޮށްލުމުން ދެ ދުވަހުގެ ބޭނުން ހިފޭނެއެވެ.
ގާތްގަނޑަކަށް 210 ޑޮލަރުގެ އަގުގައި މި ގަޑި ވިއްކަމުންދާއިރު، މިއީ އެޕަލް ވޮޗް 10 ގެ އަސާސީ މޮޑެލްގެ އަގުގެ ދެބައިކުޅައެއްބަޔަށްވުރެ ކުޑަ އަގެކެވެ. އަދި "ގެލެކްސީ ވޮޗް 7" އަށްވުރެ 105 ޑޮލަރު އަގުހެވެ. މި އަގުގައި "ވޮޗް އެސް 4" ގެ ޑިޒައިނާއި ފެންވަރާ އެއްހަމަވާ ސްމާޓްވޮޗްތައް މަދެވެ. ސްޓޭޓަސް ސިމްބަލެއްގެ ގޮތުގައި ނޫން ނަމަވެސް، ޒަމާނީ ސްމާޓްވޮޗެއްގެ ގިނަ ފައިދާތައް ލިބިގަންނަން ބޭނުންވާ ފަރާތްތަކަށް ''ވޮޗް އެސް 4'' އަކީ ހަމައެކަނި "އެންޓްރީ-ލެވެލް" ޑިވައިސްއަކަށްވުރެ މާ މޮޅު އޮޕްޝަނެކެވެ.
ޝިއޯމީ ''ވޮޗް އެސް 4 '' ރާއްޖެއިން ލިބެން ފަށާނެ ތާރީޚެއް އަދި އަގެއްވެސް ފޯނުވިއްކާ ފިހާރަތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ސްމާޓްވޮޗް މާކެޓުގައި މި ގަޑި ވާދަވެރި އޮޕްޝަނަކަށް ވާނެކަމަށް ލަފާކުރެވެއެވެ.