ތެހެރާން (5 މެއި 2025): އީރާނުން ބާރަސަތޭކަ ކިލޯމީޓަރުގެ ރާސްތާގެ ވަރަށް ސޮފިސްޓިކޭޓެޑް ބަލިސްޓިކް މިސައިލެއް އުފައްދައި އެމިސައިލް އިއްޔެ ތަޖުރިބާ ކޮށްފިއެވެ.
އީރާނުގެ ދިފާއީ ވުޒާރާގެ ބަޔާނެއް ބުނާގޮތުން މިއީ ގާސިމް ބަސީރުގެ ނަމުން ނަންދީފައިވާ ފަސްވަނަ ޖީލުގެ މިސައިލެކެވެ. އީރާނުގެ ބަޔާން ބުނާގޮތުން މިއީ އެމެރިކާގެ ވައިގެ ދިފާއީ ނިޒާމެއްކަމަށްވާ "ޓާމިނަލް ހައިއަލްޓެޓިއުޑް އޭރިޔާ ޑިފެންސް" (ތާޑް) ނިޒާމު ފޫއަޅުވާލުމުގެ ގާބިލްކަން ލިބިފައިވާ އިލެކްޓްރޯނިކް ގައިޑެންސް ސިސްޓަމެއްގެ އެހީގައި އަމާޒަށް ވާސިލްވުމުގެ ގާބިލްކަން ލިބިފައިވާ މިސައިލެކެވެ.
މި މިސައިލުގައި ހިމެނޭ އަމާޒަށް ވާސިލުވުމުގެ އިލެކްޓްރޯނިކް ގައިޑެންސް ސިސްޓަމް ބިނާކޮށްފައިވަނީ ތާމަލް އިމާޖިން ޓެކްނޮލޮޖީގެ މައްޗަށެވެ. މިއީ ރަޝިއާގެ އެންމެ ބާރުގަދަ މިސައިލް ކަމަށްވާ އިސްކަންދަރު މަރުކާގެ މިސައިލް ސިސްޓަމްތަކުގައި ވެސް ހުންނަ ޓެކްނޮލޮޖީއެކެވެ. މިއީ އެމެރިކާގެ "ތާޑް" ވައިގެ ދިފާއީ ނިޒާމުގައި ހުންނަ އިލެކްޓްރޯނިކް ވޯފެއާ ނިޒާމު ޖޭމްކޮށް އެ ނިޒާމު ފޫއަޅުވާލުމުގެ ގާބިލްކަން ލިބިފައިވާ ޓެކްނޮލޮޖީއެކެވެ.
އީރާނުން މި އައު މިސައިލް ތަޖުރިބާ ކޮށްފައި މިވަނީ ޔަމަންގެ ހޫޘީން އިސްރާއީލަށް ދިން މިސައިލް ހައިޕާސޮނިކް މިސައިލެއް އިސްރާއީލުގެ ހަތަރު ލޭޔަރުގެ މައްޗަށް އެކުލެވޭ ވައިގެ ދިފާއީ ނިޒާމުތައް ފޫއަޅުވާލުމަށްފަހު އިސްރާއީލުގެ މައި އެއާޕޯޓްކަމަށްވާ ބެންގޯރިއަން އެއާޕޯޓަށް އެރުމުގެ ސަބަބުން މުޅި އިސްރާއީލު ހާސްކަމެއްގެ ތެރޭގައި ވާ ދަނޑިވަޅެއްގައެވެ.
ހޫޘީން އިސްރާއީލަށް ފޮނުވާލި ހައިޕާސޮނިކް މިސައިލް ހުއްޓުވުމަށް އިސްރާއީލުގެ އާރޯ ދިފާއީ ނިޒާމާއި އެމެރިކާގެ ތާޑް ވައިގެ ދިފާއީ ނިޒާމު އަދި އިސްރާއީލުގެ އަޔަންޑޯމް ނިޒާމުގެ އިތުރުން އެމެރިކާގެ ޕެޓްރިއޮޓް ދިފާއީ ނިޒާމުވެސް ބޭނުންކުރިކަމަށް ވެއެވެ.
އީރާނުގެ ދިފާއީ ވަޒީރު އަޒީޒު ނަސީރު ވިދާޅުވިގޮތުގައި މިއީ ނިއުކްލިޔާ ވޯހެޑް އުފުލުމުގެ ގާބިލްކަންވެސް ހުރި މިސައިލްއެކެވެ. އީރާނުން އުފައްދާ އެހެން މަރުކާތަކުގެ މިސައިލާއި މި އައު މިސައިލްގެ އެއް ތަފާތަކީ މީގައި ހިމެނޭ އިލެކްޓްރޯނިކް ގައިޑެންސް ސިސްޓަމް ބޭނުންކޮށްގެން ބިމުގައިވާ މިސައިލް ސްޓޭޝަނުން މި މިސައިލް ކޮންޓްރޯލް ކުރެވުމެވެ. އަނެއް ތަފާތަކީ ވައިގެ ދިފާއީ ނިޒާމުތަކުގައި ހުންނަ އިލެކްޓްރޯނިކް ވޯފެއާ ސިސްޓަމްތައް ޖޭމްކޮށް އެނިޒާމުތައް ފޫއަޅުވާލުމުގެ ގާބިލްކަން މި މިސައިލަށް ލިބިފައިވުމެވެ.
އީރާނުގެ އަސްކަރީ މަސްއޫލުވެރިއަކުވަނީ އީރާނަށް ހަމަލާދީފައި ސަލާމަތް ނުވެވޭނެކަމުގެ އިންޒާރު އެމެރިކާއާއި އިސްރާއީލަށް ދެއްވާފައެވެ. އަދި އީރާނުގެ މިސައިލް ޓެކްނޮލޮޖީގެ ރިސާޗްތައް ނުހުއްޓުވޭނެކަމުގެ އިންޒާރުވެސް އެމެރިކާއަށާއި ޓެރަރިސްޓް ގައުމެއްގެ ގޮތުގައި ސިފަކުރެވޭ ޔަހޫދީ އިސްރާއީލަށް ދީފައެވެ.
އީރާނަކީ މިސައިލް ޓެކްނޮލޮޖީ ތަރައްގީ ކުރުމާއި މިސައިލް އުފެއްދުމާއި އޭގެ ރީސާޗްތައް ކުރުމުގައި ދުނިޔޭގައި އެންމެ ބޮޑަށް ކުރިއަރާފައިވާ ހަތް ގައުމުގެ ތެރޭގައި ހިމެނޭ ގައުމެވެ.
އީރާނުގައި ޒަމާނީ ފައިޓާޖެޓް ނެތުމުން ހަމަލާދިނުމުގައި އީރާނުގެ އަސްކަރިއްޔާގެ މައިގަނޑު ހަތިޔާރަކީވެސް އެކިބާވަތުގެ ބަލިސްޓިކް މިސައިލް އެވެ. އީރާނުން 15 ބާވަތެއްގެ ބަލިސްޓިކް މިސައިލް އުފައްދައެވެ. މީގެތެރޭގައި އަޑަށްވުރެ ނުވަ ގުނަ ބާރަށް ދަތުރުކުރާ އަދި 12 ގުނަ ބާރަށް ދަތުރުކުރާ ހައިޕަސޮނިކް މިސައިލްތައްވެސް ހިމެނެއެވެ. މީގެއިތުރުން އެތައް މަރުކާއެއްގެ ކުރުރާސްތާގެ ރޮކެޓް އުފައްދައެވެ.
އީރާނުން އަލަށް ތަޖުރިބާކުރި މިސައިލަކީ ނިއުކްލިޔާ ވޯހެޑް ހަރުކުރުމުގެ ގާބިލްކަން ލިބިފައިވާ މިސައިލްއަކަށްވާތީ އެމެރިކާ ވަނީ މިއީ އދ.ގެ ގަރާރުތަކާ ޚިލާފު އަމަލެއްކަމަށާއި ނިއުކްލިޔާ ހަތިޔާރު ނުއުފައްދާނެކަމަށް ބުނެ އީރާން ދޭ ބަޔާންތަކާ ފުށުއަރާ ކަމެއްކަމަށް ބުނެ އދ.ގެ ގަރާރުތަކަށް ބޯލެނބުމަށް އީރާނަށް ގޮވާލާފައެވެ. އީރާނުން އުފައްދާ މިސައިލްތަކުގެ ތެރޭގައި 2500 ކިލޯމީޓަރުގެ ރާސްތާގެ މިސައިލްވެސް ހިމެނެއެވެ.