ފަނޑިޔާރުން ވަކިކުރުމަކީ އިއްތިފާގެއް ނޫން، ޖަރީމާއެއް: ކުރީގެ އުއްތަމަފަނޑިޔާރު

ކުރީގެ އުއްތަމަފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ: އޭނާ ވިދާޅުވީ، ފަނޑިޔާރުން ވަކިކުރުމަކީ ޖަރީމާއެއް ކަމަށް - ސަން ފޮޓޯ/ ފަޔާޒު މޫސާ

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމަކީ އިއްތިފާގެއް ނޫން ކަމަށާއި އެއީ ހިންގާ ޖަރީމާއެއް ކަމަށް ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިއަދު ވިދާޅުވެއްޖެއެވެ.

ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ވަކިކުރަން ނިންމައިފައެވެ. އެ މައްސަލަ މިހާރު ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފައެވެ.

އެ ކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި އަހުމަދު އަބްދުﷲ ދީދީ ވަނީ ދުސްތޫރީ މައްސަލައެއް ބަލަނިކޮށް ފަނޑިޔާރުންތަކެއް ވަކިކުރުމަކީ އިއްތިފާގެއް ނޫން ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، އެއީ ދުސްތޫރީ މައްސަލައަށް ހުރަސްއަޅަން ހިންގާފައިވާ ޖަރީމާއެއް ކަމަށެވެ.

އެ ގޮތުން، މެންބަރުން ޕާޓީން ވަކިވުމުން ނުވަތަ ވަކިކުރުމުން ވެސް މެންބަރުކަން ގެއްލޭ ގޮތަށް ގެނައި އިސްލާހަކީ ދިވެހި ދައުލަތުގެ އެންމެ އަސާސީ އެއް ރުކުން ކަމުގައިވާ ދިވެހި ރައްޔިތުންގެ ބާރު ގެއްލޭ ގޮތަށް ގެނެސްފައިވާ ބަދަލެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

https://sun.mv/205609

އެ މައްސަލަ ސުޕްރީމް ކޯޓުން ބަލަމުންދަނިކޮށް ފަނޑިޔާރުންގެ މައްޗަށް ތަހުގީގު ހިންގައި ވަކިކުރަން ހުށަހެޅީ އިއްތިފާގުން ކަމަށް ބަލަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއީ ކަނޑައެޅިގެން ގާނޫނުއަސާސީގެ 41 ވަނަ މާއްދާގެ (ނ) އާއި (ރ) އާ ޚިލާފަށް، އެ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސްއެޅުމުގެ ނިޔަތުގައި ހިންގާފައިވާ ޖަރީމާއެކެވެ،" ކަންބޮޑުވުން ފާޅުކުރައްވައި، އޭނާ ވިދާޅުވިއެވެ.

އެ 'ޖަރީމާ'ގައި ބައިވެރިވި އެންމެން ރައްޔިތުންގެ ކުރިމަތީ ޖަވާބުދާރީވާން ޖެހޭނެ ކަމަށް އަހުމަދު އަބްދުﷲ ދީދީ ވިދާޅުވިއެވެ. އޭނާ ވަނީ އެ ކަމުގައި ބައިވެރިވި މީހުން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.

https://sun.mv/205612

ސުޕްރީމް ކޯޓުގައި ގޮނޑިގެއްލޭ މައްސަލައިގައި ހިމެނޭ ވަގުތީ އަމުރުތަކާ މެދު ގޮތެއް ނިންމަން އަޑުއެހުމެއް ބާއްވަން 15 ވަރަކަށް މިނެޓަށްވެފައި އޮއްވައި ޖޭއެސްސީން ވަނީ ފަނޑިޔާރު މަހާޒާއި އަޒްމިރަލްދާއާއި ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ސަސްޕެންޑުކޮށްފައެވެ. ސުއޫދު ވަނީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ކަންކަން އެ ތަރުތީބުން ހިނގީ އިއްތިފާގަކުން ކަމަށް ވިދާޅުވެފައެވެ.

ފަނޑިޔާރުން ވަކިކުރާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި ގާނޫނުއަސާސީ އެކުލަވައިލި ޑްރާފްޓިން ކޮމިޓީގެ މުގައްރިރުކަން ކުރެއްވި އިބްރާހިމް އިސްމާއިލް ވެސް ވަނީ ސިޓީއެއް ފޮނުއްވައިފައެވެ.

comment ކޮމެންޓް