މިއަދު އިރުކޮޅެއްވާންދެން އެކަނި ވެލާފައި ތިބާއަށް ހެއްދެވި ފަރާތުން ދެއްވި ނިއުމަތާއިމެދު ވިސްނާ ފިކުރުކޮށް ޝުކުރުވެރިވާށެވެ. ނިއުމަތެއްގެ އަގު ވަޒަން ކުރެވޭނީ އެނިއުމަތެއް ފިލާ ދިޔުމުންނެވެ."
***
" އުރޫޖް މެން ނެތީމަ ހީވޭ މާ ހެޕީ ހެން....މަންމި މެން ގިނަ ގިނައިން ޓްރެވެލް ތަކަށް ފޮނުވަން ވި ދޯ...." ކެނާން ހީލަމުން ކިޔައިލިއެވެ. މެހެކް މިރެލް އަށް ކާން ދޭން ސަމުސާ އަނގައިގައި ލައްވަން އުޅުނެވެ.
" ދެއި އާ ކަމިންގ.....އޭޒް ސޫން އޭޒް ޕޮސިބްލް..." މިރެލް ވައި އަޑަކުން ހަމައެކަނި މެހެކްއަށް އިވޭވަރަށް ބުނެލިއެވެ. މެހެކް ގެ ގަޔަށް ފިނި ހީގަނޑެއް ވަނެވެ.
މެހެކް ލޮލުން އިޝާރާތް ކޮށްލިއެވެ. "ކީކޭ؟"
މިރެލް އެއްވެސް ސަމާލުކަމެއް ނުދީ ކާންވެގެން އަނގަ ހުޅުވައިލިއެވެ.
އެވަގުތު މެހެކްގެ އަތް ތުރުތުރު އަޅައިގަތީ އެއްޗެއްގައި ހިފަހައްޓައިގެން ހުރެވޭވަރަށްވުރެ ގަދަޔަށެވެ. އޭނަގެ އަތުން ސަމުސާ ދޫވެ ތަޅުންމަތީގައި ޖެހުނު އަޑަށް ނާޝިދުވެސް ބަލައިލިއެވެ. "މެހެކް؟...އޯކޭ ތަ..."
މެހެކް ޖަވާބެއް ދިނުމުގެ ކުރިން މިރެލް ބިންމަތީން ސަމުސާ ނަގައި މެހެކް ގެ ބަނޑުގައި ޖައްސައިލިއެވެ.
" ބަނޑު ޕެއިން ވީ ދޯ..." މިރެލް ގެ ޖުމްލައިން ނާޝިދުއަށް ހެވުނެވެ. މިރެލް ދިވެހިބަހަށް ފަރިތައެއް ނޫނެވެ.
ހުޝަލްވެސް ގެއަށް އައި ވަގުތު ކަމުން މެހެކް ފެނުމާއެކު ކަމެއް ގޯސްވެފައިވާކަން ދެނެގަނެވުނެވެ. އޭނަ އަވަހަށް ނިތްކުރީގައި އަތް ޖައްސައިލިއިރު ފިނިކަމުން ހައިރާންވިއެވެ.
"ކިހިނެއްވީ؟ " އޭނަ ހާސްކަމާއެކު ސުވާލު ކޮށްލިއެވެ. އޭރު މެހެކްއަށް ރޭގެ ހާދިސާ ސިކުނޑިއަށް ފެންނަމުން ދިޔައީ ފިލްމެއްގެ މަންޒަރުހާ ސާފުކޮށެވެ. އޭނަގެ ނަޒަރު މިރެލް ގެ މޫނަށް ހުއްޓުމާއެކު ދެނެގަނެވުނެވެ. ޔަގީންވިއެވެ. މިއީ މިރެލް އެއް ނޫނެވެ. މިރެލްގެ ސިފައިގާ މިއިނީ ކާކުކަމެއްވެސް ނޭގެއެވެ. ނޫނީ މިރެލް ސްކިޒްފްރީނިއާފަދަ ކަމެއް އުޅެނީހެއްޔެވެ؟ އެކުއްޖާގެ އަމަލު ހުރިގޮތުން ރަގަޅަށްވެސް އޭނަ ބިރުގަނެ މޭބޮޑުވިއެވެ. މެހެކް ވަގުތުން ތަށި ބިންމަތީ ބަހައްޓާފައި ދުވެފައިގޮސް ފާޚާނާއަށްވަނެވެ. ހުޝަލް ވެސް ފަހަތުން ދިޔައެވެ. އޭރުވެސް މިރެލް ހަމަޖެހިލައިގެން އިނީ ހެވިފައެވެ.
"އާންޓް ބަލިވީ ކަންނޭނގެ....އާދޭ އަންކަލް އަތުން ކާނީދޯ ސްވިޓްހާޓް." ކެނާން ކައިރިއަށް އައުމާއެކު ބޯ ހޫރައިގަތެވެ. މޫނަށް އިސްތަށިގަނޑުވެސް ފައިބައިގަތެވެ.
"ފުޑް ވޭސްޓް ކުރަން ނުވާނެ......އަދި އެންމެ ދެ ސަމުސާ ތި ކެއީ...." ކެނާން ލޯމަތިން އިސްތަށިގަނޑު ނަގަން މަސައްކަތްކުރިއެވެ.
"ޑޯންޓް ޓަޗް މީ އޯކޭ؟ އަހަރެން ބޭނުމީ މާމަ...އައި ވޯންޓް މާމަ...މާމާ........" މިރެލްގެ އަޑު ގަދަވަމުންގޮސް އެންމެ ފަހު ލަފުޒު މުޅި ގޭތެރޭގައި ގުގުމައިލިއެވެ.
"މާމަ ބަލިވެ އުޅޭކަން އެނގެއެއްނު ބޭބީއަށް.........." ކެނާން ވެސް ސިހޭގޮތްވިއެވެ. އޭނަގެ ކޮއްކޮ "ސްޕޮއިލްޑް ބްރެޓް"އަކަށް ވާން ބޭނުންނުވިޔަސް މިހާރު ފެންނަނީ އެކަހަލަ މިޒާޖެކެވެ.
"އަމް ނޮޓް ޓޯކިން ޓު ޔޫ އޭ. މިއީ ބޭބީއެއްނޫން. ޔޯ ބޭބީއެއްވެސް ނޫން......ކާފާ.. މާމައަށް ގޮވާ....ނައު...." މިރެލް ކަޅި އަޅައިގަތެވެ. ނާޝިދު ކެނާންއަށް ލޮލުން އިޝާރާތްކުރީ އިތުރަށް މިރެލް ރުޅި ނޭރުވުމަށެވެ.
"ދަރިފުޅު....މި ގެންނަނީ މާމަ...."
މިފަދަ ފުރުސަތެއް ނަބީލާ އަށް ލިބޭނީވެސް މަދުފަހަރެއްގައި ކަން ނާޝިދަށް އެނގެއެވެ. މިރޭލްއާއެކު ވަގުތު ހޭދަކުރަން ލިބެނީ އިނގިލިން ގުނައިލެވޭހާ މަދު ފަހަރެއްގައެވެ. ނަބީލާގެ ހިތަށްވެސް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެއެވެ.
އެތަނަށް ހިމޭންކަން ފެތުރިގެން ދިޔައީ އިރުކޮޅަކަށެވެ. އެއާއެކު މަޑުމަޑު ފިޔަވަޅުތަކެއްގެ އަޑު އިވެން ފެށިއެވެ. ނަބީލާ ދޮރާއި އަރާ ހަމަވެފައި ފިޔަވަޅުތައް ހުއްޓުނެވެ. މިރޭލްއާއި ހަތަރުކަޅި ހަމަވިއެވެ. އެކުއްޖާ މޭޒުދޮށުގައި އިށީދެގެން އިނީ ބޮޑުމީހެއްހެންނެވެ. ކުރިމަތީގައި ތަށި ބަހައްޓައިގެން އިންތިޒާރުކުރަމުންދިޔައެވެ. ނަޝީދު ނަބީލާއަށް އުފާވެރިކަމާއެކު އަތް ޖަހާލިއެވެ. މިކަމުން އޭނާގެ ހިތްވަރު އިތުރުވާނެ ކަމަށް ހީކޮށެވެ. ނަމަވެސް ނަބީލާ ފަސްޖެހުނެވެ. އަތްތިލަ ތުރުތުރުލާންފެށިއެވެ.
" މާމަ އަތުން ކާން ހިފާފަ އެހެރީ މަންޖެ މިއަދު..." ނާޝިދު ހީލިއެވެ.
ނަބީލާ ހަރަކާތެއް ނުކުރިއެވެ. މިރޭލްގެ ލޮލުން ކޮންމެވެސް އެއްޗެއް ހޯދަން މަސައްކަތްކުރަނީއެވެ. މާ އަނިދިރިވެފައި ހިމޭނެވެ. އޭނާގެ ހިތަށް ނޭނގޭ ވޭނެއް ގެ އަސަރު ކުރަންފެށިއެވެ.
މިރޭލް ގެ ތުންފަތަށް ހިނިތުންވުމެއްވެރިވިއެވެ. އެކަމަކު އެ ހިނިތުންވުން ލޮލަކަށް ނުފޯރައެވެ.
"ކަމް....ސިޓް.." އޭނާގެ އަޑު މަޑުމައިތިރިވިޔަސް އަމުރުވެރިއެވެ. ނަބީލާގެ ސިކުނޑިން ހުއްދަ ދިނުމުގެ ކުރިން އޭނާގެ ފައިތިލަ ކުރިއަށް އެޅިއެވެ. އޭނާ ގޮނޑިއާ ދިމާއަށް ހިނގާފައި ގޮސް މަޑުމަޑުން އިށީނދެއެވެ. ޗާބީ ދީފައިވާ ރޮބޮޓެއް ހެންނެވެ.
"ފީޑް މީ..."
ނަބީލާގެ ތުރުތުރުލާ އަތުން ސަމުސާ ނެގިއެވެ. އޭނާ އެ ސަމުސާއިން ޕާސްތާ ސެލެޑްކޮޅެއް ނެގުމަށްފަހު މިރޭލްގެ އަނގައާ ކައިރިކޮށްލިއެވެ. ވަރަށް ބަސް އަހައިގެން އިނދެ ކާންފެށިއެވެ. ހިނިތުންވުމެއްވެސް ނެތްތާގައި ކަޅިވެސް ޖަހާނުލައެވެ. އިރުކޮޅެއްފަހުން ކުޑަ ކުޑަ އިނގިލިން އިޝަރާތްކުރީ ގާތަށް އައުމަށެވެ. ނަބީލާ ފަސްޖެހިފައިވެސް މިރެލް ބުނި ގޮތަކަށް އެބަ ހަދައެވެ. ހީވަނީ އޭނާގެ އަމިއްލަ ކޮންޓޮރޯލެއް އެކަމުގައި ނެތީ ހެންނެވެ. މިރެލް އޭނަގެ މާމަގެ ކަަންފަތާއި އަނގަ ކައިރިކޮށްލިއެވެ.
" ސްޓްރޭންގްލް ޔޯސެލްފް...." އޭނާގެ އަނގައިން އެ ލަފުޒުތައް ނުކުތީ ގަނޑުފެން ހާ ފިނިކޮށެވެ. އެ އަޑު އެ ދެމީހުންގެ ދެމެދުގައިވާ ވައިގެ ފޭދިގެން ދިޔައެވެ.
ނަބީލާގެ އަތް ކުއްލިއަކަށް ހުއްޓުނެވެ. އޭނާގެ މޫނުމަތީގައިވި ފިޔާތޮށި ކުލަ ފިލައިގެން ދިޔައެވެ. ބިމާއި ދިމާލަށް ނަޒަރު ހުއްޓައިލިއެވެ. އަމިއްލަ ނަފުސް ބޭނުންނުވިޔަސް ޖާދޫއެއް ޖެހުނު ފަދައިން، އޭނާގެ ދެއަތް ކަނދުރާއާއި ދިމާއަށް ދިއްކޮށްލިއެވެ. ފުރަތަމަ ހިފެހެއްޓީ މަޑުމަޑުންނެވެ. ދެން ބާރުލާން ފެށިއެވެ.
ކެނާން މިރެލްއަށް ބަލައިލެވުނުއިރު ތުންފަތުގައި ނުރައްކާތެރި ހިނިތުންވުމެއްވިއެވެ. ކުޑަކުޑަ އަޑެއް ނަމަވެސް، ސާފުކޮށް އަޑުއިވޭ ވަރަށް ހުނެވެ. އޭނައަށް ދެން ބަލައިލެވުނީ މަންމައާއި ދިމާލަށެވެ. މަންމަގެ ހަރަކާތް ފެނުމުން ސިހޭގޮތްވިއެވެ. މަންމަ އަމިއްލައަށް ދަންޖެހެން މަސައްކަތްކުރަނީއެވެ. އޭރު ކޮންމެވެސް ވަރަކަށް ކަޅި މައްޗަށް އަރާގޮތްވެއްޖެއެވެ.
"މަންމާ؟" އޭނައަށް ބާރަށް ގޮވައިލެވުނެވެ.
އޭނާ ފުންމައިގެން ތެދުވުނުގޮތަށް މަންމައާއި ދިމާލަށް ދުއްވައިގަތެވެ. އޭރު ނަބީލާވެސް ނޭވާ ހާސްވެގެން އަޑެއް ލައްވަމުން ދިޔައެވެ. ނާޝިދުވެސް އަވަސްވެގަތީ ނަބީލާއަށް އެހީތެރިވުމަށެވެ.
"ދޫކޮށްލާ...... މަންމާ، ޕްލީޒް....." ކެނާން ހަޅޭއްލަވަމުން މަންމަގެ އަތް ގަދަކަމުން ކަރުން ނައްޓުވައިލިއެވެ. ނަބީލާއަށް ހަމަ ނޭވާ ލެވުނަސް ގައިގެ ބާރު ހުސްވެގެން ނާޝިދުގެ އަތުތެރެއަށް ވެއްޓުނެވެ. ނާޝިދު ނަބީލާ ގަޔަށް ލައްކޮށްލައިގެން ހުރެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.
"ސްވީޓްހާޓް........." ކެނާން ގޮވައިލީ ނިކަން ލޯބިންނެވެ. މިރެލް އަށް ނޭނގުނީ ހެއްޔެވެ؟ ނޫނީ މައުސޫމުކަމުން އެއީ މަޖާ ކަމަކަށް ވީ ހެއްޔެވެ؟ ކެނާން އަށް މިރެލް ގެ މިޒާޖު ހުރިގޮތުން އުނދަގޫތަކެއްވެސް އިހުސާސެއް ކުރެވުނެވެ.
"މްމްމމް....."މިރެލް ކެނާންގެ އަތުގައި މަޑުމަޑުން ހިފަހައްޓައިލިއެވެ.
"ބިރުންތަ؟"
"ކޮންކަމަކާއި ބިރުގަންނަންވީ...."މިރެލް ކަޅި އަނބުރައިލިއެވެ.
"މާމަ....."
"މާމަ އަމިއްލައަށް ކުރިކަމެއްނު..ބިކޯޒް ޝީޒް........"
ނާޝިދު އަންނަ ތަން ފެނުމުން މިރެލް ބަލަން ހުރީ ފާޑަކަށެވެ.
"މަންމަ ބުނީ ކަރުގަ އެއްޗެއް ތާށި ވާހެން ހީވެގެންނޯ...އެހާ ބޮޑު ކަމެއް ނޫން...ނާވަސް ވީމަ އަބަދުވެސް ބުނެ އެއްނު....ހަނދާން ނެތުނީ އޭ...ދަރިފުޅުމެން ކުޑައިރުވެސް ނަބީ ބިރުގަންނާނެ ކުޑަކުދިންނަށް ކާންދޭން......."
" މާމަ އޯކޭދޯ...." މިރެލް ލޯ ބޮޑުކޮށްލީ މައުސޫމް ގޮތަކަށެވެ. ކެނާންގެ ހިތަށް ކުޑަ ކުޑަ ތަސައްލީ އެއް ލިބުނެވެ.ނަމަވެސް އޭނަގެ ހިތުގައި ނޭގޭ ބިރުވެރިކަމެއް އުފަންވިއެވެ.
ރަނގަބީލުގެ އަޑުން އެންމެނަށް ބަލައިލެވުނެވެ. ދޮރާއި އެންމެ ކައިރީގައި ހުރީ ނާޝިދުކަމުން އޭނަ ދޮރު ހުޅުވާލިއެވެ. ދޮރުމަތީގައި ހުރީ ޑެލިވަރީ ކޮށްދޭ މީހެކެވެ. ރީތިކޮށް ބަންދުކޮށްފައިވާ ފޮށްޓަކާއި، ތުނި ސިޓީއުރައަކާއި މެގްނޯލިއާ މާ ބޮނޑިއެކެވެ. މެގްނޯލިއާ މާތަކުގެ އޮމާން ފަތްތަކުގެ މީރުވަސް ނޭފަތުގައި ޖެހުނެވެ.
"މިސް މެދީނާއަށް.........." އެ މީހާ ބުނެލިއެވެ.
"ކާކު ފޮނުވީ...." ނާޝިދު އިސްއުފުލައިލިއިރު އެމީހަކު ފަސްދީފައި ގޮސް އޮބައިލަނީއެވެ.
ގޭތެރޭގެ އަޑުފަށްގަނޑު ގަދަ ވާން ފެށުމުން މަދީނާވެސް ދާން ނުދާން ހުރެފައި ތިރިއަށް އައުމުން ލިބުނީ ހައިރާންކަމެކެވެ.
" އަނހަ....މިއޮތް އައީނު މިސް މަދީނާ.....ދަރިފުޅަށް މިކާ ފޮނުވި އެއޗެއް ކަންނޭނގެ...." ނާޝިދު މޭޒުމަތީގައި ހުރި ހަދިޔާތައް ދައްކައިލިއެވެ. މިރެލް މަލުގައި ވަސް ބަލަމުން ސިޓީ ހުޅުވަން މަސައްކަތްކުރިއެވެ.
"މިކާ ކަންނޭނގެ އޭ؟ދެން އެހެން ކާކު މަދީނާ އަށް އެއްޗެއް ފޮނުވާނީ..." ކެނާން ސަމާސާ ކޮށްލުމުން މިރެލް މަޖާގޮތަކަށް ހީގަތެވެ.
"ހުރެދާނެއްނު....."
މަދީނާ ގެ ނަޒަރު އެ މެގްނޯލިއާ މާތަކަށް ހުއްޓުނެވެ. އުވެއިސް ފިޔަވާ އެއްވެސް މީހަކަށް މަދީނާއަށް މި މަލަކީ ކިހާ ޚާއްސަ އެއްޗެއްކަމެއް ނޭގޭނެއެވެ. މާތަކުގެ ވަސް ނޭފަތުގައި ޖެހުމުން ސިކުނޑިއާއި ފުރާނައަށްވެސް ތާޒާވެ ދިރުން ގެނުވިއެވެ. އެތައް ދުވަހެއް ކުރިން މާޒްވިލާގައި ހޭދަކުރި ރެއަކަށް އެ މާތަކުގެ މީރުވަސް އޭނަ ގެންގޮސްފިއެވެ. އެއީ އުވައިސް އާއި ބައްދަލުވި ރެއެވެ. އެ ގަހުގައި މެގްނޯލިއާ މާތައް ފޮޅިފައިވާކަން އޭނާ ހަނދާންވިއެވެ. އުވައިސް މަލެއް ބިނދެލާފައި ހިނިތުންވެލަމުން މެދީނާގެ ކަންފަތުގައި ޖަހައިދިނެވެ. އެ ހަނދާންތަކުން މަދީނާގެ ތުންފަތަށް ވެރިކުރުވީ ލަދުރަކި ހިނިތުންވުމެކެވެ.
" ސިޓީ އުރައަކާއި ބޮކްސްއެއްވެސް........" މަދީނާ އަވަހަށް އެ ސިޓީ އުރަ ހުޅުވާލިއެވެ.
އޭގެތެރޭގައި ސިޓީއެއް ނެތެވެ. ފޮނުވި މީހާގެ ނަމެއްވެސް ނެތެވެ. ހަމައެކަނި މަދީނާގެ ނަމެވެ.
އަދި އޭގެ ދަށުގައި ލިޔެފައިވަނީ އެންމެ އެއްޗެކެވެ. މާދަމާގެ ތާރީޚެވެ. ނާޝިދުވެސް ލޯ ކުޑަކޮށްލާފައި އެކާޑަށް ބަލައިލިއެވެ.
" ދަރިފުޅުމެން އެންގޭޖްމެންޓް ދުވަސް މާދަމައަށް ހެދީތަ؟އަޅެ ބުނެވެސް ނުލަމެއްނު..... އުރޫޖް އާއި މާޒް އަށް އާދެވެނީ ވެސް އަދި ދެތިން ދުވަސް ފަހުންނޯ......"
މަދީނާ ފިނިވެފައިވާ އަތްތިލަ ފޮހެލަމުން އެ ފޮށި ހުޅުވާލިއެވެ. އޭނަ ހިމޭންކަން ޚިޔާރުކުރީ މިއީ މީކާއިލް ފޮނުވި އެއްޗެއް ނޫންކަމަށް އޭނަގެ ހިތް ބުނާތީއެވެ.
ނުނިމޭ