ކޭންގެ ދިގު އިންތިޒާރަށް ފޮނި ނިމުމެއް، ފުރަތަމަ ތަށި ޔަގީންވެއްޖެ

ޖަރުމަނު ބުންޑެސްލީގާގެ ޗެމްޕިއަންކަން މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމުގައިވާ ބަޔާން މިޔުނިކުން ކާމިޔާބުކޮށްފިއެވެ.

މިއާ އެކު ހެރީ ކޭން ތައްޓަކަށް ކުރަމުން އައި ދިގު އިންތިޒާރަށް މި ވަނީ ނިމުން އައިސްފައެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ބަޔާންއަށް ލިބުނީ މިދިޔަ ސީޒަންގެ ޗެމްޕިއަން ބަޔާ ލެވަކޫސެންއާއި އެސްސީ ފްރެއިބާގް ބައްދަލުކުރި މެޗުން ލެވަކޫސެންއަށް މޮޅު ނުވެވުމުންނެވެ. ލެވަކޫސެންއާއި ފްރެއިބާގް ބައްދަލުކުރި މެޗު 2-2 އިންވީ އެއްވަރެވެ. މި ނަތީޖާއާ އެކު މުބާރާތުގައި މިހާރު ކޮންމެ ޓީމަކަށް ބާކީ ދެ މެޗު އޮތްއިރު ބަޔާނާއި ލެވަކުސެންގެ މެދުގައި އަށް ޕޮއިންޓްގެ ތަފާތު އެބަހުއްޓެވެ. އެހެންވެ، ލެވަކޫސެންއަށް ބަޔާންއާ އަރާ ހަމަކުރުމުގެ އެއްވެސް ފުރުސަތެއް މިހާރު ނެތެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ބަޔާންއަށް މިދިޔަ ހޮނިހިރު ދުވަހު ވެސް އޮތެވެ. ނަމަވެސް، އާރްބީ ލެއިޕްޒިގާއި ބައްދަލުކުރި މެޗު 3-3 އިން އެއްވަރުވުމުން، އެކަން ކާމިޔާބުނުވެ، ފަސްވީއެވެ. ބަޔާން މިހާރު އެއްވަނައިގައި އޮތީ 32 މެޗުން ލިބިފައިވާ 76 ޕޮއިންޓާ އެކުއެވެ. ލެވަކޫސެން ދެވަނައިގައި އޮތީ 68 ޕޮއިންޓާ އެކުއެވެ. އެހެންކަމުން ބަޔާންއިން މިވަނީ ބުންޑެސްލީގާގެ ތަށި 32 ވަނަ ފަހަރަށް ކާމިޔާބުކޮށްފައެވެ.

ބުންޑެސްލީގާގެ ތައްޓާ އެކު އިނގިރޭސި ހުނަރުވެރި ފޯވާޑް ހެރީ ކޭން ތައްޓަކަށް ކުރަމުން އައި އިންތިޒާރު މި ވަނީ ނިމުމަކަށް އައިސްފައެވެ. މިއީ އޭނާގެ ފުރަތަމަ ޓްރޮފީއެވެ.

comment ކޮމެންޓް