އެއާޕޯޓަށް ދިން ހަމަލާގެ ބަދަލު ހިފާނަން: ނަތަންޔާހޫ

އިސްރާއީލުގެ ބެން ގުރިއަން އެއާޕޯޓަށް ދިން ހަމަލާއާ ގުޅިގެން އެ ސަރަހައްދު ސާުފުކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ. ފޮޓޯ/ގެޓީ

އިސްރާއީލުގެ ބައިނަލްއަގުވާމީ މައި އެއާޕޯޓް ކަމަށްވާ ބެން ގުރިއޮން އެއާޕޯޓަށް ޔަމަންގެ ހޫޘީން ދިން މިސައިލް ހަމަލާގެ ބަދަލު ހިފާނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި ނަތަންޔާހޫ ބުނީ މީގެކުރިން ވެސް ހަމަލާދީފައިވާނެ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ހަމަލާދޭނެ ކަމަށެވެ.

އީރާނުގެ ތާއީދު އޮންނަ ހޫޘީން ޔަމަނުން ފޮނުވާލި މިސައިލް އަމާޒުވީ އާދީއްތަ ދުވަހުގެ ހެނދުނު ބެން ގުރިއަން އެއާޕޯޓުގެ މައި ޓާމިނަލް ކައިރިއަށް ކަމަށް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

އެ ހަމަލާގައި ހަތަރު މީހަކަށް އަނިޔާވެފައިވާއިރު، އިތުރު ދެމީހަކު ޒަޚަމްވެފައިވާ ކަމަށް އިމަޖެންސީ ސާވިސްއާ ހަވާލާދީ އިސްރާއީލުގެ މީޑިއާތަކުން ބުނެއެވެ.

ހޫޘީ އަސްކަރިއްޔާގެ ތަރުޖަމާނު ޔަހްޔާ ސާރީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިސްރާއީލުގެ އެއާޕޯޓަކީ ވައިގެ ދަތުރުތަކަށް މިހާރު ރައްކާތެރި އެއާޕޯޓެއް ނޫން ކަމަށެވެ.

ހަމަލާއާ ގުޅިގެން އިސްރާއީލުގެ ވައިގެ ދަތުރުފަތުރިތައް ހުއްޓުމަކަށް އައި ނަމަވެސް މިހާރު ވަނީ ދަތުރުކުރެވޭ ގޮތަށް ހުޅުވާލާފައެވެ. ނަމަވެސް ލުފްތަންސާ، އެއާ ފްރާންސް އަދި ޑެލްޓާ ފަދަ ބޮޑެތި ބައެއް އެއާލައިންތަކުން އެ އެއާޕޯޓަށް ކުރާ ދަތުރުތައް އަދި ފަށާފައެއް ނުވެއެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާދޭން ފެށުމާއެކު، ފަލަސްތީނަށް ތާއީދުކުރުމުގެ ގޮތުން ހޫޘީން އަންނަނީ އިސްރާއީލަށާއި އެމެރިކާއަށް ހަމަލާތައް ދެމުންނެވެ.

އަދި ރަތްކަނޑުގައި ދަތުރުކުރާ އިސްރާއީލާއި ގުޅުން ހުރި އުޅަނދުތަކަށް ހޫޘީން އަންނަނީ ހަމަލާތައް ދެމުންނެވެ. ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން މިދިޔަ ޖެނުއަރީ މަހު އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތައް މެދުކަނޑާލުމާ އެކު ކަނޑުމަތީގެ ހަމަލާތައް ވެސް ވަނީ ހުއްޓާލާފައެވެ.

ނަމަވެސް އެއްބަސްވުމާ ޚިލާފުވެ އިސްރާއީލުން ޣައްޒާގެ އާންމުންނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ވާތީ އަލުން ހަމަލާތައް ފަށާނެ ކަމަށް ކުރިން ވެސް އޮތީ އިންޒާރު ދީފައެވެ.

comment ކޮމެންޓް