އީރާނު ބަނދަރުގެ އަލިފާނުގެ ހާދިސާ: ސަރުކާރު މެނޭޖަރެއް ހިމެނޭހެން 2 މީހަކު ހައްޔަރުކޮށްފި

އީރާނުގެ ޝަހިދު ރަޖައީ ބަނދަރުގައި ގޮވި ގޮވުމުގެ ސަބަބުން ދުން އަރަނީ. ފޮޓޯ/ރޮއިޓާސް

އީރާނުގެ އެންމެ ބޮޑު ވިޔަފާރި ބަނދަރުގައި މިދިޔަ މަހު 26 ވަނަ ދުވަހު ބާރުގަދަ ގޮވުމެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ ޓީވީ (އައިއާރްއެންއޭ) އިން ބުނެފިއެވެ.

އެ ދެ މީހުންގެ ތެރޭގައި ސަރުކާރުގެ އޮފިޝަލަކު ވެސް ހިމެނޭ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

އީރާނުގެ ދެކުނުގައި އޮންނަ ޝަހީދު ރަޖައީ ބަނދަރުގައި ހިނގި އެ ހާދިސާގައި 57 މީހުން މަރުވެ، ހާހަކަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

ތަހުގީގު ކޮމިޓީގެ ރިޕޯޓަކާ ހަވާލާދީ އައިއާރްއެންއޭ އިން ބުނީ ހައްޔަރުކޮށްފައިވަނީ ސަރުކާރުގެ މެނޭޖަރަކާއި އާންމުންގެ މީހަކު ކަމަށެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އާ ގުޅުން ހުރި މީހަކާ ހަވާލާދީ ނިއުޔޯކް ޓައިމްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ބަނދަރުގައި ގޮވި އެއްޗަކީ މިސައިލް އުފެއްދުމަށް ބޭނުންކުރާ މާއްދާއެއް ކަމަށްވާ، ސޯޑިއަމް ޕާކްލޯރޭޓެވެ.

ނަމަވެސް އެ ސަރަހައްދުގައި އަސްކަރީ ބޭނުންތަކަށް އިމްޕޯޓު ނުވަތަ އެކްސްޕޯޓުކުރަން ތައްޔާރަށްހުރި މުދަލެއް ވެސް ނެތް ކަމަށް އީރާނުގެ ދިފާއީ ވަޒީރުގެ ތަރުޖަމާނު ރަޒާ ތަލާއީ-ނިކް ވަނީ ވިދާޅުވެފައެވެ.

ޝާހިދު ރަޖާއީ ބަނދަރަކީ އީރާނުގެ އެންމެ ޒަމާނީ ކޮންޓެއިނަރު ބަނދަރު ކަމަށް އައިއާރްއެންއޭ އިން ބުނެއެވެ.

އެ ބަނދަރަކީ ދުނިޔޭގައި އުފައްދާ ހުރިހާ ތެލެއްގެ ފަސްބައިކުޅަ އެއްބައި އުފުލާ ހޮރްމޫޒް ކަނޑުއޮޅި ކައިރީގައި އޮންނަ ބަނދަރެކެވެ.

comment ކޮމެންޓް