ގަތަރުގެ ޝާހީ އާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ ޝެއިޚް ނާއިފް ބިން އަލް ޘާނީގެ ގްލޯބަލް އިންވެސްޓްމަންޓްސް ކުންފުންޏާއި ދިވެހި ސަރުކާރާ ގުޅިގެން މާލެ ސަރަހައްދުގައި 8.8 ބިލިއަން ޑޮލަރުގެ ފައިނޭންޝަލް ސެންޓަރެއް ހެދުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި ކަމަށް ޓަކައި ކުރުނބާ މޯލްޑިވްސްގައި މިރޭ ބޭއްވި ހަފުލާގައި ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އަދި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން މަރުވާން އަލްހާޖެރީއެވެ.
އެ މަޝްރޫއު އިއުލާންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، އެ ސެންޓަރަކީ ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ފިންޓެކްގެ އީޖާދީ ވިސްނުމާއި އެހެނިހެން ޒަމާނީ މާލީ ފުރުސަތުތަކަށް ހުޅުވާލާނެ ސެންޓަރެކެވެ.
ގަތަރާއެކު އެއްބަސްވުން ހެދުން: ގަތަރާއެކު ކުރިއަށްގެންދާ މި މަޝްރޫއަކީ 8.8 ބިލިއަން ޑޮލަރުގެ މަޝްރޫއެއް -- ފޮޓޯ/ ރައީސް އޮފީސް
މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި ސެންޓަރަކީ އިގުތިސާދީ ރަމްޒަކަށްވާނެ ކަމަށެވެ.
އެ ބިޔަ މަޝްރޫއުގެ ދަށުން، ފައިނޭންޝަލް ސެންޓަރުގައި އެންމެ ޒަމާނީ ކޮންފަރެންސް ސެންޓަރަކާއި، ތިން އޮފީސް ޓަވަރާއި، މަޝްހޫރު ހޮޓެލްތަކުގެ އިތުރުން، އިންޓަނޭޝަނަލް ސްކޫލެއް ވެސް ހިމެނޭނެއެވެ. އަދި މަތީ ފެންވަރުގެ އޯޝަން ފްރޮންޓު ގެތަކާއި، ލަގްޒަރީ ފިހާރަތަކާއި ދުނިޔޭގެ ފެންވަރުގެ ކުޅިވަރު ދަނޑުތަކާއި، އޯޝަނޯގްރެފިކް މިއުޒިއަމަކާއި މިސްކިތެއް ވެސް ހެދުމަށް ހަމަޖެހިފައިވެއެވެ.
އެމްއައިއެފްސީން ބުނީ އެ ތަނުގައި ހަރަކާތްތެރިވާ ކުންފިތަކުން ޓެކްސް ދައްކަން ނުޖެހޭނެ ކަމަށާއި، ވަކި މުއްދަތެއްގައި ދިރިއުޅެން މަޖުބޫރެއް ވެސް ނުވާނެ ކަމަށެވެ.
އެމްއައިއެފްސީން ބުނީ، ޖުމްލަ 780،000 އަކަމީޓަރުގެ ސަރަހައްދެއްގައި އެ ސެންޓަރު ގާއިމްކުރަން ދީފައިވަނީ 6،500އަށް ވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ ގޮތަށް އަދި ދުވާލަކު 35،000 މީހުން ޒިޔާރަތްކުރާނެ ކަމަށް ބަލައިގެން ކަމަށެވެ.
ޝެއިޚް ނާއިފް ބިން އަލް ޘާނީ އާއި ޔޫއޭއީ، ސައުދީ އަރަބިއްޔާ އަދި ބައެއް އެހެން ގައުމުތަކުގެ ވިޔަފާރިވެރިން ވެސް ވަނީ މި ހަފުލާގައި ބައިވެރިވެ ވަޑައިގެންފައެވެ.