ޔުނައިޓެޑް ލީގުގައި 16 ވަނަ މެޗުން ބަލިވެއްޖެ

މި މެޗުގައި ކެވިން ޝާޑު ވަނީ ދެ ލަނޑު ޖަހައިފައި --

އިންގްލިޝް ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ބްރެންޓްފަޑް ބައްދަލުކުރި މެޗުން ޔުނައިޓެޑް ބަލިވެ, މި ފަހަރު ލީގުގައި 16 ވަނަ މެޗުން އެ ޓީމު ބަލިވެއްޖެއެވެ.

ބްރެންޓްފަޑްގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރައި ހަތަރު ލަނޑު ތިން ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗަށް ޔުނައިޓެޑުން ނިކުމެފައިވަނީ އެންމެ ފަހުން ޔުއޭފާ ޔޫރޮޕާ ލީގުގެ ސެމީފައިނަލްގެ ފުރަތަމަ ލެގުގައި އެތުލެޓިކް ބިލްބާއޯ އާއި ބައްދަލުކޮށް ތިން ލަނޑު ސުން ލަނޑުން މޮޅުވި ޓީމަށް އަށް ބަދަލު ގެނެސްގެންނެވެ. މިގޮތުން މިމެޗުގައި ޔުނައިޓެޑްގެ ފުރަތަމަ އެގާރައިގައި އެ މެޗުގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން ހިމެނުނީ ޕެޓްރިކް ޑޯގޫ، މެނުއެލް އުގާޓޭ އަދި އަލެހަންޑްރޯ ގެނާޗޯއެވެ.

އެ ބަދަލުތަކާއެކު ވެސް މިމެޗުގެ ފެށުން ރަނގަޅުވީ ޔުނައިޓެޑްގެއެވެ. މިގޮތުން މެޗުގެ 14 ވަނަ މިނެޓުގައި ޔުނައިޓެޑުންވަނީ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް މެޗުގެ ލީޑު ނަގައިފައެވެ.

މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މޭސަން މައުންޓްއެވެ. ނަމަވެސް މިމެޗުގެ 27 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް އަޅައިގެން މިމެޗުގައި ކުޅުނު ލޫކް ޝޯ އަތުން ބައިކޮޅަށް ވަން ލަނޑާއެކު މެޗުގެ އޮއެވަރު ބަދަލުވެގެންދިޔަތަން ފެނިގެންދިޔައެވެ. އަދި މެޗުގެ 33 ވަނަ މިނެޓުގައި ކެވިން ޝާޑު ޖަހައިދިން ލަނޑުން މިމެޗުގެ ލީޑު ބްރެންޓްފަޑް އިން ނެގިއެވެ.

މިމެޗުގައި ބްރެންޓްފަޑްގެ ތިންވަނަ ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީވެސް ޝާޑުއެވެ. މިއީ އޭނާ މިސީޒަންގައި ބްރެންޓްފަޑްއަށް ކާމިޔާބު ކޮށްދިން 11 ވަނަ ލަނޑެވެ. އަދި މިލަނޑު ޖެހިތާ ހަތަރު މިނެޓް ފަހުން ބްރެންޓްފަޑްގެ ފަހު ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޔޮއާން ވީސާއެވެ. މިމެޗުގައި ޔުނައިޓެޑްގެ ދެވަނަ ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި ގެނާޗޯ ކާމިޔާބު ކޮށްދިން އިރު ފަހު ލަނޑު އިތުރު ވަގުތުގެ ފަސް ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އަމަޑް ޑިއާލޯއެވެ.

މިލަނޑާއެކު މެޗުގެ ފަހު ވަގުތު ކޮޅުގެ ފޯރިގަދަވި ނަމަވެސް މެޗުގެ ނަތީޖާއަށް އިތުރު ބަދަލެއް އައިސްފައެއް ނުވެއެވެ.

މި ކާމިޔާބީއާއެކު ބްރެންޓްފަޑް މިހާރު އުޅެނީ 52 ޕޮއިންޓާއެކު ތާވަލްގެ ނުވަ ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި މިއާއެކު އެޓީމުން މިއަންނަ ސީޒަންގައި ޔޫރަޕްގައި ކުޅުމަށް ކުރާ އުންމީދު މިވަނީ އަނެއްކާ އާވެގެން ގޮސްފައެވެ. މިނާކާމިޔާބީ އާއެކު ޔުނައިޓެދް އުޅެނީ 39 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައިގައެވެ. އަދި އެ ޓީމުގެ ހުރިހާ ވެސް ވިސްނުމެއް ހުރީ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި ބިލްބާއޯއާ ދެކޮޅަށް ކުޅޭ މެޗަށްކަން ވަރަށް ރަނގަޅަށް ހާމަވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު