ސަވާބު ވަރަށް ބޭނުމެވެ. ގިނައިން ވެސް ބޭނުމެވެ. ތިން މިލިޔަނަކީ ވަރަށް ބައިވަރެވެ. އެހެންކަމުން އެ ކަމަށް ކުރަންޖެހޭ މަސައްކަތް ވެސް މަދެއް ނުވާނެއެވެ. އެކަމަކު ބުނަން މި އުޅެނީ މާ އުނދަގޫ ކަމެއްގެ ވާހަކައެއް ނޫނެވެ. ކުރަންވީ ކަމަކީ ޤުރުއާން ކިޔެވުމެވެ. މުޅި ޤުރުއާން ކިޔެވުމުގެ ސަވާބު، ވަރަށް މަދު އާޔަތް ކޮޅަކުން ލިބެން އޮތް ވާހަކައެވެ.
ކީރިތި ޤުރުއާނުގެ ތިންބައިކުޅައެއްބައި ކިޔެވުމުގެ އަޖުރު ހޯދުމަށް އޮތް ފަސޭހަ މަގެއް ދަންނަމު ހެއްޔެވެ؟ އެނގޭ ނަމަ، ކިތަންމެހާ ވެސް ރަނގަޅެވެ. އެހެން ވެއްޖެއްޔާ، މި ލިޔުމުން އިތުރު ތާޒާކަމެއް ލިބޭނެ ކަމަށް ބެލެވެއެވެ. މި ކަން ނޭނގޭ ފަރާތްތަކަށް މި ލިޔުމުން ބޮޑަށް ފައިދާ ކުރާނެ ކަމަށް އުންމީދުކުރަމެވެ.
ކީރިތި ޤުރުއާނަކީ ﷲގެ ކަލާމްފުޅެވެ. އެންމެ ފަހުން ބާވައިލެއްވުނު އިލާހީ ރިސާލަތެވެ. އިންސާނުންނަށް އޮތް ހިދާޔަތެކެވެ. ދިރިއުޅުމުގެ މަންހަޖެވެ. ޤުރުއާނުގެ އެންމެ ހިތްގައިމުކަމަކީ އެ ފޮތުން ކިޔަވާ ކޮންމެ އަކުރަކަށް އަޖުރު ލިބޭގޮތައް އޮންނަ އޮތުމެވެ. ކީރިތި ޤުރުއާން ކިޔެވުމުގެ ނިޔަތުގައި ކިޔައިފި ކޮންމެ އަކުރަކަށް 10 ސަވާބު އެ މީހެއްގެ ޢަމަލުނާމާގައި ލިޔުއްވާނެ ކަމަށް ޞައްޙަ ޙަދީޘްގައި ވެއެވެ. «مَنْ قَرَأَ حَرْفًا مِنْ كِتَابِ اللَّهِ فَلَهُ بِهِ حَسَنَةٌ، وَالحَسَنَةُ بِعَشْرِ أَمْثَالِهَا، لَا أَقُولُ الم حَرْفٌ، وَلَكِنْ أَلِفٌ حَرْفٌ وَلَامٌ حَرْفٌ وَمِيمٌ حَرْفٌ» [رواه الترمذي وصححه الألباني] މާނައީ: "ﷲގެ ފޮތުން އެންމެ އަކުރެއް ކިޔަވައިފި މީހާއަށް ވެސް ހެޔޮ ކަމެއް ވެއެވެ. ކޮންމެ ހެޔޮ ކަމެއް އޭގެ ދިހަ ހެޔޮކަންފަދައެވެ. الـــم އެއީ އެންމެ އަކުރެއް ކަމުގައި ތިމަންކަލޭގެފާނު ޙަދީޘެއްނުކުރައްވަމެވެ. އެހެނެއްކަމަކު "ا" އަކީ އަކުރެކެވެ. "ل" އަކީ އަކުރެކެވެ. އަދި "م" އަކީ ވެސް އަކުރެކެވެ."
މުޅި ޤުރުއާނުގައި ތިން ލައްކައަށްވުރެ ގިނަ އަކުރު އޮންނަކަމަށް އެ ކަން ބަލައި ދިރާސާކުރި ފަރާތްތަކުން ބުނެއެވެ. މި އަދަދު ދިހަޔަކާ ގުނަކުރުމުން ނުކުންނާނެ ނަތީޖާއަކީ ތިން މިލިޔަނަށްވުރެ ގިނަ އަދަދެކެވެ. މީގެ މާނައަކީ ޤުރުއާން އެއްކޮށް ކިޔަވައި ނިންމާ ކޮންމެ ފަހަރަކު ކަށަވަރުވެ ޔަޤީން އެވަނީ ތިން މިލިއަނަށްވުރެ ގިނަ އަޖުރު ތިބާގެ އުޚްރަވީ އެކައުންޓަށް ޖަމާކުރެވޭ ކަމެވެ. މި އަޖުރުގެ ތިންބައި ކުޅަ އެއްބަޔަކީ އެއް މިލިޔަނެއްހައި އަޖުރެވެ. މާނައަކީ މުޅި ޤުރުއާނުގެ ތިންބައިކުޅަ އެއްބައި އަޖުރުގެ ޢަދަދަކީ އެއް މިލިއަނެވެ. މިއީ ވަރަށް ގިނަ ސަވާބެވެ. މިހާ ގިނަ ސަވާބު ފަސޭހަ އިން ހޯދޭނެ މަގެއް ކީރިތި މާތް ނަބިއްޔާ މުޙައްމަދު صَلَّى اللَّهُ عَلَيْهِ وَسَلَّمَ ވަނީ ބަޔާން ކޮށްދެއްވައިފައެވެ.
ކީރިތި ޤުރުއާނުގެ ތިންބައިކުޅަ އެއްބައިގެ ބުރަދަން ހުންނަ ސޫރަތެއް އޮންނަ ކަމަށް ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ވަނީ ބަޔާންކުރައްވައިފައެވެ. އެއީ ސޫރަތުލް އިޚްލާޞެވެ. އެއީ ( قل هو الله أحد ) ސޫރަތެވެ. އަބޫ ސަޢީދުގެ ކިބައިން އިމާމް ބުޚާރީ ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ. «أَنَّ رَجُلًا سَمِعَ رَجُلًا يَقْرَأُ قُلْ هُوَ اللَّهُ أَحَدٌ يُرَدِّدُهَا فَلَمَّا أَصْبَحَ جَاءَ إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَذَكَرَ ذَلِكَ لَهُ، وَكَأَنَّ الرَّجُلَ يَتَقَالُّهَا [أي يراها قليلة] فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: (وَالَّذِي نَفْسِي بِيَدِهِ إِنَّهَا لَتَعْدِلُ ثُلُثَ الْقُرْآنِ)» (البخاري: 6643) މާނައީ: "މީހަކު ރޭގަނޑުގެ ނަމާދުގައި ތަކުރާރުކޮށް (قل هو الله أحد) ސޫރަތް ކިޔަވާ އަޑު އެހެން މީހަކަށް އިވުނެވެ. ހެނދުނުވުމުން އެ އަޑު އެހި މީހާ رَسُول اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَގެ އަރިހަށް ދިޔައެވެ. އަދި ރޭގައި އޭނާއާ ދިމާވި ކަންތަކުގެ ވާހަކަ އެކަލޭގެފާނަށް ދެންނެވިއެވެ. އެ ކަން ދެއްނެވީ އެ މީހާ މާ މަދުން ޤުރުއާން ކިޔެވި ކަމަށް ބެލެވޭތީއެވެ. ފަހެ އިތުރު އެކަލޭގެފާނު صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހަދީޘްކުރެއްވިއެވެ. "އެފަރާތެއްގެ އަތްޕުޅުގައި ތިމަން ކަލޭގެނާފުގެ ފުރާނަފުޅުވާ ފަރާތް ގަންދެއްވަމެވެ. އޭނާ ކީރިތި ޤުރުއާނުގެ ތިންބައިކުޅަ އެއްބައި ކިޔަވައިފިއެވެ."
ބަޔާންވެ ދިޔަ ޙަދީޘުން އެނގެނީ (قل هو الله أحد) ސޫރަތް އެއީ ކީރިތި ޤުރުއާނުގެ ތިންބައިކުޅަ އެއްބައި ކަމުގައެވެ. އަދި ނަމާދުތަކުގައި އެ ސޫރަތް ކިޔެވުމަކީ އެދެވިގެންވާ ކަމެއް ކަމުގައެވެ. ޝައިޚް ބިންބާޒް (ރަޙިމަހު ﷲ)އާ ސުވާލު ދެންނެވުނެވެ. މީހަކު މި ސޫރަތް 3 ފަހަރު ކިޔަވައިފިއްޔާ އޭނާއަށް މުޅި ޤުރުއާން ކިޔެވުނު ކަމަށް ވާނެތޯއެވެ؟ ޖަވާބުގައި ޝައިޚު ވިދާޅުވީ "މުޅި ޤުރުއާން ކިޔެވުމުން ލިބޭ މިންވަރަށް ސަވާބު އޭނާއަށް ލިބޭނެއެވެ. ނަމަވެސް އޭނާ މުޅި ޤުރުއާން ކިޔެވި ކަމަކަށް ނުވާނެއެވެ. އެހެނީ ޤުރުއާނުގައި އޮތީ ވަރަށް ގިނަ ވާހަކަތަކާއި ޙުކުމްތަކެވެ. (قل هو الله أحد) ސޫރަތް ކިޔެވުމުން ލިބެނީ މުޅި ޤުރުއާން ކިޔެވުމުގެ އަޖުރު ނުވަތަ ސަވާބުގެ ތިންބައިކުޅައެއްބައެވެ. އަދި އެ ސޫރަތް 3 ފަހަރު ކިޔަވައިފިނަމަ މުޅި ޤުރުއާން ކިޔެވުމުން ލިބޭ މިންވަރަށް އަޖުރު ލިބޭނެއެވެ."
އަޅުގަނޑުމެން އެންމެންނަކީ ވެސް އެ ސޫރަތް ކިޔަވަން ދަންނަ މީހުންނެވެ. ބޮޑެތި މީހުންނާއި ކުޑަ ކުދިންނަށް ވެސް އެއީ ވަރަށް ފަސޭހައިން ކިޔަވައި ދަސްކުރެވިދާނެ ކުރު ސޫރަތެކެވެ. އެ ސޫރަތް މާނަޔާ އެކު ދަސްކުރުން ވެސް އުނދަގުލެއް ނުވާނެއެވެ. ﴿قُلْ هُوَ اللَّهُ أَحَدٌ﴾ (١) މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އެއްކައުވަންތަ اللَّه އެވެ." ﴿اللَّهُ الصَّمَدُ﴾ (٢) މާނައީ: "ﷲ އީ، އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް، އެކަލާނގެ ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެއެވެ." ﴿لَمْ يَلِدْ وَلَمْ يُولَدْ﴾ (٣) މާނައީ: "އެކަލާނގެއަކަށް އެއްވެސް އެއްޗެއް އުފަންވެގެނެއް ނުވެއެވެ. އަދި އެއްވެސް އެއްޗަކަށް އެކަލާނގެ އުފަންވެވޮޑިގެނެއް ވެސް ނުމެވޭމެއެވެ." ﴿وَلَمْ يَكُن لَّهُ كُفُوًا أَحَدٌ﴾ (٤) މާނައީ: "އަދި އެކަލާގެއާ އެއްފަދަވެގެންވާ، ހަމަ އެކަކު ވެސް ނުވެއެވެ." (سورة الإخلاص)
ލޮބުވެތި ހުރިހާ ކިޔުންތެރިންނަށާއި އަޅުގަނޑުގެ އަމިއްލަ ނަފުސަށް ކުރާ އިލްތިމާސަކީ ވީހައި ގިނައިން މި ސޫރަތް ކިޔެވުމެވެ. މަސައްކަތުގެ ވަގުތުގައްޔާއި، އެ ނޫން ވަގުތު ތަކުގައި ވެސް، މި ސޫރަތް ކިޔެވުމުގެ ސަބަބުން ކީރިތި ޤުރުއާނާ ކައިރިވާ ބަޔަކު ކަމުގައި ވަމާ ހިނގާށެވެ!