އެފްބީއައިގެ ޑިރެކްޓަރު އޮފީހަށް ވުރެ ގިނަ ވަގުތު ނައިޓް ކްލަބްތަކުގައި

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް. ފޮޓޯ/ގެޓީ

ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)ގެ ޑައިރެކްޓަރު ކާޝް ޕަޓޭލް އޮފީހަށްވުރެ ގިނަ ވަގުތު ނައިޓް ކްލަބްތަކުގައި ހޭދަކުރާ ކަމަށް ތުހުމަތުކޮށްފިއެވެ.

އެފްބީއައިގެ އެސިސްޓެންޓް ޑިރެކްޓަރު ފޯ ކައުންޓައިންޓެލިޖެންސްގެ މަގާމު އަދާކުރެއްވި ފްރެންކް ފިގްލިއުޒީ ކުރި އެ ތުހުމަތުގައި ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގެ އިސް މަގާމެއްގައި ހުންނެވި އޮފިސަރު, އެފްބީއައިއިން ފެންނަލެއް ވަރަށް މަދު ކަމަށެވެ.

އޮފީހަށްވުރެ ގިނަ ވަގުތު އޭނާ އެހެން ތަނެއްގައި ވަގުތު ހޭދަކުރާތަން ފެނިފައިވާ ކަމަށް ފިގްލިއުޒީ ވިދާޅުވިއެވެ.

އަދި އޭނާއަށް ކޮންމެ ދުވަހަކު ދޭ ބްރީފިން މިހާރު ދެނީ ހަފުތާއަކު ދެ ފަހަރު ކަމަށްވެސް ފިގްލިއުޒީ ވިދާޅުވިއެވެ.

އެމެރިކާގެ ޓޯކް ޝޯގައި އިތުރަށް ވާހަކަ ދައްކަވަމުން ފިގްލިއުޒީ ވިދާޅުވީ އިންޑިއާ ދަރިކޮޅަށް ނިސްބަތްވާ ޕަޓޭލް އޭނާގެ ވަގުތު ބަހާލަނީ ވޮޝިންޓަން ޑީސީ އާއި ލަސްވެގަސްގައި ހުންނަ އޭނާގެ ގެއާ ދެމެދު ކަމަށެވެ. އަދި ފާއިތުވެދިޔަ ހަފުތާގައި އޭނާ އޮފީހުގެ މަސައްކަތްކުރީ ގޭގައި ކަމަށްވެސް ފިގްލިއުޒީ ވިދާޅުވެފައިވެއެވެ.

ފިގްލިއުޒީ އެގޮތަށް ވާހަކަ ދައްކާފައި ވަނީ ކާޝް ޕަޓޭލް ސަރުކާރުގެ މަތިންދާބޯޓުތަކާއި ޚާއްސަކޮށް އެފްބީއައިގެ އަމިއްލަ ޖެޓް ފްލީޓް ބޭނުންކުރި މައްސަލަ ތަހުގީގު ކުރުމަށް ސެނެޓްގެ ޑިމޮކްރެޓުން ޑިމާންޑް ކުރަމުންދާ ދަނޑިވަޅެއްގައި ކަމަށް ސީބީއެސް ނޫހުގެ ރިޕޯޓަކާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

comment ކޮމެންޓް