ޔަމަނުގެ އާ ބޮޑުވަޒީރު ކަމަށް މާލީ ވަޒީރު ހަމަޖައްސައިފި

ޔަަމަނުގެ ބޮޑުވަޒީރު ކަމަށް އައްޔަންކުރި ސަލީމް ބިން ބްރައިކް. ފޮޓޯ/އިންގްލިޝް އަރަބިއާ

ބައިނަލްއަގުމާވީ މުޖުތަމައުން ބަލައިގަނެފައިވާ ޔަމަނު ސަރުކާރުގެ އާ ބޮޑުވަޒީރު ކަމަށް މާލީ ވަޒީރު، ސަލީމް ބިން ބުރައިކް ހަމަޖައްސައިފިއެވެ.

ސަލީމް ބޮޑުވަޒީރުކަމުގެ މަގާމަށް ހަމަޖެއްސީ ސަރުކާރުގެ މަސައްކަތްތަކުގައި ގިނަގުނަ ދަތިތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަނެ، ސަރުކާރަށް ގެންނަންޖެހޭ ބަދަލުތައް ނުގެނެވޭތީ ކަމަށް ވިދާޅުވެ، ޔަމަނުގެ ކުރީގެ ބޮޑުވަޒީރު އަޙުމަދު ޣަވާދު ބިން މުބާރަކް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ނަމަވެސް ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މުބާރަކް އިސްތިއުފާ ދެއްވާފައި ވަނީ ޔަމަނުގެ ރިޔާސީ ކައުންސިލްގެ އިސްވެރިޔާ، ރަޝާދް އަލް-އާލިމީއާ ދެބޭފުޅުން ދެބަސްވެވަޑައިގެންފައި ވަނިކޮށް ކަމަށެވެ. ސަރުކާރަށް ނިސްބަތްވާ 12 ވަޒީރަކު ވަކިކުރުމަށް މުބާރަކް ހުށަހެޅުއްވުމުން އެ ކަމަށް އަލް-އާލިމީ ދެކޮޅު ހައްދަވާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އިސްތިއުފާގެ ސިޓީގައި ބިން މުބާރަކް ވިދާޅުވީ ހުރަސްތަކާ އެކު ވެސް މާލީ އަދި އިދާރީ އިސްލާހުތަކާއެކު ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ކަމަށެވެ.

ޔަމަނުގެ ބޮޑުވަޒީރުގެ މަގާމަށް މުބާރަކް އައްޔަނު ކޮށްފައި ވަނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޚާރިޖީ ވަޒީރުގެ މަގާމުގައި ހުންނަވަނިކޮށެވެ.

ބޮޑުވަޒީރުގެ މަގާމުން މުބާރަކް އިސްތިއުފާ ދެއްވާފައި ވަނީ ޙޫޘީންނަށް އަމާޒުކޮށް އެމެރިކާއިން ޔަމަނަށް ދެމުންދާ ހަމަލާތައް ވަރުގަދަ ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް