ހޫޘީންގެ ހައިޕާ ސޮނިކް މިސައިލެއް އިސްރާއީލުގެ މައި އެއާޕޯޓަށް އަރައިފި

ހޫޘީންގެ މިސައިލް ވެއްޓުނީ އިސްރާއީލުގެ މައި އެއާޕޯޓުގެ މެދުތެރެއަށް

ޓެލްއަވީވު (4 މެއި 2025) : ޔަމަނުން ފޮނުވާލި ހައިޕާ ސޮނިކް މިސައިލެއް އިސްރާއީލުގެ މައި އެއާޕޯޓްކަމަށްވާ ބެންގޯރިޔޮން އެއާޕޯޓަށް އެރުމުގެ ސަބަބުން އެއެއާޕޯޓް ބަންދުކޮށްފިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާ ބުނާގޮތުން ޔަމަނުން ފޮނުވާލި މިސައިލް މަތަކުރުމަށް ވައިގެ ދިފާއީ ނިޒާމުގެ ހަތަރު ލޭޔަރު ބޭނުންކުރި ނަމަވެސް އެއިން އެއްްވެސް ނޒާމަކުން ޔަމަންގެ މިސައިލް ނުހުއްޓުވި ވެއްޓިފައިވަނީ ބެންގޯރިޔޮން އެއާޕޯޓަށެވެ.

ޔަމަންގެ ހޫޘީން އިސްރާއީލަށް ފޮނުވާލި މިސައިލް ހުއްޓުވުމަށް އިސްރާއީލުގެ އާރޯ ދިފާއީ ނިޒާމާއި އެމެރިކާގެ ތާޑް ވައިގެ ދިފާއީ ނިޒާމު އަދި އިސްރާއީލުގެ އަޔަންޑޯމް ނިޒާމުގެ އިތުރުން އެމެރިކާގެ ޕެޓްރިއޮޓް ދިފާއީ ނިޒާމުވެސް ބޭނުންކުރިކަމަށް ވެއެވެ. ނަމަވެސް ހޫޘީންގެ މިސައިލް މަތަ ނުކުރެވުނީ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާ ވަނީ އެއްބަސްވެފައެވެ.

ހޫޘީންގެ މިސައިލް އިސްރާއީލުގެ މައި އެއާޕޯޓަށް އެރުމާއެކު އިސްރާއީލަށް އަންނަ މަތިންދާ ބޯޓުތަކާއި އިސްރާއީލުން ފުރާ މަތިންދާ ބޯޓުތަކުގެ ދަތުރުތައް ވަނީ އެއްކޮށް ހުއްޓިފައެވެ. ޔަމަންގެ ހޫޘީން އިސްރާއީލަށް ދިން މި ހަމަލާގައި އިސްރާއީލުގެ އަށް މީހަކު ޒަޚަމްވި ކަމަށާއި އަދި ބެންގޯރިޔޮން އެއާޕޯޓަށްވެސް ގެއްލުންތަކެއް ލިބިފައިވާކަމަށް އިސްރާއީލުން ވަނީ އެއްބަސްވެފައެވެ.

ހޫޘީން ދިން މިސައިލް ހަމަލާއަށް ހުރަސްއެޅުމުގައި އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުތައް ނާކާމިޔާބު ވެފައިވާ މައްސަލާގައި މަޝްވަރާ ކުރުމަށް އިސްރާއީލުގެ ކެބިނެޓްގެ ކުއްލި ޖަލްސާއެއް މިހާރު ވަނީ ބާއްވާފައެވެ. މި ޖަލްސާގެ ރިޔާސަތުގައި އިނީ ޣައްޒާގެ ގާތިލް ގެ ނަމުން މަޝްހޫރު ނަތަންޔާހޫއެވެ.

އިސްރާއީލުގެ ދިފާއީ ވަޒީރު އިސްހާގް ކާޓްސް ވަނީ ޔަމަންގެ ހޫޘީން އިސްރާއީލަށް ދިން ހަމަލާގެ ބަދަލުގައި ހަތް ހަމަލާ ޔަމަނަށް ދޭނެ ކަމަށާއި އިސްރާއީލާ ކުޅުމަކީ އެއްވެސް ފަރާތަކަށް ކުރެވޭނެ ކަމެއް ނޫންކަމަށް ބުނެ ހަރުކަށި ބޮޑާ ބަސްތަކުން ހޫޘީންނަށް އިންޒާރު ދީފައެވެ.

ނަމަވެސް ހޫޘީން ކޮންމެ ދުވަހަކު އިސްރާއީލަށް ހަމަލާދޭއިރު ހޫޘީންނަށް ރައްދު ދިނުމުގައި އިސްރާއީލު ވަނީ ނާކާމިޔާބުވެފައެވެ. އިސްރާއީލަށް ޔަމަނަށް ހަމަލާނުދެވޭތީ ޔަމަނަށް ހަމަލާދެނީ އެމެރިކާއިންނެވެ. އެމެރިކާ ދޭ ހަމަލާތަކުން ވެސް ހޫޘީން އަސްކަރީ ގާބިލްކަމަށް އެއްވެސް އަސަރެއް ނުކުރެއެވެ. އުނިކަމެއް ނާދެއެވެ. އެމެރިކާގެ ހަމަލާތަކުގައި ޝަހީދު ވަނީ ޔަމަންގެ އާންމުންނެވެ. އަންހެނުންނާއި ކުޑަކުދިންނެވެ.

އެމެރިކާ ހިންގާ ޖަރީމާތަކުގެ ރައްދުގައި ޔަމަންގެ ޙޫޘީން ވަނީ އެމެރިކާގެ އަގުބޮޑު އެތައް ޑްރޯނެއް ވައްޓާލާފައެވެ. އަދި ހޫޘީގެ ހަމަލާއެއްގައި އެމެރިކާގެ އެފް 18 ގެ ފައިޓާޖެޓެއް ވެސް ވަނީ ވެއްޓިފައެވެ.

ހޫޘީން ކޮންމެ ދުވަހަކު އިސްރާއީލަށް މިސައިލް ހަމަލާތައް ދެއެވެ. ނަމަވެސް ހޫޘީންގެ ގިނަ މިސައިލްތައް އަމާޒަށް ވާސިލް ވުމުގެ ކުރިން އެމެރިކާގެ އެހީއާއެކު އިސްރާއީލުން ވައްޓާލައެވެ. މިފަހަރު ހޫޘީންގެ މިސައިލް ވައްޓާލުމުގައި އިސްރާއީލާއި އެމެރިކާވެސް ނާކާމިޔާބުވީ އެއީ އަޑަށްވުރެ 9 ގުނަ ބާރަށް ދަތުރުކުރާ ހައިޕާ ސޮނިކް މިސައިލަކަށްވާތީ ކަމަށް އަލްޖަޒީރާގެ އަސްކަރީ މުހައްލިލު ފާއިޒް އައްދުވައިރީ ވިދާޅުވިއެވެ.

ޙޫޘީންގެ މިސައިލް ހަމަލާއިން ސަލާމަތް ވުމަށް އިސްރާއިލުގެ ޔަހޫދީންގެ ދެ މިލިޔަން މީހުން ބިންގަރާސްތަކަށް ވަތް ކަމަށާއި ބިރުން ބިންގަރާސްތަކަށް ވަނުމުގެ ތެރޭގައި ތާށިވެގެން ބައެއްމީހުން ޒަޚަމްވިކަމަށް ރިޕޯޓްތައް ބުނެއެވެ.

comment ކޮމެންޓް