އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު, ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް މައްސަލަ ތަހުގީގު ކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އުފެއްދެވި ކޮމިޝަނުގެ މެންބަރުންނަށް 5،000 ރުފިޔާ އާއި 15،000 ރުފިޔާއާ ދެމެދުގެ އެލަވަންސެއް ކޮންމެ މަހަކު ދޭ ގޮތަށް ހަމަޖައްސައިފިއެވެ.
މި މައްސަލައިގެ ތަހުގީގަށް ޚާއްސަ ކޮމިޝަނެއް އެކުލަވައިލީ އޭޕްރީލް 27، 2025ގައި ރައީސްގެ ގަރާރަކުންނެވެ.
މި ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:
- ޑރ. މުޙައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
- ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، ވ. އަލްމާން
- ޑރ. މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641
- ޖަބީން މުޙައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ
- އާމިނަތު އީނާސް، ހ. ހަބަރުގެ
އިއްޔެ ރައީސް ބޭއްވެވި 14 ގަޑިއިރުގެ ދިގު ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވައި ރައީސް ވިދާޅުވީ އެ ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށް ވެސް އެލަވަންސެއް ކަނޑައަޅާފައިވާނެ ކަމަށެވެ.

އިއްޔެ ރައީސް ބޭއްވެވި 15 ގަޑިއިރުގެ ދިގު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް
އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރާއި ސިއްޙީ ދާއިރާގެ މުވައްޒަފަށް ލިބިވަޑައިގަންނަވާނީ މަހަކު 5،000 ރުފިޔާގެ އެލަވަންސެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ އެ ދެބޭފުޅުން ވެސް އެ މަސައްކަތަށް ކަނޑައަޅާފައި ވަނީ ވަޒީފާއިން ވީއްލި، މުސާރަ ވެސް ހިނގާ ގޮތަށް ކަމަށްވުމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް ބާކީ ތިއްބަވާ ބޭފުޅުންނަކީ އެއްވެސް އިތުރު ވަޒީފާއެއް އަދާކުރައްވާ ބަޔަކަށް ނުވުމުން އެއިން ކޮންމެ ބޭފުޅަކަށް 15،000 ރުފިޔާގެ އެލަވަންސެއް ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ކޮމިޝަނަށް އެންމެ ފުރަތަމަ އައްޔަނުކުރެއްވީ ޑރ. މުނައްވަރާއި، އަހުމަދު މުހައްމަދުގެ އިތުރުން ޑރ. މުހައްމަދު ހަބީބެވެ. ނަމަވެސް ކޮމިޝަނަށް ދެ ދުވަސް ވެސް ނުވަނީސް ހަބީބު ވަނީ އިސްތިއުފާދެއްވައިފައެވެ. އޭނާ އިސްތިއުފާ ދެއްވި ސަބަބު ހާމަކޮށްފައިނުވާއިރު، "ސަން"އަށް އެނގިފައިވާ ގޮތުގައި އައްޑޫ ހިތަދޫއަށް ނިސްބަތްވާ ހަބީބާއި، މި މައްސަަލައިގައި ހިމެނޭ ރައުދު ޒިލާލުގެ މަންމައަކީ ދެބެއިންގެ ދެދަރިއަށްވުރެ ދެ ދަރިކޮޅު ދުރު މީހެކެވެ.
އޭރު އެ ކޮމިޝަނަކީ އަންހެނަކަށް އަނިޔާ ލިބުނު މައްސަލައެއް ބަލަން އުފެއްދި ކޮމިޝަނަކަށްވާއިރު، އެ ކޮމިޝަނުގައި އަންހެނަކު ނެތުމުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ފާޑުކިޔައިފައެވެ. އެފަހުން ދެ އަންހެން ބޭފުޅުން ވަނީ ކޮމިޝަނަށް އިތުރުކޮށްފައެވެ.

ކުއްޖާ ވެއްޓުނު ފުރާޅު: އެ އަންހެން ކުއްޖާ ވެއްޓުނީ އަމިއްލައަށް ކަމަށް ފުލުހުން ވަނީ ބުނެފައި -- ސަން ފޮޓޯ
ރިޔާސީ ކޮމިޝަންގެ ރިޔާސަތު ބަލަހައްޓަވާނީ މުނައްވަރު ކަމަށް ގަރާރުގައިވެއެވެ.
ރައީސްގެ ގަރާރަކުން މި ޚާއްސަ ކޮމިޝަން އުފެއްދެވީ އެ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ލިބިދޭ ގޮތަށެވެ. މި ކޮމިޝަނާ މަތިކުރެވޭ މަސައްކަތްތައް ފުރިހަމަވެއްޖެ ކަމަށް ރައީސް ކަނޑައެޅުއްވުމާ ހަމަޔަށް ކޮމިޝަން ދެމިއޮންނާނެ ކަމަށް ރައީސްގެ ގަރާރުގައި ވެއެވެ.
ފުލުހުން ބުނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށެވެ. ނަމަވެސް، ފުލުހުުންގެ ތަހުގީގަށް އިތުބާރު ގެއްލިފައި ވާކަމަށް ބުނެ ގިނަ ޒުވާނުންތަކެއް ވަނީ ސިލްސިލާކޮށް މާލޭގައި މުޒާހަރާތަކެއް ފަށައިފައެވެ.
މި މުޒާހަރާތަކުގައި ސީޕީގެ މަގާމުގައި ހުންނެވި އަލީ ޝުޖާއުއާއި، ހޯމް މިނިސްޓަރު އަލީ އިހުސާނު އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އިސްތުފާ ދިއްވުމަށް ދަނީ ގޮވާލަމުންނެވެ.
މި އަޑުތައް ގަދަވެފައި ވަނިކޮށް، ސީޕީގެ މަގާމުން ޝުޖާއު ވަނީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި އިސްތިއުފާ ދެއްވާފައެވެ. އެއާއެކު އެކްޓިން ސީޕީއަކަށް ފަރުހާދު ފިކުރީ އައްޔަން ކުރިތާ ގަޑިއިރެއް ނުވެ، އޭނާގެ އަތުން މަގާމު ނަގައި، އެ މަގާމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ޑީސީޕީ) އިސްމާއީލް ނަވީން ވަނީ އައްޔަނުކޮށްފައެވެ.