ރަޝިއާއިން އަފްގާން ސަރުކާރަށް އަސްކަރީ އަދި ޖާސޫސީ އެހީ ފޯރުކޮށްދެނީ

މޮސްކޯ (5 މެއި 2025): އަފްޣާނިސްތާނުގައި ވެރިކަންކުރާ ތާލިބާން ޖަމާއަތާއެކު ރަޝިއާ ގާއިމް ކުރާ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް ޓަކައި އައިއެސް ޖަމާއަތާ ދެކޮޅަށް ތާލިބާން ކުރާ ހަނގުރާމައިގައި ތާލިބާނުންނަށް އަސްކަރީ އަދި ޖާސޫސީ ގޮތުން އެހީތެރިވުމަށް ރަޝިއާ ނިންމައިފިއެވެ.

މި ކަން ހާމަކުރައްވާފައިވަނީ ރަޝީޔާއިން އަފްޣާނިސްތާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ގޮތުގައި ހަރަކާތްތެރިވާ ރަޝިއާގެ ޑިޕްލޮމޭޓް ޒަމީރް ކަބްލޮވްއެވެ.

އޭނާ ވިދާޅުވި ގޮތުގައި އަފްޣާނިސްތާނުގައި ބޮން ގޮއްވުންފަދަ ޓެރަރިޒަމްގެ އަމަލުތަކުގައި ހަރަކާތްތެރިވާ އައިއެސްގެ ގޮފި އައިސިސް ޚުރަސާން އާ ދެކޮޅަށް ތާލިބާނުން ކުރާ ހަނގުރާމައަކީ ބައިނަލްއަގްވާމީ ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައެކެވެ.

އެ ހަނގުރާމައިގާ ތާލިބާނުންނަށް ހުރިހާ ގޮތަކުން އެހީތެރިވުމަކީ އަފްޣާނިސްތާނާއި ސަރަހައްދުގެ ހަމަޖެހުމާއި ރަޝިއާގެ ގައުމީ މަސްލަހަތު ރައްކާތެރި ކުރުމާ ވެސް ގުޅިފައިވާ ކަމެކެވެ. ރަޝިއާ ދާދިފަހުންވަނީ ޓެރަރިސްޓް ޖަމާއަތުގެ ލިސްޓުން ތާލިބާން ޖަމާއަތް އުނިކޮށްފައެވެ. އަދި ރަޝިއާ ވަނީ ތާލިބާން ޖަމާއަތާއެކު ހިންގާ ޑިޕްލޮމެޓިކް މުއާމަލާތްތަކާއި އިގްތިސާދީ މުއާމަލާތްތައް ވެސް އިތުރުކޮށްފައެވެ.

އަފްޣާނިސްތާނުގެ ތަރައްގީއަށް ތާލިބާން ހިންގާ މަޝްރޫއުތަކަށް އެހީތެރިވާން ވެސް ވަނީ ފަށާފައެވެ. އަދި އަފްޣާނިސްތާނާއެކު ވިޔަފާރީގެ ހަރަކާތްތައް ވެސް ވަނީ ފަށައިފައެވެ. ޗައިނާ ވެސް ވަނީ ތާލިބާން ޖަމާއަތާއެކު ހިންގާ ޑިޕްލޮމެޓިކް މުއާމަލާތްތަކާއި އިގްތިސާދީ މުއާމަލާތްތައް އިތުރުކޮށް ނާދިރު މައުދަންތަކުގެ ދާއިރާގައާއި އަފްޣާނިސްތާނުގެ ދަނޑުވެރިކަމުގެ ދާއިރާގައި އަފްޣާނިސްތާނުގައި އިންވެސްޓް ކުރަން ފަށާފައެވެ.

ތާލިބާނުންނާ ބޮޑު ދުޝްމަން ކަމެއް ގެންގުޅުނު އިންޑިއާ ވެސްވަނީ ގޮތް ދޫކޮށް ތާލިބާން ސަރުކާރާ މުއާމަލާތް ކުރަން ފަށާފައެވެ. އަދި އަފްޣާނިސްތާނަށް އިގްތިސާދީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް އަލުން ފަށާފައެވެ. މިކަމުގެ ސަބަބުން ތާލިބާން ސަރުކާރުގެ އެކަހެރިކަން ދަނީ ކުޑަވަމުންނެވެ.

އީރާން ވެސް ވަނީ ތާލިބާން ސަރުކާރާއެކު ޓެރަރިޒަމާ ހަނގުރާމަ ކުރުންފަދަ ސަލާމަތީ ކަންކަމުގައާއި އިގްތިސާދީ ކަންކަމުގައި މުއާމަލާތްތައް ކުރަން ފަށައިފައެވެ.

އެހެންވެ އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގެ އެހީއާ ނުލައިވެސް އަފްޣާނިސްތާނުގެ އިގްތިސާދު ރަނގަނޅު ކުރުމާއި ރައްޔިތުންގެ ފުދުންތެރިކަން އިތުރު ކުރުމަށް ތާލިބާން ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކަށްވަނީ ދިރުން ލިބޭގޮތް ވެފައެވެ.

ރަޝިއާ، ޗައިނާ، އިންޑިއާގެ އިތުރުން އީރާން ފަދަ ގައުމުތަކުން ތާލިބާނުންނާ މުއާމަލާކުރުމަކީ އެމެރިކާއާއި ޔޫރަޕް ރުހޭކަމެއް ނޫނެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާގެ މަސްއޫލުވެރިއަކުވަނީ ތާލިބާން ސަރުކާރު އެކަހެރިކުރަން އެމެރިކާ ކުރާ މަސައްކަތަށް ރަޝިއާއާއި ޗައިނާގެ ސަބަބުން ހުރަސްއެޅޭކަމަށް ވިދާޅުވެ އެކަމާ ނުރުހުން ވެގެން ވާހަކަ ދައްކަވާފައެވެ.

ރަޝިއާ، ޗައިނާ، އިންޑިއާ އަދި އީރާނުން ތާލިބާނުންނާ މުއާމަލާތްކުރި ނަމަވެސް ޕާކިސްތާންވަނީ ތާލިބާނުންނާ ވަރަށް ބޮޑަށް ދުޝްމަންވެފައެވެ.

comment ކޮމެންޓް